އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޣިޔާސުއްދީން ސްކޫލުން އެދިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅައިފިއެވެ.

މިރޭ 10 ޖަހާއިރު ބާއްވަން ތާވަލުކުރި ޕީއެންއެފްގެ ޖަލްސާ އަށް އެ ޕާޓީގެ އިސްވެރިންނާއި މެންބަރުން ދިޔައިރު، ފުލުހުން ތިބީ ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށް، ޖަލްސާގެ ބައިވެރިން އެތެރެއަށް ވަނުމަށް ހުރަސްއަޅައިފައެވެ.

އެހެންވެ، އެ ސަރަހައްދުގައި ތިބި ޕީއެންއެފްގެ ސަޕޯޓަރުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ މެދު ނުރުހުން ފާޅުކޮށް، ރައީސްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޣިޔާސުއްދީން ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ 'ހުއްދަދެވިފައި ނުވާ' އެއްވުމެއް ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިފައި ވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޣިޔާސުއްދީން ގެ ފަރާތުން ހޯލް ދިނުމަށް ފަހު ކެންސަލް ކުރިކަމަށް އަންގާ މަލީހަށް ފޮނުވި މެއިލް ފުލުހުން ހިއްސާ ކުރި

އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ ކިބައިން މިކަމަށް އެދިފައިވަނީ މިރޭ 6:42 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ޣިޔާސުއްދީން ސްކޫލުގައި ޕީއެންއެފްގެ ޖަލްސާ ބާއްވަން ދިން ހުއްދަ ބާތިލުކޮށް އެ ސްކޫލުން އެންގި ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޣިޔާސުއްދީން ސްކޫލުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ އެހެންވެ ކަމަށެވެ.

މިއަދު ކުރެއްވި ޕޯސްޓުތަކެއްގައި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާ އަށް ހުރަސްއެޅުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން ކަރަންޓު ނުދީ ސްޓެލްކޯ އިން ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަނު އަނދިރީގައި ވެސް މިރޭ ޕީއެންއެފްގެ ޖަލްސާ ބާއްވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަލީހު ވިދާޅުވި ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީނަށް ކަރެކްޝަނުން އެ ހުއްދައެއް ނުދެއެވެ.