ގާޒާއަށް ފޯރުކޮށްދޭ އެހީ އިތުރު ކުރެވޭނެ މަގު އިޒްރޭލުން ނުދައްކާ ނަމަ އެމެރިކާގެ ސިޔާސަތު ބަދަލު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޖޯ ބައިޑަން ދެއްވުމާއެކު, ގާޒާގެ އުތުރަށް އެހީ ފޯރުކޮށްދޭން ބެއިތް ހަނޫން ގެ ދޮރާށި ހުޅުވާލަން އިޒްރޭލުން ނިންމައިފިއެވެ.
ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޓީމަކަށް އިޒްރޭލުން މިސައިލް ހަމަލާއެއް ދީ 7 މީހުން މަރާލި ހާދިސާގެ މައްސަލަ ހޫނުވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފޯނުން ގުޅުއްވައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރައްވާފައެވެ. އެ ކޯލާ ގުޅޭ ގޮތުން ވައިޓްހައުސް އިން ބުނީ, ގާޒާއަށް ފޯރުކޮށްދޭ އެހީ އިތުރު ކުރަން އިޒްރޭލު މަގު ނުދައްކާނަމަ ނުވަތަ ދޫ ނުދޭނަމަ އިޒްރޭލާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލު ކުރަން ޖެހިދާނެ ކަމަށް ބައިޑަން ދެންނެވި ކަމަށެވެ.
ހަނގުރާމަ ފެށިތާ 6 މަސް ފަހުން ދިމާވި މިހާލަތާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން އިޒްރޭލަށް ފާޑުކިޔައި އިންޒާރުގެ ރާގެއްގައި ވާހަކަ ދައްކަން ފެށުމުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އިޒްރޭލުން އެއްބަސް ވީ ބެއިތް ހަނޫން [އީރެކް] ގެ ދޮރާށި ހުޅުވާލުމަށެވެ. މިއީ އިޒްރޭލާއި ގާޒާގެ އުތުރާ ގުޅޭ މައި އެއް ދޮރާއްޓެވެ.
މި ނިންމުމާއެކު ނަތަންޔާހޫގެ އޮފީހުން ބުނީ, އެހީގެ ތަކެތި ލިބިގަތުމަށްޓަކައި އަޝްދޫދު ބަނދަރު ހުޅުވާލައި އެތަނުން ބަލައިގަންނަ އެހީ އީރެޒް ދޮރާށިން ގާޒާގެ އުތުރަށް ވެއްދުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން އުރުދުން އިން ފޯރުކޮށް ދޭ އެހީގެ މިންވަރު އިތުރު ކޮށް ކަރީމް އަބޫ ސާލިމް އިން ގޮސް ގާޒާގެ ދެކުނަށް ފޯރުކޮށްދެވޭނެ އިންތިޒާމުވެސް ހަމަޖައްސާނެ ކަމަށް ބުނެފައި ވެއެވެ.
އިޒްރޭލުން ބުނީ މިހެން ހެދުމުން އިންސާނީ އެހީ ފޯރުކޮށް ދެމުން ގެންދާ އިރުވެސް, މަގުސަދު ހާސިލު ކުރުމަށްޓަކައި ކުރަމުން ދާ ހަނގުރާމަ ބަރާބަރަށް ކުރިއަށް ދާނެ ކަމަށެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން އިޒްރޭލުން މިގޮތަށް މި ނިންމީ ބައިޑަންގެ ކޯލްގައި 'ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި ހަމަލާތައް ހުއްޓާނުލައިފިނަމަ އެމެރިކާއިން އިޒްރޭލަށް ދޭ އަސްކަރީ އެހީއާއި އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް' ވިދާޅުވެ އޭނާ އިންޒާރު ދެއްވުމުންނެވެ.
އިޒްރޭލުގެ ކެބިނެޓުން މި ދޫދޭން ނިންމި ނަމަވެސް ހަރުކަށި ބައެއް ވަޒީރުން ވަނީ އެކަމާ ދެކޮޅު ހަދާ އެހީ ފޯރުކޮށްދީގެން ނުވާނެ ކަމަށް ބުނެފައެވެ. އެ ވަޒީރުން ބުނަނީ ހަމާސްގެ އަތްދަށުގައި އިޒްރޭލުގެ ރަހީނުން ތިއްބާ, ފަލަސްތީނުގެ ރައްޔިތުންނަށް ކާންބޯން ދޭކަށް ނުޖެހޭ ކަމަށެވެ.
ގާޒާއަށް އެހީ ފޯރުކޮށްދޭން ދުއްވަމުން ދިޔަ ބައިނަލްއަގުވާމީ ޓީމު ތިބި ވެހިކަލް ގޮއްވާލި މައްސަލައިގައި އިޒްރޭލު ޖަވާބުދާރީވާން އިޒްރޭލުގެ މަދަދުވެރިން ގޮވާލަން ފެށުމުން ބުނެފައި ވަނީ އެކަން ކުރެވުނީ އެރި އޮޅުމަކުން ކަމަށާއި ރޭގަނޑު ގަޑީގައި ބޭނުން ކުރާ ނައިޓްވިޝަން އަށް ވެހިކަލްގެ މަތީގައި ޖަހާފައި އޮތް ނިޝާން ވަކިކުރަން ނޭނގުނީ ކަމަށެވެ. އެވާހަކަ އިޒްރޭލުން ދެއްކުމުގެ ކުރިން މަސައްކަތް ކުރީ އެ ހަމަލާ ދިފާއު ކުރާށެވެ. އެގޮތުން ހަރުކަށި ބައެއް ވަޒީރުން ބުނީ ހަމަލާ ދޭން ޖެހުނީ އެ ވެހިކަލް އަށް ހަތިޔާރު އަޅައިގެން ހުރި މީހަކު އެރިތަން ފެނުމުން ކަމަށެވެ.