ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފިއެވެ.

އެޗްޑީސީއން ބުނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިމަކުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އެ ސަރަހައްދުގައި އަޅާފައިހުރި ބައެއް އުޅަނދު އަދިވެސް ނުނަގާ ހުރުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާކަން އެޗްޑީސީއިން ފާހަގަ ކުރެއެވެ. އަދި އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީ އަދި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީއިން ބުނީ ފޭސް 3ގެ ބައެއް ސަރަހައްދު ތަކުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން ފަށާފައިވާއިރު ބިންހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން ވެސް އެޗްޑީސީއިން ވަނީ އަންގާފައެވެ.

އުޅަނދުތައް ނެގުމަށް އެޗްޑީސީއިން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާކަން ވެސް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.