އެއްބައިވަންތަކަމާއެކު އީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ކުދިބޮޑު އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

"އީދު އަލި" އިފުތިތާޙް ކޮށްދެއްވައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން "ފައްވާރާ" މަރާމާތުކުރުމަށްފަހު ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައިވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟްހާ އީދާއި ފިތުރު އީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމަށެވެ.

ހަމައެއާއެކު ޢީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް އީދުގެ އުފަލުގައި ބައިވެރިވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ރޭ ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފުތިތާހްކުރި އީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި ހަމައެހެންމެ ކުރިއަށް އޮތް އަޟްހާ އީދުގައި އީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި އީދު ފާހަގަކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އީދު އަލި" އިފްތިތާހް ކުރުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލިގެން ދިޔައެވެ. ޢީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި ޢީދުގެ ތަކްބީރުތައް އިއްވަމުންދާނެއެވެ.

ރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން "ޖުމްހޫރީ ފައްވާރާ" ވެސް ހުޅުވައިދެއްވާފައެވެ. މި ތަން އަލުން ހުޅުވައިދެއްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން މި ތަނުގައި ކުރަންޖެހުނު މަރާމާތުތައް ކުރުމަށް ފަހުއެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.