ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ދެއްވި ހިތާބުގައި ފަލަސްތީނުގެ ކުދިންގެ ސިއްހަތާއި ފުރާނަ ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ހަލީލް ވިދާޅުވީ ސަލާމަތް ސިއްހަތެއްގައި ހުރުމުގެ ހައްގު ބައިނަލްއަގްވާމީ އެއްބަސްވުންތަކުން ކަށަވަރު ކޮށްދީފައިވީނަމަވެސް މިފަހުގެ ތާރީހެއްގައި އިންސާނީ ހަޟާރަތް ނުދެކޭ ފަދަ އިޒުރޭލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއްނެތް ލޮބުވެތި ރައްޔިތުންގެ ސިއްހަތާއި ފުރާނަ އިހާނެތި ގޮތުގައި ނިގުޅައިގަނެފައިވާ ކަމަށެވެ. އަދި އެ ހިތާމާގައި ބައިވެރިވާކަން ހަލީލް ފާހަގަކުރެއްވިއެވެ.

ހަލީލް ވަނީ ފަލަސްދީނުގެ ހޮސްޕިޓަލްތަކާއި އެހެނިހެން ހިދުމަތްދޭ ވަސީލަތްތައް ހަލާކުކޮށް ފުޑުފުޑުކޮށްލާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ދިވެހި ކޮންމެ ފަރުދަކަށް ވެސް އެމީހާ ދިރިއުޅޭ ތަނެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އެކަށީގެންވާ ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއި ސިއްހީ ހިދުމަތްތަކާ ސިއްހީ ރައްކާތެރިކަމާއި މާލީ އަދި ޖިސްމާނީ ގޮންޖެހުންތަކަކާ ނުލައި ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އިންސާނީ ހައްގުތަކާބެހޭ ބައިނަލް އަގްވާމީ ގަރާރު ގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ ތަފާތު މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީގައިވެސް ވަނީ ސިއްހަތަކީ ހައްގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ދައުލަތުގެ އެކއެކި މުއައްސަސާތަގެ މޭޑޭޓާއި މަސައްކަތުގެ ޕްލޭންތަކާ ތަންފީޒީ ނިޒާމުތަކުގެ ތެރެއިން އެ ހައްގު ކަށަވަރުކޮށް ހިމާޔަތް ކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށް ހަލީލު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރައީސްގެ ސިޔާސަތުގެ ތެރެއިން ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއްގެންނަން ފަށާފައިވާ ކަމަށާއި ކުރިން ތަކުރާރުކޮށް އިހުމާލުވެފައިވާ ކަންކަމާއި ކުރީގެ ބައެއް ދެކޮޅުނުޖެހޭ ސިޔާސަތުތައް މުރާޖައާކޮށް ދެމެހެއްޓެނިވި ގޮތަށް ކަންކަން ބަދަލުކުރަން ފަށާފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރާއްޖޭގެ 10 އަތޮޅެއްގައި މިއަހަރު އަދި 2 އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއާ ގެ އުސޫލަށް ހިދުމަތްތައް ބައްޓަންކުރުމާއި ދުރާލާ ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއާ" ޕްރޮގްރާމެއް ފެށުމާއި މެޑިކަލް ޗެކަޕް ތައާރަފު ކުރުމާއި އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ ރާއްޖޭގައި ދެވޭ ބޭހަކީ ސައްހަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު ގާއިމުކޮށްފައިވާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާނޭ ބޭސް މެދުކެނޑުމެއްނެތި ގާތުން ލިބެން ހުންނާނެ އިތުބާރުހުރި ނިޒާމެއް ވެސް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރެވޭނޭހެން ސިއްހީ ދާއިރާގެ ހިދުމަތްތައް މިހާރު ގާއިމުކުރެވި، އިންގިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ހަލީލް ވަނީ ފާހަގަކުރައްވާފައެވެ.