މިއަދު އީދު ސަލާމް ކުރެއްވުމަށް ފަހު ތީމުގެއަށް ބައެއް މީޑިއާތައް ގެންދަވާ, ރޭ ޕީއެންއެފްގެ އިވެންޓަށް ފުލުހުން ހުރަސްއެޅި މައްސަލައިގައި އަމަލު ކުރައްވާނެ ގޮތް ރައީސް އެ މީޑިއާތަކަށް ވިދާޅުވެދެއްވައިފިއެވެ.

މި އިންޓަވިއުއާ ގުޅިގެން ރައީސް އޮފީހުން ބުނީ, އީދު ސަލާމަށް ފަހު ރައީސް ޕީއެސްއެމް އަށް އިންޓަވިއު ދެއްވި ވަގުތު އެތާތިބި ދެތިން ނޫހެއްގެ ނޫސްވެރިން ބައިވެރިވީ ކަމަށެވެ.

މި އިންޓަވިއުގައި ރައީސް ވިދާޅުވީ, ރޭ ޕީއެންއެފްގެ އިވެންޓަށް ފުލުހުން ހުރަސް އެޅިކަން އެނގިވަޑައިގަތީ ރޭ އިވެންޓްތަކެއްގައި އުޅެއްވައި ނިންމަވައިލެއްވިތަނުން މައުލޫމާތު ލިބިވަޑައިގަތުމުންނާއި އަދި ނޫހުން ފޮޓޯ ފެނިވަޑައިގަތުމުން ކަމަށެވެ.

"މި ފެންނަނީ އެސްއޯ ފުލުހުން ގޮސް އެތަނުގައި ބެރިކޭޑްޖަހާ ދެން އެތައް ކަންތައްތަކެއް, އެއީ ވަރަށް ހިތާމަ ކުރާ ކަމެއް, އަޅުގަނޑުގެ ސާފު އިންސްޓްރަކްޝަންސް އޮތް ކަމެއްގައި"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެކަމަށް ވަގުތުން އެޓެންޑް ވެވަޑައިގެން ހޯމް މިނިސްޓަރަށާއި ސީޕީއަށް ގުޅުއްވި ކަމަށާއި, ސާފު އިންސްޓްރަކްޝަނެއް އޮއްވާ އެގޮތަށް ކަންކުރީ ކީއްވެތޯ އެއްސެވި ކަމަށެވެ. އަދި އެ ކަން ހިނގާދިޔަ ގޮތް ބަލައި މިއަދު އިރު އޮއްސުމުގެ ކުރިން ރިޕޯޓެއް ހުށަހެޅުމަށް އަންގަފާވައި ވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ, ތަނަކަށް އެސްއޯ ފުލުހުން ފޮނުވަން ވެއްޖެ ނަމަ އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އެފަދަ ހާލަތަކަށް ދާނަމަ އާންމުކޮށް އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

"ވަރަށް ސާފު އިންސްޓްރަކްޝަން ދީފަ އޮންނާނެ, އެސްއޯ ފުލުހުން ފޮނުވާކަށް ބޭނުމެއް ނޫނޭ"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރަން އެދިވަޑައި ނުގަންނަވަނީ މާޒީގައި ކަންކަން ހިނގާފަ އޮތް ގޮތަށް ކަންކަން ދާން ބޭނުން ވެވަޑައިނުގަންނަވާތީ ކަމަށާއި މާޒީގައި އެސްއޯ ފުލުހުން ގޮސް އެއްވުންތަކުން މީހުން ޕިކަޕަށް އަޅާލައިގެން ގެންގޮސްފައި ހުރި ކަމަށެވެ.

"އެކަމާ ވިސްނާ ވިސްނާ ރޭގަ ރަނގަޅަށް ނުވެސް ނިދުނު, އަދިވެސް މިހުރީ ނުނިދާ, މިކަމުގެ ރިޕޯޓު ލިބި މިކަމުގެ އަޑިއަށް ދެވި މިކަން ހައްލުނުވަނީސް ހިޔެއް ނުވޭ އަޅުގަނޑަކަށް ހިތްހަމަ ޖެހުން ލިބޭނެހެނެއް"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ, ރޭ ޕީއެންއެފްގެ އިވެންޓް ބާއްވަން ޣިޔާސުއްދީން ސްކޫލު ހަމަނުޖެހުނުކަން އެނގިވަޑައިގަތުމުން ސްޕޯޓްސް މިނިސްޓަރު ލައްވައި ޕީއެންއެފްގެ އެއް މުއައްސިދު މުހައްމަދު މަލީޖު ޖަމާލް އަށް ގުޅުއްވައި ޕީއެންއެފްގެ އިވެންޓް ބޭވުމަށް ސޯސަލް ސެންޓަރު ހިލޭ ލިބޭނެ ކަމަށް ދެންނެވި ކަމަށެވެ. ނަމަވެސް އޭރު ޕީއެންއެފްއިން ރާޅުގަނޑު ސަރަހައްދުގައި ބައްދަލުވުން ބާއްވަން ތައްޔާރުވަމުން ދިޔަކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅި މައްސަލައިގައި މިއަދު ލިބިވަޑައިގަންނަވާ ރިޕޯޓުގެ މައްޗަށް ފިޔަވަޅެއް އަޅުއްވަން ޖެހިވަޑައިގަންނަވާ ނަމަ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށް އެ އިންޓަވިއު ނިންމަވާލައްވަމުން ރައީސް ވިދާޅުވިއެވެ.