ގެދޮރު އިމާރާތްކޮށް ވިއްކާ ހެދުމުގެ ވިޔަފާރިން މަހުޖަނަކަށް ވި ވިއެޓްނާމުގެ 'ވޭން ތިން ޕާ" ގެ ޗެއާމަން މަރަން ހުކުމް ކޮށްފިއެވެ.

ވިއެޓްނާމުގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު މާލީ އޮޅުވާލުމުގެ ކޭސް، ޓްރައޮންގެ މައި ލޭން ގެ މައްޗަށް ސާބިތު ވެ މަރަން ހުމުމް ކުރީ މިއަދުއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވި މައްސަލަތަކުގެ ތެރޭގައި މަކަރާއި ހީލަތުން މީހުންގެ ގެދޮރު އަތުލުމާއި ރިޝްވަތު ދިނުމާއި މާލީ ނިޒާމަށް އޮޅުވާލުމުގެ މައްސަލަތައް ހިމެނެއެވެ.

އުމުރުން 67 އަހަރުގެ ލޭންގެ ވިޔަފާރި ފުޅާވެގެން ދިޔައިރު ވިއެޓްނާމްގެ އެތަން މިތާނގައި އޭނާގެ ނަމުގައި 1000 އަށް ވުރެ ގިނަ ޕްރޮޕަޓީ (އިމާރާތް) ހުރިކަމަށް ޝަރީއަތުގައި ވަކީލުން ބުނެފައި ވެއެވެ.

އަދި ވިއެޓްނާމުގެ ސައިގޯން ޖޮއިންޓް ސްޓްކޮ ކޮމާޝަން ބޭންކުވެސް އޮތީ އޭނާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި 2012 އިން 2022 އާ ދެމެދު ސަރުކާރުގެ އެތައް އޮފިޝަލަކަށް ރިޝްވަތުދީ މާލީ ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތައްހާސް ގޮސްޓް ކޮމްޕެނީސް (ވަގު ކުންފުނި) ތަކަށް ފައިސާ ފޮނުވާ، ސައްހަ ނޫން މުއާމަލާތްތައް ވެސް ކޮށްފައި ވެއެވެ.

އޮފިޝަލުން ބުނީ، ލޭން ގެ ނަމުގައި ހުރި މުދާ އަގުމަގު ކުރިއިރު 2022 ވަނަ އަހަރު މުޅި ވިއެޓްނާމުގެ ޖީޑީޕީގެ 3 ޕަސެންޓާ އެއްވަރެވެ.

މި މައްސަލައިގެ ހުކުމާ ހަމައަށް އައިއިރު ހުސްވި ހަފްތާގައި ލޭން ކޯޓުގައި ބުނީ، އެ ހުރިހާ ތުހުމަތަކަށް އޭނާ އިންކާރު ކުރާ ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އޭނާގެ ދަށުން މަސައްކަތް ކުރާ މީހުން ކަމަށެވެ.