ފްރާންސުގެ ޕެރިހުން ފުރައިގެން ވިއެޓްނާމްގެ ހޯ ޗިން މިން ސިޓީއަށް ދަތުރުކުރި ފްލައިޓެއްގެ ކެބިން ކްރޫއިންގެ ދަބަހުގައި ޑްރަގް ހުރި ދަތް އުނގުޅާ ބޭސްފުޅި އެތެރެ ކުރަނިކޮށް އަތުލެވުނުތާ މަހެއް ފަހުން ހަމަ އެ ރޫޓުން ވިއެޓްނާމަށް ފޮށިފޮށީގައި އެގޮތަށް ޑްރަގް އެތެރެ ކުރަނިކޮށް އަތުލައިފިއެވެ.

މިހާދިސާއާ ގުޅިގެން މިހާރު 65 މީހަކު ހައްޔަރު ކޮށްފައި ވާ އިރު އެކި ފޮށިގަނޑުތަކުގައި ޖުމްލަ 372 ފުޅި ދަތްއުނގުޅާ ބޭސް އެތެރެ ކޮށްފައި ވާ ކަަމަށް އޮފިޝަލުން ބުނެއެވެ. އަދި އެތަކެތީގެ ބަރުދަނުގައި 60 ކިލޯ ހުރިކަމަށްވެސް ވަނީ ބުނެފައެވެ.

ހައްޔަރު ކުރި 4 ކެބިން ކްރޫއިންނާ ހަވާލާދީ ވިއެޓްނާމްގެ އިދާރާތަކުން ބުނާ ގޮތުގައި، އެ ފުޅިތަކުގައި ހުރީ އެކްސްޓަސީ ކަމެއް ކެޓަމައިން ނުވަތަ ކޮކެއިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އަދި އެމީހުންނަކީ އެތަކެތި ވިއެޓްނާމަށް އެތެރެ ކުރުމަށް ބަޔަކު ކުލި ދީފައި ތިބި ބައެއް ކަމަށާއި ބެއިލް (ކަފާލާތު)ގެ ދަށުން އެމީހުން މިހާރު ދޫކޮށްލާފައި ވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އިތުރު މީހުންނަކީ، ވިއެޓްނާމަށް އެތެރެ ކުރާ މަސްތުވާތަކެތި ގަނެ، ވިއްކާ އަދި އެތަކެތި ބޭނުން ކުރުމުގެ އިތުރުން ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށްވެސް އިދާރާތަކުން ބުނެއެވެ.

އިދާރާތަކުން އިތުރަށް ބުނީ، ފްރާންސުން ވިއެޓްނާމަށް ޑްރަގްސް އެތެރެ ކުރާ ނެޓްވޯކުން އެގައުމުގައި ކިޔަން ތިބޭ ވިއެޓްނާމްގެ ދަރިވަރުންވެސް ބޭނުން ކުރާ ކަމަށާއި އެގޮތަށް އެތެރެ ކުރާ ޑްރަގްސް އެކި ތަންތަނަށް ގެންދިޔުމުގައި ހަރަކާތްތެެރި ވަނީ އެތެރޭގެ ޑެލިވަރީ ސާވިސް (އެއްތަނެއް އަނެއް ތަނަށް ތަކެތި އުފުލައި ދިނުމުގެ ހިދުމަތް ދިނުން) ގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ.

އިތުރަށް ބުނީ، ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ވައިގެ މަގުން ވިއެޓްނާމަށް އެތެރެ ކުރި ޑްރަގްސް ނިމިދިޔަ 5 އަހަރާ ނުބައްދަލު ކަމަށާއި އެހާ ގިނަ އަދަދެއްގެ ޑްރަގްސް އެތެރެވެފައި ވާ ކަމަަށެވެ.

ވިއެޓްނާމްގެ ހޯ ޗިން މިން ސިޓީއަކީ ގިނަ ސްމަގްލް ކުރާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ކެމްބޯޑިއާއާ އެ ސިޓީ އޮންނަލެއް ކައިރި ކަމުންނާއި ސްމަގްލް ކުރުމުގެ އުކުޅުތަކަށް އެތަން ފަސޭހަވުމަކީ އޭގެ އެއް ސިއްރެވެ.

ސިންގަޕޫރާ ދާދި އެއް އުސޫލަކުން ވިއެޓްނާމުގައިވެސް 600 ގްރާމަށް ވުރެ މަތީ އަދަދެއްގެ ހެރޮއިން ގެންގުޅުން ނުވަތަ އަތުގައި ބެހެއްޓުމާއި 2.5 ކިލޯ އަށް ވުރެ މަތީއަދަދަކަށް މެތަންފެޓަމައިން ހުރެއްޖެ ނަމަ ދެނީ މަރުގެ އަދަބެއެވެ. އަދި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ މަތީ އަދަދަކުން އެތަކެތީގެ ވިޔަފާރި ކުރާ ނަމަވެސް ވިއެޓްނާމުގައި މަރުގެ އަދަބު ދެއެވެ.