އީދަށް ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑު އިވޭގޮތް އިންތިޒާމުކުރުމު ކުރުމުން އެނގެނީ މިފަދަ ކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ސަމާލުކަން ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ފިތުރު އީދަށް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތައް ކުލަ ބޮކިން ދިއްލާލާ އެއިން ތަކުބީރު އަޑު އިވޭނެ ގޮތް ވަނީ ހަދާފައެވެ. އަދި އެ ކުލަ ބޮކިތަކާއި ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކޮށް ރޭ ރައީސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލު ވެވަޑައިގެން ދިވެހިންގެ އިސްލާމީވަންތަކަން އިތުރަށް ހަރުދަނާ ކުރެއްވުމަށާއި ދީނީ ތަފާތު މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ދެއްވާ ސަމާލުކަން ޝަކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
އެގޮތުން މި އަހަރުގެ ފިތުރު އީދުން ފެށިގެން ރާއްޖޭގެ އީދުގެ ތާރީހުގެ މުޅިން އަލަށް ކުލަބޮކީގެ ތަފާތު ކުލަތަކުން ރާއްޖޭގެ ކަންކޮޅުތައް އީދުގެ މުނާސަބަތަށްޓަކައި ޒީނަތްތެރިކޮށް، އީދުގެ ދުވަސްތަކުގައި ތަހްލީލާއި ތަކުބީރާއި ތަހްމީދުގެ އަޑު ރަށްތަކުން އިލެވެމުންދާނެ ގޮތް އިންތިޒާމުކުރެއްވުމަށް ފެއްޓެވި މަސައްކަތުން ހާމަކޮށްދެނީ ދިވެހި އިހްތިފާލުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ރައީސް ދެއްވާ ސަމާލުކަން ކަން ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މިކަމަކީ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމު އަހުންނާއި އުހުތުންގެ މޫނުތަކަށް އީދުގެ ހިނިތުންވުން ގެނެސްދީ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެކަމެއް ކަމަށެވެ. އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައި ރާއްޖޭގެ ރައީސް މުއިއްޒަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިދިޔަ އަޟްހާ އީދާ ދިމާކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވިއިރު ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލާފައެވެ. އަދި ބައެއް ގިޑިގެ ތަކުގެ މަތީގައި "އީދު މުބާރިކް" ޖަހާފައިވެއެވެ.
ވެރިކަމަށް އިންތިހާބުވެވަޑައިގެން ސޯސަލް ސެންޓަރުގައި ފުރަތަމަ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރާ މުޖުތަމައު އަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން އިހުސާސް ވެވަޑައިގަތީ މާލެ ސިޓީގައި އީދު ދުވަހު ބޮކި ދިއްލާ ތަކުބީރު އިއްވުމުން ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްޕީތަކާއި އެކިއެކި މީހުންނާ ބައްދަލުވެވަޑައިގަތުމުން ދެއްކި ވާހަކަތަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށެވެ.