ލ. ގަމުން ލ. ފޮނަދޫއަށް ސައިަކަލުގައި ދިޔަ އަންހެނަކަށް ދެ ފިރިހެނަކު ފުރައްސާރަ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލ. ގަމުން ފޮނަދޫއަށް ސައިކަލެއްގައި އެކަނި ދިޔަ އަންހެނަކާ ދިމާކުރި ދެ ފިރިހެނުން ވަނީ އެ އަންހެން މީހާގެ އަތުން ފޯނު އަތުލަން މަސައްކަތް ކޮށްފައި ކަމަށާއި އަދި އަންހެން މީހާގެ ހެލްމެޓް ވަލުތެރެއަށް އެއްލާލި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ފުރައްސާރައިގެ ޝިކާރައަކަށް ވީ ފަރާތުން ވަނީ ފޭސްބުކްގައި ޕޯށްޓެއްކޮށްފައެވެ. މި މަހުގެ 23 ވަނަ ދުވަހު އޭނާ ކުރި ޕޯސްޓްގައި ބުނެފައި ވަނީ، މި މަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 6:15 ހާއިރު، ލ. ގަމުން އޭނާ ފޮނަދޫއަށް ދިޔައީ ސައިކަލުގައި އެކަނި ކަމަށާއި، މަތިމަރަދޫއާ ހިސާބުން ސައިކަލެއްގައި އައި ދެ ފިރިހެނަކު އޭނާގެ ފަހަތުން އައި ކަމަށެވެ. އަދި ވަކި ހިސާބަކުން އޭނާ ހެލްމެޓް އެޅުމަށް ސައިކަލު މަޑުކޮށްލުމުން އެމީހުން އޭނާއަށް ގޮވި ކަމަށާއި އަދި ދުއްވާފައި ތި ދަނީ ހާދަ ބާރަކަށޭ އެމީހުން ބުނި ކަމަށް އޭނާ ބުންޏެވެ.

އެމީހުންނާ ދިމާއަށް ރައްދުގައި އެއީ އެމީހުންނާ ބެހޭ ކަމެއް ނޫން ކަމަށް އެ އަންހެން މީހާ ބުނި ކަމަށާއި، އޭގެ ފަހުން އެމީހުން ފޯނު ނަގާ އެ އަންހެން މީހާގެ ވީޑިއޯ ނަގަން ފެށި ކަމަށް ބުނެފައި ވެއެވެ. އެހިސާބުން އެ އަންހެން މީހާ ވެސް އެމީހުންގެ ވީޑިއޯ ނެގީ ކަމަށާއި ދެން އެމީހުން އައިސް ފޯން އަތުލަން މަސައްކަތް ކުރި ކަމަށާއި ފޯނު އަތުނުލެވުނީމަ އެ އަންހެން މީހާގެ ހެލްމެޓް ނަގައި ވަލުތެރެއަށް ހޫރާލި ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.

އެމީހުން ފޯނު އަތުލަން މަސައްކަތް ކުރި ކުރުމުގައި ވާތުގެ ކުޑަހުޅަށް އަނިޔާވި ކަމަށް ވެސް އެ އަންހެން މީހާ ބުނެއެވެ. މި މައްސަލަ ވަގުތުން ފުލުހުންނަށް އޭނާ ރިޕޯޓް ކުރި ކަމަށް ވެސް ބުނެފައި ވެއެވެ. ފުލުހުން ބުނެފައި ވަނީ މި މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 6:45 ގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނި ބަސް ވެސް އެ އަންހެން މީހާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ފަހަތުން އައި ދެ ފިރިހެންުން ބުނި ގޮތުގައި، އެމީހުން ދުއްވި ސައިކަލުގެ ނަންބަރު ބޯޑު ހަލާކު ކޮށްލީ އެ އަންހެންމީހާ ކަމަށާއި އެހެންވެ އެ އަންހެން މީހާ ފަހަތުން އެމީހުން ދިޔައީ ކަމަށް ފުލުހުންނާ ހަވާލާދީ އެ އަންހެން މީހާ ބުނެއެވެ. އެ ހާދިސާ ހިނގި ދުވަހު ނެގި ވީޑިއޯ ހިއްސާ ކުރަމުން އެ އަންހެން މީހާ ބުނީ، އެ ވީޑިއޯ އިން ފެންނަ ސައިކަލުގެ ނަންބަރު ބޯޑު އިނީ ރަނގަޅަށް ކަން ސާފުކޮށް ފެންނަން އެބަ އިން ކަމަށެވެ.