ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ދިލްޖިތް ދޮސަންޖުގެ "އަމަރު ސިންގް ޗަމްކީލާ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.

ޑައިރެކްޓަރު އިމްތިއާޒް އަލީގެ އުފެއްދުމެއް ކަމަށްވާ މި ފިލްމަކީ ޕަންޖާބްގެ ކުރީގެ މަޝްހޫރު މިއުޒިކީ ދެމަފިރިން ކަމަށްވާ އަމަރު ސިންގް ޗަމްކީލާ އާއި އޭނާގެ އަންހެނުން އަމަރުޖޯތު ކޯރްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމު ސިނަމާތަކުގައި ނޭޅުވިނަމަވެސް ފިލްމު ނެޓްފްލިކްސް އަށް ދޫކޮށްލުމުގެ ކުރިން ވަނީ ބޮލީވުޑްގެ ފަންނުވެރިންނަށް ހާއްސަކޮށްގެން ފިލްމު ސްކްރީންކޮށްފައެވެ. ފިލްމަށް ތަރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ފިލްމަށް ބެލުންތެރިންވެސް ވަނީ ތައުރީފްކޮށްފައެވެ. މި ފިލްމަކީ ބަތަލާ ޕަރިނީތީ އާއި ދިލްޖިތުގެ އަލަތު ފިލްމުވެސްމެއެވެ.

އަމަރް މަރާލާފައިވަނީ އޭނާގެ އުމުރުން އެންމެ 27 އަހަރުގައި 1988 ވަނަ އަހަރުގައެވެ. އޭނާ މަރާލީ މޮޓޯސައިކަލިސްޓް ގޭންގަކުންނެވެ. މިހާތަނަށް އައިއިރު އޭނާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާއިރު އެ މަރަށް އިންސާފުވެސް ލިބިފައެއްނުވެއެވެ. ލަވަކިޔުންތެރިޔާ ޗަމްކީލާ މަރާަލިއިރު އޭނާގެ އަނތްބަކާއި ތިން ކުދިން ދުނިޔޭގައި ތިއްބެވެ.

. ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ ވަނީ އާންމުން ބަލައިގަންނަ ފެންވަރުގެ މޮޅު ފިލްމުތަކެއް ކުޅެ އޭނާގެ ހުނަރު ދައްކާލާފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އޮކްޓޯބަރު މަހު ރިލީޒްކުރި "މިޝަން ރާނީގަންޖް" އިންނެވެ.