ސީމާ ކޮޓަރިއަށް ވަދެ ސީމާގެ އަލަމާރި ތެރޭގައިވާ ވާހަކަ ފޮތެއް ނެގިއެވެ. އެ ވާހަކަ ފޮތް ތެރޭގައިވާ ޒަމާންވީ ފޮޓޯގަނޑަށް ބަލަން ހުރި ސީމާއަށް ރޮވުނެވެ. އީވާންގެ މަންމައަށް ޒީކަކީ ރަނާކަމަށް ހީކުރެވުނީ ކަން ސީމާއަށް ވިސްނުނެވެ. ރަނާގެ ފުރާވަރުގެ ފޮޓޯގަނޑަށް ބަލަންހުރި ސީމާއަށް ރަނާ މަތިން ހަނދާންވާ ކަހަލަ އެތައް ކަމެއް ޒީކްގެ ކިބައިން ދިޔައީ ފެންނަމުންނެވެ. އެހެންކަމުން ލުޔޫނާއަށް ވަކި އެ އިހްސާސް ނުވާންވީ ސަބަބެއް ނެތެވެ.
ގޭތެރެއިން މީހެއްގެ ސަލާމުގެ އަޑު އިވުނެވެ. އަތުގައިވާ ފޮޓޯގަނޑު އަނބުރާ އެ ވާހަކަ ފޮތް ތެރެއަށް ލާ ފޮތް ލައްޕާ ލުމަށްފަހު އަލާމަރިއަށް ލިއެވެ. އަަދި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ބުރުގަލުން ފޮހެލަމުން ފުންނޭވައެއް ލުމަށްފަހު މީހާ ހަމަޖެހިލިއެވެ. ސަލާމް ބަލައިގަންނަމުން ކޮޓަރިން ނުކުތީީ ހިނިތުންވެފައިވާ މޫނެއް ދައްކަމުންނެވެ. ސިޓިންގް ރޫމަށް ނިކުތް ސީމާއަށް ގެއަށް އައި މެހެމާނު ފެނުމުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ދެލޯ ބޮޑުކޮށްގެން ސީމާއަށް އެމީހައާއި ދިމާލަށް ބަލަން ހުރެވުނީ މި ފެންނަނީ ހަޤީގަތެއް ބަވައޭ ހިތަށް އެރުމުންނެވެ. އެތައް އަހަރުތަކަކަށް ފަހު ލުޔޫނާ އެގެއަށް އައި ފުރަތަމަ ފަހަރެވެ. ލުޔޫނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
ސޯފާގައި އިށީނުމަށް ދައުވަތުދެމުން ސީމާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ލުޔޫނާ މިގެއަށް އެ އައީ ކީއްވެގެންކަން ސީމާއަށް ވިސްނުނެވެ. އޭނާ އެ އައީ ރަނާ ހޯދާށެވެ. ޖޫސް ތައްޓެއް ތަބަކަށް ލައިގެން ނުކުތް އިރު ލުޔޫނާ އިނީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމް ބަލާށެވެ. ސީމާ ގެނައި ޖޫސްތަށީގައި ހިފަމުން ލުޔޫނާ ރަނާ ކޮބައިތޯ ސުވާލު ކޮށްލިއެވެ. "ލުޔޫނާ... ނޭނގޭތަ... ރަނާ އޭރު ގެއްލުނު ގޮތަކަށް ނުފެނުނު...ރަނާއެއް ނެތް..."
"ރަނާ މިއަދު ދެކުނިން... ހާދަ ފެށަނޭ... މިގޯތި ސާމިޔާގެ ތޫބާ ބުނި ލަންކާގަ އުޅެފަޔޯ އެއައީ...؟" ސީމާ ދެއްކި ވާހަކަ ޤަބޫލު ނުކުރަން ޗުސް ކަނޑާލަމުން ލުޔޫނާ ވާހަކަ ދެއްކިއެވެ. އަދި މަޑުމަޑުން ޖޫސްތަށިން އެތިފޮދު ބޮމުން ދިޔައެވެ. ސިމާއަށް ލުޔޫނާގެ އިހްސާސްތައް ދެނެގަންނަން އެނގުނެވެ. އެހެންކަމުން ލުޔޫނާއަށް އެކަމުގެ ތަފްސީލެއް ނުދީ މަޑުން ހުރީއެވެ. އެނާގެ ދެދަަރިންނަށް ދިމާވި ކަންތަކުން ހިތުގައި އުފެދެމުން ދިޔަ ޖަޒްބާތު ތަކަކުން ރަނާ ގެއްލުނުކަން ހަނދާން ނެތުނީއެވެ. ހެވި ދިލިފައި އިނދެ ޖޫސްތަށި ބޯލުމަށްފަހު ރަނާގާތުގައި ތިމަންނަ އައި ވާހަކަ ބުނެދެއްޗޭ ބުނަމުން ލުޔޫނާ އެގެއިން ނިކުމެގެން ދިޔައީއެވެ.
ރޭގަނޑުގެ ކެއުމަށް ޒީކަށް ގޮވަން ސީމާ އެ ކޮޓަަރިއަށް ދިޔައިރު ޒީކަށް އޮތީ ނިދިފައެވެ. އެހެންކަމުން ޒީކަށް އުނދަގޫ ނުކޮށް އެ ކޮޓަރިން ނުކުމެގެން ދިޔައީ ޖައްސާފައިވާ އޭސީގެ ފިނި މަޑުކޮށްލުމަށް ފަހުގައެވެ. ސީމާ ކޮޓަރިން ނިކުތްތާ އިރުކޮޅެއް ނުވަނީސް ޒީކް އޭނާގެ ލޯ ހުޅުވާލިއެވެ. އެނާ އޮތީ ނިދާފައެއް ނޫނެވެ. އޭނާ ވިސްނަނީ އެވެ. ރަނާގެ މާޒީވި ދިރިއުޅުމާއި މެދުގައެވެ. ޒީކްގެ ހަށިގަނޑުގައި ހިނގަމުން އެދަނީ ރަނާގެ ބާރެވެ. ރާާނާގެ ހަޔާތުގެ މާޒީވި ހަނދާންތަކާއި މެދު ވިސްނަމުން ދިޔައީ މިއަދު ލުޔޫނާއާއި ދާދިގާތުން ދިމާވުމުންނެވެ. އެ ދުވަހަކީ ހޮނިހިރު ދުވަހެވެ.
*** *** *** *** *** ***
ފަތިހު ހޭލައިގެންް ރަނާ ގޭދޮށުގައި ކުނިކަހަން އޮއްވާ ލުޔޫނާ އެ ތަނަށް އައީ އޭނާގެ ފޯނު ހިފައިގެންނެވެ. ލުއި ހިނިތުންވުމަކާއި އެކީ ލުޔޫނާ ފޯނު ދިއްކޮށްގެން ހުރިގޮތުން އެ އައީ ކާކުގެ ފޯނެއް ހިފައިގެންކަން ރަނާއަށް އެނގުނެވެ. އެއީ ރަނާގެ ލޯބިވެރިޔާއެވެ. ޝިފާންގެ ފޯނު ކޯލެއްކަަން އެނގުމުން ރަނާ އެ ފޯނު ހިފައިގެން މަގުގެ އެއް ކައިރިޔަށް ޖެހިލިއެވެ. އަދި މަގުގެ ދެކޮޅު ބަލާލީ ކައިރި ހިސާބަކުން މީހެއްގެ ހިލަމެއް ވޭތޯއެވެ.
ޝިފާންގެ ފޯނަށް ވާހަކަ ދެއްކުމަށް ފަހު ރަނާ އަވަސްވެގަތީ ގޭތެރެއަށް ވަނުމަށެވެ. ލުޔޫނާ މިރޭ އެގެއަށް ފިލްމް ބަލަންދާން ދައުވަތު ދީފައިވާތީ އެވާހަކަ ސީމައްތަގާތު ބުނަން ވެގެންނެވެ. ޝިފާނާ އެގެއިން ދިމާ ކުރާނަން ކަމަށް ވައުދުވެފައި ވަނީވެސް އެވަގުތުގައެވެ. އެހެންކަމުން މިރޭގެ ޕްލޭން ފްލޮޕް ވާކަށް ރަނާ ނޭދެއެވެ. މެންދުރުގެ ކެއުމާ ރަނާ ހުރީ އެހާ ގަޔާވެފައެއް ނޫނެވެ. ސްޕެގެޓީ ތަށި އުލުން ހާވާލަ ހާވާލަ އިނދެވުނީ ޝިފާންއާއި ބައްދަލު ވުމަށްފަހު ދައްކަން ޖެހޭ މުހިއްމު ވާހަކަތައް ހިތަށް އަރުވަމުންނެވެ. މިރޭ ލާނެ ހެދުމަކާއި ދޭތެރޭވެސް ވިސްނެމުން ދިޔައެވެ. ޝިފާން ބުނެފައިވާ ގޮތުގައި އޭނައަށް އެންމެ ރީތީ ރަނާ ޕާކިސްތާން ހެދުން ލީމައެވެ. މާލެއަަށް އެންމެ ފަހުން ދިޔަ ދަތުރުގައި ފަހައިގެން ގެނައި ހުދުކުލައިގެ ޕާކިސްތާނު ހެދުން މިރޭ ލާން ނިންމުނެވެ. ޚިޔާލީ ފޮލާ ކައްކަމުން ދިޔަ ރަނާއަށް ސިހުމެއް ލިބުނީ ސީމައްތައަށް ރަނާ ގެއްލިފައި އިންތަން ފެނި ރަނާއާއި ސުވާލު ކުރުމުންނެވެ.
ރަނާއަށް އެއީ ލިބުނު ރަނުގެ ފުރުޞަތެކެވެ. ލުޔޫނާމެން ގެއަށް ފިލްމް ބަލަން ދާން ހުއްދައަށް އެދި އަހާލިއެވެ. ސީމާ އުފަލާއި އެކު އާއެކޭ ބުނުމުން ރަނާ ވަރަށް އުފާވިއެވެ.
"ސާބަހޭ ރަނާ.... އަވަސް ކޮށްބަލަ،... މިހާރު އެއޮށް އަށެއް ޖެހީ..." ލުޔޫނާ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން ޝަކުވާ ކޮށްލިއެވެ. ރަނާ ހުރީ ޑްރެސިންގް ޓޭބަލް ކުރިމަތީގައި ރީތި ވާށެވެ. އައި ލައިނަރއިން ލޮލުގެ ރަވައިގައި އަނދުން ފާއްދާ ލުމަށްފަހު، މަޑު މުށި ކުލައިގެ ލިޕް ގްލޮސް ފުޅިއެއް ނަގާ ތުންފަތުގައި ކާއްތަމުން ލުޔޫނާއަށް ޖަވާބު ދިނެވެ. "ޖަސްޓް އަ މިނެ...ޓް" އަދި މިހެން ބުނުމަށް ފަހު ފުށް ޖަހާ މަލަކުން ކޯތާފަތުގައާއި ނޭފަތް މަތީގައި ހާކާލިއެވެ. ހީވަނީ ވަރަށް ހާއްސަ ކަމަކަށް ތައްޔާރުވާ ހެންނެވެ.
މާ ގިނަ އިރުތަކެއްނުވެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނުކުތް ރަނާއާއި ދިމާލަށް ލުޔޫނާ ބަލަހައްޓައިގެން ހުއްޓެވެ. "ވާއު... ހީވަނީ ސާދަ ވިލޭރޭގެ ހަނދުހެން...." ރަނާހުރީ ހުދުކުލައިގެ ޕާކިސްތާން ހެދުމެއް ލައިގެންނެވެ. އިސްކޮޅުގައި ފަސް ފޫޓުގެ ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ރަނާއަކީ ވަރަށް ރީތި ދޮން ކުއްޖެކެވެ. އޭނާގެ ކަޅުކުލަ ގަދަ ފަން، ދިގު އިސްތަށިގަނޑުވަނީ ހާވާލާފައެވެ. ރަށުތެރޭގައި ފިރިހެން ކުދިން މަށަށް މަށަށް ގޮވާލަ ގޮވާލަ ތިއްބެއް ކަމަކު ރަނާގެ ހިތުން ހާއްސަ މަގާމެއް ދެވިފައި އޮތީ ޝިފާނަށެވެ. ޝިފާނަކީ އެރަށަށް އުފަން ކުއްޖެއް ކަމުގައިވީ ނަމަވެސް، އޭނާ އުޅެބޮޑުވީ އެއަތޮޅުގެ ވެރިކަން ކުރާ ރަށުގައެވެ. ދ. ކުޑަހުވަދޫ އިން އޯލެވެލް ހަދާ ނިންމުމަށްފަހު ވަޒީފާ އަދާ ކުރަމުން ދަނީ ވިލުރީފް ރިސޯޓު ގައެވެ. ލިބޭ ޗުއްޓީ ތަކުގައި ރަށަށް އައިސް އުޅެނީ މަދު ފަހަރެއް ގައެވެ.
"އަޅެ، އަހަރެން ވަރަށް ހާސްވޭ..... ބިރުވެސް ގަނޭ..." ގޭ މީހުންނަށް ނާންގާ ޝިފާނާ ބައްދަލު ކުރަން ދާ ކޮންމެ ފަހަރަކު ރަނާ މި ވައްތަރު ޖައްސައެވެ. "ހުރިހާ ކަމެއްވެސް އޯކޭވާނެ، ރަނާ އަބަދުވެސް ބޭނުންވީ ޝިފާނެއްނުން...އިނގޭ ވަރަށް ދުވަސް ކޮށްފަކަން ބައްދަލު ކުރަން އެ އުޅެނީވެސް... ސޯ... ވަރަށް ސްޕެޝަލް ރެޔެއްދޯ..." ލުޔޫނާ މަސައްކަތް ކުރީ ރަނާ ހިތްހަމަޖައްސައި ދެވޭތޯއެވެ. ރަނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ފެންޑާއާއި ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އޭރު ސީމައްތަ ވާހަކަ ފޮތެއް ހިފައިގެން ގޮނޑިއެއްގައި އިށީނދެގެން އިނެވެ. ސީމައްތައާއި ސަލާމް ކުރުމަށްފަހު ގެއިން ނުކުތް ދަނޑިވަޅުގައި ސީމައްތަަ ގޭގެ ތަޅުދަނޑި ހަވާލުކުރިއެވެ.
ލުޔޫނާގެ އަތުގައި ހިފައިގެން މަޑު ހިނގުމެއްގައި ރަނާގެ ގެއިން ނުކުމެގެން ދިޔައިރު ރަނާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރުވަމުންނެވެ. ޝިފާނާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ރަނާއަށް މިހެންވަނީ ކީއްވެކަން ޚުދު ރަނާއަކަށް ވެސް ނޭނގެއެވެ. ޝިފާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހު ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އަދި މަޑުކޮށްގެން އެ ހުންނަނީ ސީމާއްތަ ވިހައިގެން ހަމަޖެހެން ދެނެވެ. އެ ދެ ލޯބިވެރިންވެސް ތިބީ ކެތްމަދުވެފައެވެ.
ލުޔޫނާގެ ގެ ހުންނަ މަގަށް އެޅުނު އިރު އެގޭ ބޭރުގައިވާ އަށި މަތީގައި އިށީނދެލައިގެން ދެ ފިރިހެން ކުދިން ތިއްބެވެ. އޭގެ ތެރެއިން އެއް ޒުވާނަކީ ޝިފާންކަން އެނގުމުން ރަނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތް އަވަސްވެ ހަތަރެސްފައި ފިނިވާން ފެށިއެވެ. ލުޔޫނާގެ އަތުގައި ހިފާ ބާރު ކޮށްލެވުނެވެ. އޭރު އެމީހުން އެ އައްޓާއި އަރާ ހަމަވަނީއެވެ.
އެޕިސޯޑް – 19"އައްދޯއި!..." ލުޔޫނާ ތަދުވާ ކަމަށް ހެދިއެވެ.
"ކިހިނެއްވީ ލުޔޫ!..." ޝިފާން އަހާލިއެވެ.
"މީ..ރަނާ ރަނާ..." ޖުމްލަ ފުރިހަމަ ނުކުރެވެނީސް ލުޔޫނާގެ އަތުގައި ވިކައިގަންނަމުން ޖަވާބުގައި ރަނާ ބުންޏެވެ. " ކަމެއް ނުވޭ!... ލުޔޫ އެއުޅެނީ ކިޔާނެ އެއްޗެއް ނޭނގިގެން..."
"ބުނީމެއްނު އަހަރެންގެ ވަރަށް ގާތް ބެސްޓް ފްރެންޑެއްގެ ވާހަކަ... މީ ޝައިބާން.... ޝިފާން އޭނާގެ ގާތުގައި ހުރި ޝަައިބާން ތަޢާރަފްކޮށްދިނެވެ. ރަނާ ރަކި ހިނިތުންވުމަކާއި އެކު ބުންޏެވެ. "އަޅުގަނޑަކީ ރަނާ...."
"ހެ.. ހެ.. ހާދަ ފޯމަލް އޭ..... ފޯނުންވެސް ވަރަށް ވާހަކަ ދެއްކިން ދޯ... ދެން އަހަރެމެން މީ ރަހްމަތްތެރިންނެއްނު.. އަހަރެންނާ މާތް ބަހުން ވާހަކަ ނުދައްކައްޗޭ!..." ޝައިބާން ގާތްކޮށް ވާހަކަ ދައްކަމުން ރަނާއާއި ލުޔޫނާއަށް އަތާއި އަތްގުޅާލަމުން ސަލާމް ކޮށްލިއެވެ. ވާހަކަ ދައްކަން ހުއްޓާ އެގޭ ދޮށަށް ލުޔޫނާގެ ރަހްމަަތްތެރިން އަންނަތަން ފެނުނެވެ. އެތެރެއަށް އައުމަށް ލުޔޫނާ ދައުވަތު ދިން ނަމަވެސް ޝިފާން އެގެއަށް ވަންނަަން ދެކޮޅު ހެދިއެވެ. އެހެން ކަމުން ރަނާ ޝިފާނާ އެކީ އަތިރި މައްޗަށް ފައިބަނީ ކަމަށް ބުންޏެވެ. ފިލްމް ނިމުނީމަ ޝިފާންގެ ނަންބަަރަށް ގުޅާނަމޭ ލުޔޫނާ ބުނުމުން ރަނާ ބޯޖަހާލިއެވެ.
އާދައިގެ މަތިން އެ ދެ ލޯބިވެރިން ބައްދަލު ކުރަން ގޮސް އުޅޭ ފަޅުގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އެގޭގައި ދިރިއުޅޭ އެންމެން މާލެ ބަދަލުވުމުން އެގެ ހުންނަނީ ހުސްކޮށެވެ. އެ ގެއަކީ ޝިފާން ރަށަށް އަންނަ ދުވަސް ދުވަހުގައި އެ ދެ ލޯބިވެރިން މާފޮޅުވާ ބަގީޗާއެވެ. އެ ދެމީހުންގެ ފަހަތުން އައި ޝައިބާން ފިހާރައަކަށް ގޮސްލާފަ އެބަ އަންނަމޭ ބުނުމަށްްފަަހު ޖެހިގެން އޮތް މަގުން ލަނބާލުމުން ޝިފާން ރަނާގެ އަތުގައި ބާރަށް ހިފާލިއެވެ. ދެމީހުންގެ ފިޔަވަޅު އަވަސްކޮށްލީ އެ ފަޅުގެއާއި ދިމާލަށެވެ.
*** *** *** *** *** ***
ފުން ޚިޔާލުތަކުގެ ތެރޭގައި ފީނަމުން ދިޔަ ޒީކަށް ހޭވެރިކަންވީ ފޯނު ރިންގްވާން ފެށުމުންނެވެ. އެއީ މަޒީނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލުމުން މަޒީން ހަލޯއޭ ބުނެލިއެވެ. އާދައިގެ ގޮތަކަށް ޒީކް ޖަވާބު ދިނުމުން ޒީކްގެ މޫޑު ރަނގަޅު ނޫންކަން މަޒީނަށް އެނގުނެވެ. "ހެއި... މާލޭގަ ވަރަށް ބޯރިންގް... ޒީކް ކޮން އިރަކުން މާލެ އަަންނަނީ... އައި މިސް ޔޫ..." މަޒީން އޭނާގެ ހިތުގެ ޝުއޫރު ހާމަކުރިއެވެ.
"ލަންކާއަށް ދާން ކައިރިވީމަ މާލެ ދާނީ... ވަރަށް ޓަޔަޑް.. ނިދަން މި އުޅެނީ... އިނގޭ.... ގުޑް ނައިޓް..." މާ ބޮޑު ވާހަކައެއް ނުދައްކާ ޒީކް ފޯނު ކަނޑާލިއެވެ.
ކޮޓަަރީގެ ދޮރާ ދިމާލަށް ބަލަހައްޓައިގެން އޮތް ޒީކް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ އަތުގެ އިނގިލިތަކުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުތެވެ. ސިޓިންގް ރޫމު ތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން، ގޭގައި އުޅެނީ ސީމާއާއި ސަފިއްޔާ އެކަނިކަން އެނގުނެވެ. މިހާ ލަސްވީމާ މަންމައާއި މާމަ ނިދީކަން ޒީކަށް ކަށަވަރުވުމުން ސިއްރުސިއްރުން ގެއިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ. ސިމާމެންނަށް އަޑުނީވޭ ވަރަށެވެ.
ބަނދަރު މަތިން ހިނގަމުން ދިޔަ ޒީކްގެ މިސްރާބު ހުރީ ކުރިން އޭނައަށް ލުޔޫނާ ފެނުނު ދިމާލަށެވެ. ލުޔޫނާއާއި ބައްދަލު ކޮށްލަން ބޭނުންވެފައި ހުންނަތާ އެތައް އަހަރެއްވީއެވެ. ހިއްސާ ކުރަން ބޭނުންވާ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ކުރިންވެސް އިން ބެންޗު މަތީގައި ލުޔޫނާ އިންތަން ޒީކަށް ފެނުނެވެ. ނަމަވެސް މިފަހަރު ލުޔޫނާ އިނީ އެކަންޏެއް ނޫނެވެ. ލުޔޫނާއާއި ދާދި އެއް އުމުރެއްގެ އެހެން އަންހެނަކާއި އެކީ އެ ބެންޗުމަތީ ތިބުމުން ޒީކް ފަސް ޖެހުނެވެ.
ވަށައިގެންވާ މާހައުލަށް ކަޅި ހިންގަމުން ދިޔަ ލުޔޫނާގެ ލޮލުގައި ރުކެއް ކައިރީ މަޑުކޮށްލައިގެން ހުރި ޒީކް އަޅައިގަތެވެ. ބެންޗު މަތިން ތެދުވެ ޒީކާ ދިމާލަށް ފިޔަވަޅު އަަވަސްކޮށްލިއެވެ. ޒީކްގެ އަތުގައި ހިފާ ވާހަކަ ދައްކަމުން ބެންޗުގައި އިށީންނަން އައުމަށް އެދުނެވެ. ޒީކް ހިމޭނުން ހުރީއެވެ. ލުޔޫނާ ޒީކާ މުޚާތަބު ކުރަމުން ދިޔައީ ރަނާގެ ނަމުންނެވެ.
ބެންޗުގެ ބިއްދޮށުގައި ހަދާފައިވާ ދެބުރީގެ އިމާރާތުގެ ތެރެއަށް އިޝާރާތް ކުރަމުން އެ މެދުއުމުރުގެ އަންހެން މީހާ ލުޔޫނާ ގެއަށް ދަމާ ހިނގާށޭ ބުނެލިއެވެ. ނަމަވެސް ލުޔޫނާ ގެއަށް ވަންނަން ބޭނުމެއް ނުވިއެވެ. ޒީކްގެ އަަތުގައި ހިފައިގެން އެކި ވާހަކަތައް އަހަމުން ދިޔައީ މޮޔައެއް ފަދައިންނެވެ.
"ބަލަ ލުޔޫނާ... ދެލޯ ފުޅާ... އެއީ ރަނާއެއް ނޫނޭ... އެއީ ސީމާގެ އަންހެން ދަރި ޒީކް... ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި ޗުއްޓީގަ ރަށަަށް އައިސް އެ އުޅެނީ...." އެ އަންހެން މީހާ ދެއްކި ވާހަކަތަކުން ލުޔޫނާ ރުޅިއައެވެ. އޭނާއާއި ދިމާލަށް އަަތް ފޮޅަމުން މިތަނުން ދާށޭ ކިޔާ ހަޅޭއްލަވަން ފެށިއެވެ.
ލުޔޫނާ ހަމަޔަކަށް އަޅުވަން ޒީކް މަސައްކަތް ކުރިއެވެ. އަދި އެ އަންހެން މީހާ ގާތު އިރުކޮޅަކުން ލުޔޫނާ ގެއަށް ގެންދާނަމޭ، ދައްތަ އިހަށް ދާށޭ ބުނެލިއެވެ. ލުޔޫނާއާ އެކީ ވާހަކަ ދައްކަން އެ ބެންޗުގައި އިށީންދެގެން ތިބީ ގޮނޑު ދޮށުން ފެންނަމުން ދިޔަ ހިތްފަސޭހަ މާހައުލަށް ގެއްލިފައެވެ. އެރޭގެ ފުރިހަމަ ވެފައިވާ ހަނދަށް ބަލަން ތިބި އިރު ލުޔޫނާ އެކި ސުވާލުތައް ކުރަމުން ދިޔައީ މާޒީގައި ވެފައިވާ ކަންތައްތަކާއި ބެހޭ ގޮތުންނެވެ. ޒީކް ގެއަށް ދިޔައީ އެރޭ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. އެކިކަހަލަ ވާހަކަތައް ހިއްސާ ކުރުމަށްފަހުގައެވެ.
ލުޔޫނާ ގެއަށް ވަދެގެން އައީ ގަބުއަރާފައި ހުރި ބުދެއް ފަދައިންނެވެ. ދެވަނަ ބުރީގައިވާ އޭނާގެ ކޮޓަރިއަަށް ވަދެ ބޮލުގައި އަޅާފައިވާ ޝޯލް ނެގުމަށްފަަހު ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ޒީކް ކިޔައިދިިން ވާހަކަތަކުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ޑްރެސިންގް ޓޭބަލް މަތީގައިވާ ފޯނު ނެގުމަށްފަހު އޭނާގެ ފިރިމީހާއަށް ގުޅާލިއެވެ. "ހަލޯ.... ކޮންއިރަކު ގެއަށް އަންނަނީ... އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި އެބައޮތް... " ފޯނުން ލުޔޫނާގެ ފިރިމީހާއަށް މުޚާތަބުކޮށް ވާހަކަ ދެއްކީ ދުވަހަކުވެސް އޭނާއާ ވާހަކަ ނުދައްކާ ގޮތަކަށެވެ. އަޑުގައިވަނީ ހަރުކަށިކަމެވެ. ކޮޓަރިތެރޭ ސޯބެއްހެން އެނބުރެމުން ދިއައެވެ. ކުޑަދޮރުން ފެންނަމުންދާ މަންޒަރަށް ބަލަން ހުރެވެނީ ގޭގެ މައި ދޮރާށިން އެތެރެއަށް ޝިފާން ވަދެގެން އަންނާނެ ވަގުތަކަށެވެ.
ވަރުބަލިކަމެއް އިހްސާސް ވުމުން ލުޔޫނާ އެނދުގައި އޮށޯވެލިއެވެ. ފުން ޚިޔާލުތަކެއްގެ ތެރޭގައި އޮންނަތާ އިރުކޮޅެއްފަހެވެ. އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. މުޅި ކޮޓަރިވަނީ އަނދިރި ކޮށްފައެވެ. ދޮރު ކައިރީގައިވާ ސްވިޗުން ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. ކޮޓަރިތެރެ އަލިވުމާއި އެކީ އޮށޯވެގެން އޮތް ލުޔޫނާ ކައްތެއް ޖެހީމާ ތެދުވާ ގޮތަށް ފުންމައިގެން ތެދުވެއްޖެއެވެ. ދޮރުން އެތެރެއަށް ވަދެގެން އައި ޝިފާނާ ދިމާލަށް ބަލަންހުރެ ވާހަކަ ދައްކަން ފެއްޓިއެވެ. "އަހަރެމެންގެ ދަރިފުޅު މަރުވީކީ ނޫން... އަހަރެމެންގެ ދެދަރިން މަރާލީ... ޝައިބާންވެސް އޭނަަ މަރާލީ....އަހަރެންނަށް އެނގޭ... ހުރިހާ ކަމެއްވެސް އެނގޭ..." ލުޔޫނާ ހަޅޭއް ލަވަމުން ރޮމުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފިރިމީހާ އާއެވެ.
ޝިފާނަށް ލުޔޫނާގެ ވާހަކަތަކުން ސިހުމެއް ލިބިގެން ދިޔައެވެ. "ކީކޭތަ ލުޔޫ ތި ކިޔަނީ؟... ހިނގާ ނިދަން... ޑޮކްޓަރ ދިން ބޭސްތައް ނުކައި ދޯ ތިއުޅެނީ..." ޝިފާން، މޭޒުމަތީ ހުރި ބިއްލޫރި ތައްޓަށް ފެންފޮދެއް އަޅަމުން ލުޔޫނާގެ ބޭސްފުޅިން ބޭސްގުޅައެއް ނެގިއެވެ.
"އަހަރެން ހީކުރީ ބައްޕައާއި ކުދިން ވައްތަރުވުމަކީ ނަސީބެއް ކަމަށް... އީވާނާއި ލީވާނަކީ ޝިފާންގެ ދެލިކޮޕީއެއް... އެހާވެސް ވައްތަރު.... އެކަމު އެއީ އެކުދިންގެ ބަދުނަސީބު.... ރަނާ އެ އައީ ބަދަލު ހިފަން.... ޝިފާން،... ކީއްވެ އަހަންނަށް އޮޅުވާލީ... ރަނާއަށް... ރަނާ..ރަ" ލުޔޫނާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. އެވަގުތު ޝިފާން އަތުގައިވާ ފެންތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އަރިއަޅަމުން ދިޔަ ލުޔޫނާ ޝިފާނަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ލުޔޫނާ ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. ލުޔޫނާއަށް ބޭސް ދިނުމުން ބޮޑާ ނުހާކާ ބޭސް ކެއެވެ. އަދި އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.
ޝިފާން ގާތްވެ އޭނާގެ އަންހެނުންގެ ބޮލުގައި ފިރުމާލިއެވެ. ޝިފާން އަތް ދުރުކޮށްލަމުން ލުޔޫނާ ޝިފާނަށް ފުރަގަސްދީ އެނދުގެ ބިތްދޮށަށް އެނބުރުނެވެ. ލުޔޫނާގެ މި އަމަލުން ޝިފާން ވަރަށް ދެރަވިއެވެ. ވިހި އަހަރުވީ މި ކައިވެނީގައި އެ ދެމަފިރިން ދުވަހަކުވެސް މައްސަލައެއް ނުޖެހެއެވެ. ޝިފާންގެ ސިކުނޑިއަށް ބަރުވިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް ބޮލުގައި އުފެދުނެވެ. ނިތްކުރި މަތީ އަތް ބާއްވާލައިގެން އޮޮވެވުނީ އެ ޚިޔާލުތަކަށް ގެއްލިފައެވެ. އެއީ މީގެ ވިހި އަހަރު ކުރިއެވެ. ދ. ގެމެންދޫއިން ވަކި ނުވެވުނު ހަނދާންތަކެވެ.
- ނުނިމޭ -
ކޮބާ 28 ވަނަ ބައި؟؟