ވައިގެ ދަތުރުފަތުރުގައި ހެދިފައިވާ ގަވާއިދު ތަކާއި އުސޫލު ތަކާއި ހިލާފުކަމެއް ކުރާނަމަ އެކަން ރިޕޯޓް ކުރަން ހާއްސް ޕޯޓަލް އެއް ހަދައިފިއެވެ.

މި ޕްލެޓްފޯމް ގާއިމްކޮށްފައި ވަނީ ދިފާއީ ވުޒާރާގެ ދަށުން ހިންގަމުންދާ ރެގިއުލޭޓާ އޮފް އޭވިއޭޝަން ސެކިއުރިޓީ އިން މޯލްޑިވްސް (ޑާސާ) އިންނެވެ.

ޑާސާ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދު ތަކާއި އުސޫލު ތަކާއި ހިލާފުކަމެއް ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި އާއި، މަތިންދާބޯޓު ފަހަރުގައި ނުވަތަ ވައިގެ ދަތުރު ފަތުރުގެ ސަލާމަތްތެރިކަމާއި ގުޅުން ހުރި އެއްވެސް ތަނެއްގައި ކުރާ މީހަކަށް އަދި ވައިގެ ދަތުރުފަތުރު ބޭނުން ކުރާ މީހަކަށް ނުވަތަ އާންމު ރައްޔިތަކަށް ފާހަގަވެއްޖެނަމަ އެކަމެއް ޑާސާގެ ސަމާލު ކަމަށް ގެނައުމަށް އެންގޭނެ ނިޒާމެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

މި ނިޒާމު ގާއިމްކޮށްފައި ވަނީ ރާއްޖެގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ނިޒާމް ބޭނުންކޮށް މައްސަލަތައް ހިއްސާ ކުރެވޭނީ ހާއްސަ ލިންކެއް މެދުވެރިކޮށް ކަމަށްވާއިރު ނިޒާމް ފަރުމާކޮށްފައި ވަނީ ރިޕޯޓް ކުރާ ފަރާތް ބޭނުންވެއްޖެ ހާލަތެއްގައި ވަނަވަރު ހާމަނުކޮށް މައްސަލަ ހިއްސާ ކުރެވޭނެ ގޮތަށް ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މި ޕްލެޓްފޯމް ލައިވްކޮށް، އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ވަނީ ހަދާފައެވެ. މިއީ މިފަދަ ޕްލެޓްފޯމެއްގެ ތެރެއިން ވައިގެ ދަތުރުފަތުރާ ގުޅޭ ކަންކަން ރިޕޯޓު ކުރުމަށް ތައާރަފް ކުރެވުނު ފުރަތަމަ ޕްލެޓްފޯމް ކަން ފާހަގަކޮށްލެވެއެވެ.