އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރޭ ކުޑަ ފިރިހެން ކުއްޖަކު ފާހާނައަކަށް ވައްދާ ބްލީކޮށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިރޭ ސޯޝަލްމީޑިއާގައި އާންމުވި ވީޑިއޯ ކްލިޕުގައި ފެންނަ ގޮތުން ދެ ކުއްޖަކު ވެގެން، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެނިގެން ދާއިރު އެ ކުއްޖާ، އަނިޔާނުކުރުމަށް އެދި އާދޭސް ކުރާ މަންޒަރުވެސް ފެނިގެންދެއެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ފުލުހުން ވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.
މި ގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއްކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް އެދިފައެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުން އަންނައިރު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މިހާރު އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.