އެމެރިކާެގެ 32 މިލިއަން މީހުންނަށް ފުރިހަމަ އިރުކޭތައެއް މިއަދު ފެންނަ އިރު އެމެރިކާގެ ގިނަ ސިޓީތަކެއްގައި ދަނީ އިރުކޭތަ ބަލަން ތައްޔާރީތައް ވަމުންނެވެ.
އެގޮތުން އިރާ ދިމާއަށް ބެލުމަށް ހާއްސަ އައިނު ވިކެމުން ދާ އަދަދު ބޮޑުތަނުން އިތުރުވެފައި ވާ އިރު، އިރުކޭތަ އެންމެ ރީއްޗަށް ފެންނާނެ އެއް ސިޓީ ކްލީވްލޭންޑްގައި ހުންނަ ނާސާގެ އިދާރާ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ ޖަމާވެފައެވެ.
ނާސާ އަކީ މިއަދުގެ އިރުކޭތައަށް މުހިންމު މަސައްކަތްތަކެއް ކުރާ އިދާރާއެއްވެސް މެއެވެ. އެގޮތުން އިރުކޭތަ ފަހާ ދުއްވަން 2 ޖެޓަކާއި ރޮކެޓް ފޮނުވަން ވަނީ ތައްޔާރު ވެފައެވެ. ނާސާއިން ބުނަނީ މިބުގައި ތިބޭ މީހުންނަށް އިރުކޭތަ ފެންނާނީ 4 މިނެޓަށް ނަމަވެސް ދުލެވި ބާރު ޖެޓްތަކުގައި ކޭތަ ފަހަތުން ދުއްވުމުން 6 މިނެޓާ 22 ސިކުންތުގެ ވަގުތެއް ލިބިގެން ދާ ކަމަށެވެ.
ނާސާއިން އެކަން އެގޮތަށް ކުރަނީ، މީގެ ކުރިން ކޭތައާ ގުޅޭގޮތުން ދެނެގަނެވިފައި ނުވާ އިރު މައުލޫމާތު ލިބިދާނެކަމަށް ގަބޫލު ކުރެވޭތީއެވެ. އަދި އެ މައުލޫމާތުގެ އަލީގައި މޫސުމާއި ޖައްވާއި އަދި ފަލަކީ ނިޒަމުތަކާ ބެހޭ މައުލޫމާތުތަކަށް ފުރިހަމަކަން ލިބޭނޭ ކަމަށް ވެސް އުއްމީދު ކުރެއެވެ.
މިއަދު އެމެރިކާއަށް އިރުކޭތަ ހިފާ ގަޑިއަކީ ރާއްޖެއަށް މިރޭ ކަނު އަނދިރި ވަގުތުކަމުން އެ އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ. އަދި މިއަދު އެމެރިކާއަށް އިރުކޭތަ ފެންނަ އިރު ފުރިހަމަ އިރުކޭރަ ފެންނަ ސަރަހައްދުގައި ރިރިއުޅެނީ 32 މިލިއަން މީހުންނެވެ. ބާކީ މީހުންނަށް ފެންނަނީ ފަޅިކޭތައެވެ.
ކޭތަ ހިފުމަކީ އާންމު ކަމެއް ނޫން ނަމަވެސް އިރު ހަނދާއި ބިން [ދުނިޔެ] ފަޒާގެ ތެރޭގައި ދައުރު ކުރަމުން ދާ އިރު ގުދުރަތީ ރޭވުމުގެ ތެރެއިން ކޭތަ ހިފައެވެ.
ކޭތަ އާ ގުޅުވައި އެކިއެކި ސަރަހައްދުތަކުގައި އެކިއެކި ވާހަކަތައް ދައްކާ އިރު އެއީ ބިރުވެރިކަމެއްގެ ސިގްނަލެއްގެ ގޮތުގައި ދެކޭ މީހުންވެސް ގިނައެވެ. ހަމައެހެންމެ ކޭތަ ހިފާފައި ހުންނަ ވަގުތު ދަތް ނޫގުޅުމަށާއި ކޭތައަށް ނުބެލުމަށް އިރުޝާދު ދީ މުސްކުޅިން ދައްކާ ވާހަކަތައް ވެސް ގިނައެވެ.
ހަނދު ކޭތައެއް ހިނފަނީ ހަނދުމަސް ދެބައިވުމުން ކަމާމެދު އިލްމުވެރިންގެ ބަހުންނާއި ސައިންސުގެ އަލީގައި ހޯދުފައި ވާ އިރު އިރު ކޭތައެއް ހިފަނީ ހަނދުމަހެއް ނިމި އާ ހަނދުމަހެއް ފެށޭ ވަގުތު ކަމާމެދު އިއްތިފާގުވެއެވެ.
ކީތިރި ޤުރުއާނުގެ ޔާސީން ސޫރަތުގެ 39 ވަނަ އާޔަތުގައި ހަނދު ދުނިޔެ ވަށާ ބުރެއް ފުރިހަމަ ކުރުމުގެ ވާހަކައަށް އިޝާރާތް ކުރައްވާފައި ވެއެވެ. ހަނދު, ބިމުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރުމަށް ފަހު ފެށި ހިސާބާ އަރާ ހަމަ ވުމުން އިރުކޭތަ ހިފާ ވަގުތަށް ކިޔަނީ ކޮންޖަންކްޝަން އެވެ. އެ ހާލަތުގައި އިރު ކޭތަ ހިފަނީ އިރާއި ހަނދާއި އަދި ދުނިޔެ ސީދާ ދިމާވެ 3 އޮއް ފުނަ ރޮއްޖަކަށް އަމުނާލީމައި އޮންނަ ހަމައަށް ސީދާ ވުމުންނެވެ. އެނޫން ހާލަތްތަކުގައި އިރާއި ހަނދާއި އަދި ބިން އެއް މިސްރާބަށް އެރިޔަސް ސީދާ ސީދަލަށް ދިމާ ނުވާނަމަ އިރުކޭތައެއް ނުހިފައެވެ. ކޮންމެ މަހަކު އިރުކޭތަ ނުހިފަނީ އެހެންވެގެންނެވެ.