ސީރިއާގެ ދިމިސްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން މިސައިލް ހަމަލާއެއް ދީ 11 މީހަކު މަރާލި ހާދިސާގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށް, އެއީ ސައްކަ ވާހަކައެއް ކަމަށް އެމެރިކާއިން ބުނުމާއެކު އެ ދެގައުމަށް ނުދިޔުމަށް ބޮޑެތި ގައުމުތަކުން އެލާޓު ކުރަން ފަށައިފިއެވެ.
އެމެރިކާގެ ނެޘަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ, އީރާނުން އިޒްރޭލަށް ހަމަލާއެއް ދޭން އުޅޭ ކަމަށާއި އެކަން ޔަގީންވާ ކަމަށެވެ. އެއާއެކު ބުނެފައި ވަނީ "ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އީރާނުގެ ހަމަލާއަކުން ދިފާއުވުމަށް އިޒްރޭލަށް ބޭނުންވާ އާލާތްތައް ހުރިކަން ޔަގީން ކުރާނެ" ކަމަށެވެ.
އެމެރިކާ އަކީ އަބަދުވެސް އިޒްރޭލުގެ ދިފާއުފައި އޮންނަ ގައުމެއްގެ އިތުރުން އެތައް ބަހަނާއެއް ހޯދައިގެން އީރާނަށް ހަމަލާ ދޭން ކެތް މަދުވެފައި އޮންނަ ގައުމެކެވެ.
އީރާނާއި އިޒްރޭލުގެ މަޝްރަހު ނުތަނަވަސް ވެފައި ވާކަށް އެމެރިކާއިން ކުރި އިންޒާރާއެކު, އެ ދެގައުމަށް އެއްވެސް މީހަކު މިވަގުތު ދަތުރު ނުކުރުމަށް އެންމެ ގައުމުތަކުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކާއި, އިންޑިއާ, އެމެރިކާ އަދި ރަޝިއާ ވެސް ހިމެނެއެވެ.
އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް އީރާނުން ބުނެ އިންޒާރު ދީފައި ވާއިރު އެ ހަމަލާ ދޭނެ ވަގުތަކާއި ތަނެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ހަމަލާ އަމާޒުވެދާނެ ތަންތަނުގެ ތެރޭގައި އިޒްރޭލުގެ އެމްބަސީތަކުގެ ވާހަކަ އީރާނުން ބުނެފައި ވެއެވެ. މިއާއެކު އިޒްރޭލުން ބުނެފައި ވަނީ އީރާނުގެ ފަސްގަނޑުން އިޒްރޭލަށް ހަމަލާއެއް އަމާޒު ކޮށްފި ނަމަ ރައްދު ހަމަލާ ދޭނެ ކަމަށެވެ. އިޒްރޭލުގެ އެވާހަކައަށް ވެސް އީރާނުން ރައްދު ދީފައި ވެއެވެ. ބުނެފައި ވަނީ އީރާނުގެ ނިއުކްލިއާ ހަކަތައިގެ ވިއުގައަށް ހަމަލާ އަމާޒު ވެއްޖެ ނަމަ ލަސްވެގެން 6 މިނެޓުގެ ތެރޭގައި އިޒްރޭލުގައި ހުންނަ ނިއުކްލިއާ ފެސިލިޓީ ގޮއްވާލާނެ ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި ގައުމުން ބޭރުގައި ހުންނަ އެމްބަސީތަކާއި ކޮންސިއުލޭޓްތަކަކީ އެ ތަންތަން ނިސްބަތްވާ ގައުމުތަކުގެ ތަންތަން ކަމަށް ވާއިރު ކޮންސިއުލޭޓަށް ހަމަލާ ދިނުމަކީ އީރާނަށް ހަމަލާ ދިނުމާ އެއްފަދަ ކަމެކެވެ.
އީރާނުން ހަމަލާއެއ ދީފާނެތީ އެމެރިކާއިން ސިޔާސީ މަސައްކަތްތައް ފަށާފައި ވާއިރު އެގައުމުން ގެންދަނީ އެކުވެރި ހުޅަނގުގެ ގައުމުތަކަށް ޕްރެޝަރު ކޮށްގެން އީރާނަށް ޕްރެޝަރު ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ އޮފިޝަލުން އީރާނުގެ އޮފިޝަލުންނަށް ގުޅުއްވައި އިޒްރޭލަށް ހަމަލާއެއް ނުދިނުމަށް ވަނީ އިންޒާރު ކޮށްފައެވެ.
އެމެރިކާއިން ޕްރެޝަރު ކުރާ ގައުމުތަކުގެ ތެރޭގައި ތުރުކީ, ޗައިނާ, ސައުދީ އަދި އޫރަޕިއަން ޔޫނިއަން ހިމެނެއެވެ.
މިވަގުތުގައި އެމެރިކާއިން ދަނީ އިޒްރޭލުގެ އޮފިޝަލުންނަށް ގުޅާ ހާސް ނުވުމަށާއި އެމެރިކާ އޮތީ އިޒްރޭލާ އެކު ކަމަށް ބުނެ ހިތްވަރުދެމުންނެވެ.