ނައިބު ރައީސުންނަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު ކަމަށްވާ ހިލާލީގެ އަށް މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބަދަލުވެވަޑައިގެންފިއެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ، ނައިބު ރައީސާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ އިއްޔެ ކަމަށެވެ.

އެމަނިކުފާނު ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ފަހުންނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ސުވާލުކުރުމުން ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތުން ލަސްވީ އެ ގެކޮޅު މަރާމާތުކުރަން ޖެހިފައިވާތީ އެ ކަމަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމުން ކަމަށާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގެކޮޅުގައި އުޅުއްވިއިރު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އެހެންވެ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ނައިބު ރައީސާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އުޅުއްވި ގޭގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅުން ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގައެވެ