ކޮވިޑް ދުވަސްވަރު އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ދޫކުރި ލޯނުތައް ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަކުގެ ލޯނު އިންޓަރެސްޓުގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ރައްދު ކޮށްދޭނެ ކަމަށް އެސްޑީއެފްސީ އިން ބުނެފިއެވެ.
ކޮވިޑް ތެރޭގައި ދޫކުރި ލޯންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފުކޮށްދެއްވީ ލ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ފެށި މަސައްކަތުން ސަރުކާރުން ރައްޔިތުންނަށް ދައްކަން ވެފައި ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ގެންދާ ކަމަށާއި އަދި ހުއްޓިފައި ހުރި މަޝްރޫއުތައްވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެކަމާ ގުޅިގެން އެސްޑީއެފްސީން މިއަދު ބުނީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފްތާގެ ތެރޭގައި ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ލޯނުގެ އިންޓަރެސްޓު މާފްކުރުމުން އަންނަ ބަދަލުތައް ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރާނެ ކަމަށެވެ.
އަދި މިހާތަނަށް އިންޓްރެސްޓުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ޕްރިންސިޕަލް (އަސްލު) އަދަދުން އުނިކުރެވިގެންދާނެ ކަމަށެވެ. މިގޮތަށް އުނިކުރުމުން އެއްވެސް ފައިސާއެއްގެ ލޯނުގެ އަސްލު އަދަދަށްވުރެ އިތުރަށް ދައްކާފައިވާނަމަ އެ ފައިސާ އަނބުރާ ރައްދު ކުރާނެ ކަމަށްވެސް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ލޯނު އަނބުރާ ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަކަށްވެސް ލޯންގެ އިންޓަރެސްޓުގެ ގޮތުގައި ދައްކާފައިވާ އަނބުރާ ރައްދު ކުރާނެ ކަމަށް އެސްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ. އަދި ކޮވިޑް ވިޔަފާރި އެހީގެ ދަށުން ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް އަނބުރާ ދައްކަންޖެހޭ މުއްދަތު ލޯނު ދޫކުރެވުނު ތާރީހުން ފެށިގެން 10 އަހަރަށް އިތުރުކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.
އެސްޑީއެފްސީއަކީ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރި ކުންފުންޏެކެވެ. ކޮވިޑް-19 ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް 381 މިލިއަން ރުފިޔާގެ ލޯން އެ ކުންފުނިން ދޫކޮށްފައިވާއިރު މި ލޯންތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ވަނީ ލިބިފައެވެ.