ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ މާދަމާރޭ ޣިޔާސުއްދީން ސްކޫލުގައެވެ. އެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޓެކްނޮލޮޖީ ވަޒީރު މުހައްމަދު މަލީހު ޖަމާލް އިއްޔެ ވިދާޅުވިއެވެ.

ނަމަވެސް ރޭ މަލީހު ވިދާޅުވީ، ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށާއި، ޕާޓީ އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ބާއްވާނެ އާ ދުވަހެއް ފަހުން އިއުލާނުކުރައްވާނެ ކަމަށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ކަރެކްޝަނުން ބުނީ، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ދީފައިނުވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 28 ވަނަ ދުވަހުގެރޭ ރަށު ބަންދަށް ޔާމީން ބަދަލުކުރިއެވެ. އެހެންވިޔަސް ވެސް ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ނުދެއެވެ.

އެކަމަކު މިހާރު ވެސް ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ޔާމީން، އެ ޕާޓީ އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.