ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ވާދަކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، ޕީއެންސީއިން އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފިއެވެ.

ޕީއެންސީން ރޭ ބޭއްވި ގުރައިދޫ ދާއިރާއަށް ވާދަކުރާ ހަނާންގެ ކެމްޕޭން ޖަލްސާގައި ލީލާ އިބްރާހީމް މަނިކު ވަނީ، ހަނާނަށް ތާއީދު ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމުމަކީ ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކަމަށް އޭނާ ވިދާޅުވިއެެވެ.

ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ޕީއެންސީގެ ނުވަތަ ސަރުކާރުގެ ކެންޑިޑޭޓް އެންޑޯސްކޮށްފައިވާއިރު ޕީއެންސީގެ އިތުރުން އެ ދާއިރާއަށް ދެން ވާދަ ކުރަނީ އަމިއްލަ ކެންޑިޑޭޓެކެވެ.

ޑިމޮކްރެޓްސްގެ 2 ކެންޑިޑޭޓަކު ސަރުކާރުން ތާއިދު ކުރަން ނިންމާފައިވާއިރު މި ފަހުން ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް މުއިއްޒުގެ އިގުތިސޯދީ ސިޔާސަތަށް ތައުރީފު ކުރައްވާފައެވެ. އަދި މައި އިދިކޮޅު އެމްޑީޕީއަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.