ރަށުތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނުކުތް މަޒީނާއި ވިޝާލާއި ރާއިފް އައީ ނިތްކުރި މައްޗަށް ދެލޯ ދީގެންހުރެއެވެ. ތެޅެމުން ފޮޅެމުން އައި މަޒީން ގާތުގައި ފުލުސްމީހާ އަހާލިއެވެ. "ކިހިނެއްވީ... ހަމަޖެހިބަލަ..."
މަޒީނަށް ވާހަކައެއް ނުދެއްކެއެވެ. މަންމަނެއްހެން ރަށުގެ އަނެއްކޮޅަށް އިޝާރާތް ކުރަމުން ދިޔައިރު ރޮނީކަމެއް ހަޅޭއް ލަވަނީ ކަމެއް ނޭނގެއެވެ.
ކަކުލުގައި އަަތް ވިއްދައިގެން ގުދަށް އޮވެ ފުންނޭވާތައް ދޫކުރަމުން މަޒީން ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ. ރާއިފް އައިސް ދޮންވެލިގަނޑު މައްޗަށް ކަކޫޖަހާ ތިރިވެ ރޮމުން ދިޔައެވެ. ހުރިހާ އަންހެން ކުދިންތައް ވާނުވާ ނޭނގި އެއިން މީހެއްގެ އަނގައިން ނުކުންނާނެ ބަހެއްގެ އިންތިޒާރުގައި ތިއްބެވެ. ކުޑަ ވަގުތުކޮޅަކަށް ފަހު ވިޝާލް ވާހަކަ ދައްކަން ފެއްޓިއެވެ. "މުޅިރަށް ބަލައިފިން،... އެކަމު ލީވާނެއް ނުފެނުން.... އެދިމާލުގައި ލީވާންގެ ފައިވާން ފެންނަން އެބައޮތް...." ރަށުގެ އަނެއް ފަރާތަށް އިޝާރާތް ކުރަމުން ވިޝާލް ވާހަކަ ދައްކަމުން ދިޔައެވެ.
ލަސްނުކޮށް ލޯންޗުގައި ދެ ފުލުހުންނާއި އެކު ހުރިހާ އަންހެން ކުދިންތަކާއި މަރުވެފައިވާ އީވާންގެ ހަށިގަނޑާއި އެކު ކުޑަހުވަދޫއަށް ދިޔުމަށް ލޯންޗު ފުރިއެވެ. ބާކީ ތިބި ދެ ފުލުހުންނާއި އެކީ ފިރިހެން ކުދިންތައް ރަށުގައި މަޑުކުރީ ލީވާން ފެނޭތޯއެވެ. ލޯންޗު ތެރޭގައި ޒީކާއި ތޫބާ ތިބީ އެކުއެކީގައެވެ. އެންމެންގެ ލޯތައް އަމާޒުވެފައި ވަނީ އެނދުމަތީ ގައިވާ އީވާނަށެވެ. ރަށަށް އައުމާއެކީ ފާލަން ދޮށަށް އެމްބިއުލެންސެއް އައިސް އޮތެވެ. އީވާންގެ ހަށިގަނޑު އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދެވުނެވެ.
ސީމާ ފެނުމާއި އެކީ ޒީކް ދުވެފައި ގޮސް ސީމާގެ ހަށިގަނޑުގައި ބައްދާލިއެވެ. ތޫބާވެސް ސީމާއާއި ގާތްވަމުން ވާހަކަ ދައްކަން ފެއްޓިއެވެ. "ސީމައްތާ... މިއޮތީވާ ދަތުރެއް...." ތޫބާގެ އަނގައިން ނިކުތް ޖުމްލަ ހުއްޓުނީ ސީމާ ކުރި ސުވާލުންނެވެ. " ކޮބާ ހުރިހާ ފިރިހެން ކުދިންތައް؟... އީވާނަށް ކިހިނެއްވީ؟..."
ޒީކް އިސްޖަހައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. "އީވާން ގެނބުނީ.... ފުލުހުން އައިސް ފުރަންވެގެން ބެލިއިރު ލީވާނެއްވެސް ނުފެނުނު... އެހެންވެ ފުލުހުންނާއި އެކީ ފިރިހެން ކުދިންތައް އެރަށުގައި މަޑުކުރީ...." މިންނާއާއި ޝައްފަ އެވަގުތު އެހިސާބަށް އައިސް ހުރިހާ ކުދިން ފުލުސް އޮފީހަށް ބަޔާން ދިނުމަށް އައުމަށް ފުލުހުން އެދުނު ވާހަކަ ބުންޏެވެ. ސީމާ އެކުދިންނާއި އެކީ ފުލުސް އޮފީހަށް ދިޔައެވެ.
ކަންތައް ހިނގައި ދިޔަ ގޮތް ކިޔައި ދިނުމަށް ފަހު ބަޔާނުގައި ސޮއި ކޮށްލިއެވެ. އެއަށްފަހު އެންމެން އަވަސްވެގަތީ ހޮސްޕިޓަލާއި ދިމާލަށެވެ. ހޮސްޕިޓަލް ކައިރިއަށް ދިޔަ އިރުު ރަށުގެ ވަރަށް ގިނަ މީހުން އެ ހިސާބަށް ޖަމާވެފައިވާތަން ފެނުނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ޒީކާއި ތޫބާއި މިންނާއި ޝައްފަ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރު އެންމެންގެ ލޯތައްވަނީ އެމީހުންނަށް އަމާޒުވެފައެވެ. ކައުންޓަރު ދޮށުގައި ހުރި ހޮސްޕިޓަލްގެ މުވައްޒަފެއް ގާތުގައި ދަތުރުގޮސް ގެނބިގެން ގެނައި ކުއްޖާ ވީ ކޮންތާކުތޯ އަހާލުމުން އަވަސް ފަރުވާދޭ ކޮޓަރީގައި ކަމަށް ބުންޏެވެ.
އެހިސާބަށް ދިޔައިރު ރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ ޖަމާވެފައެވެ. އަންހެނެއްގެ ވޭނީ ރުއިމުން މުޅި ހިސާބުގަނޑުވަނީ ހަލަބޮލި ކޮށްލާފައެވެ. މީހުންގެ ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތައް ޒީކްމެންނަށް އަޑު އިވުނެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އީވާން މަރުވީ ގެނބިގެންކަމާއި ވަރަށް އަވަހަށް އީވާންގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރެވޭނެ ވާހަކަ ބުންޏެވެ.
މީހުންގެ ތެރެއިން ރުއިމުގެ އަޑު އަންނަމުން ދިޔަ ދިމާލަށް ޒީކްމެން މިސްރާބު ޖަހަމުން ދިޔައެވެ. އަވަސް ފަރުވާ ދޭ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިށީންދެގެން އިން މެދު އުމުރުގެ އަންހެނެކެވެ. އޭނާގެ މޭމަތީގައި ތަޅަމުން ރޮމުން ދިޔައީ ވޭނުން ފުރިގެންވާ ގޮތަކަށެވެ. އެ އަންހެން މީހާގެ ގާތުގައި ތިބި އެހެން މީހުންތައްވެސް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔަ މަންޒަރު ބަލަންހުރި ޒީކްގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރިއެވެ.
ހިނދުކޮޅަކަށް ފަހު އެ މަންޒަރު ބަލަން ކެތްނުކުރެވުމުން ޒީކް ފަސްއެނބުރި ހޮސްޕިޓަލުން ބޭރަށް ދިޔުމަށް ދުއްވައިގަތެވެ. ޒީކްގެ ފަހަތުން ދިޔުމަށް ތޫބާ އަވަސްވެގަތެވެ. ހޮސްްޕިޓަލުން ބޭރަށް ނުކުމެ އަތިރި މައްޗާވީ ދިމާލަށް ދުވަމުން ދިޔަ ޒީކް ފެނި ތޫބާ ހައިރާންވިއެވެ. ތޫބާއަށް ޒީކާއި ހަމައަށް އާދެވުނު އިރު ޒީކް ވަރުބަލިވެގެން އެހިސާބުގައި ހުރި ގެއެއްގެ ފާރުގައި ލައްވެލިއެވެ. މާނޭވާލަމުން ޒީކް ވާހަކަ ދައްމުން ދިޔައެވެ. "އީވާން މަރުވުމުން އޭނަ އެހާވަރަށް ރޮނީ ކީއްވެތަ؟..." ޒީކްގެ ދުލުން ބޭރުވަމުން ދިޔަ ބަސްތައް ތޫބާއަށް ރަނގަޅަށް ދޭހަވާ ގޮތެއް ނުވިއެވެ.
"ޒީކް ހިނގާ ގެއަށް ދާން... މިހާރު ހަވީރު ވަނީ..... އަދި މިއުޅެނީ ހެނދުނު ސައި ބުއި ގޮތަކަށްނު.... ޒީކް ތިހުރީ ވަރުބަލިވެފަ... އޭނަ ސަަލާމަތްކޮށްދޭން ޒީކް ކިހާ މަސައްކަތެެއް ކުރިން.... އެކަމާ ނުވިސްނާ... ދެން ހިނގާދާން..." ޒީކްގެ އަތުގައި ހިފަމުން ތޫބާ މިހެންބުނެ ގެއާއި ދިމާލަށް ހިނގައިގަތެވެ.
ޒީކް ފާހާނާއަށް ފެންވަރަން ވަނުމުން ތުބާވެސް އަވަސްވެގަތީ އޭނާގެ ގެއާއި ދިމާލަށެވެ. ގެއިން ނުކުންނަން ހިނގައިގަތް ވަގުތު ގޭގެ ދޮރުމައްޗަށް އައިސް ހުއްޓުނީ ސީމާއެވެ. "ކޮންތާކުން ތިއައީ... މުޅި ހިސާބުގަނޑު ތިމީހުން ނުފެނިގެން ހޯދާފަ މިއައީ... މީހަކުބުނި ގެއާ ދިމާލަށް ދަނިކޮށް ދުށީމޭ.. އެހެންވެ ގެއަށް މި އަައީ...." ހާސްވެ ކަަންބޮޑުވެފައި ހުރެ ސީމާ ވަހާކަ ދެއްކިއެވެ.
"ޒީކް ފެންވަރަން ވަނީ.... މޫދަށް އެރިގެން ލޮނާ ހިކިގެން މި ތިބީ... ތޫވެސް މި އަންނަަނީ ފެންވަރައިގެން...." ސީމާއަށް އެމީހުން ގެއަށް އަވަހަށް އައި ސަބަބު ތޫބާ އޮޅުން ފިލުވައިދިނެވެ. ނަމަވެސް ޒީކްގެ ފަަރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފް ކަންތައްތަކުގެ ވާހަކަ ހިއްސާ ނުކޮށް ގެއާ ދިމާލަށް ދިޔުމަށް އަވަސް ވެގަތެވެ.
ފެންވަރާ ތާޒާވެލައިގެން ޒީކްމެން ގެއަށް ތޫބާ ދިޔައެވެ. އޭރު ސީމާ ސޯފާގައި އިށީނދެގެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސީމާ ގާތުގައި ސަފިއްޔާ ވެސް އިނެވެ. ސީމާގެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރުން ކަމެއް ގޯސްވެއްޖެކަން ތޫބާއަށް އެނގުނެވެ. ސީމާއާއި ޖެހިގެން ސޯފާގައި އިށީންނަމުން ތޫބާ ކިހިނެއްވީތޯ ސުވާލު ކޮށްލިއެވެ. "ތޫބާ އަހަރެންގެ ޒީކަށް ކިހިނެއް ވެފައިތަ އެހުރީ..." ސީމާވެސް ކޮށްލީ ސުވާލެކެވެ. އެ ސުވާލުން ތޫބާގެ ސިކުނޑިން ދިމާލެއްގައި ރިހުމެއް އުފެދުނެވެ.
ދޭނެ ޖަވާބެއް ނޭނގިފައި މަޑުޖެހިލެވުނެވެ. އަނެއްކާވެސް ސީމާ ވާހަކަ ދައްކަން ފެއްޓިއެވެ. "ނޭނގެ މަށަކަށް އޭނައަށް ވެފައި ހުރި ގޮތެއް... ކޮފީ ހެދީމަ ބުނި ނުބޯނަމޯ.. ދެން ބަދިގެއަށް ވަދެ ރޮއްޓާ ތެލުލި ރިހާކުރާ ކާން އިށީނީ އަމިއްލައަށް ކަޅުސައި ތައްޓެއް ހަދައިގެން.... ޒީކް ދުވަހަކުވެސް ރިހާކުރެއް ނުކާނެ.. ބުނާނެ ބެކްޓީރިއާ ހުންނާނޯ.... ދެން ކަޅުސައިވެސް ވަރަށް ނުބޯން އުޅޭނެ.... އަދި ދޭތެރެއަކުން މަށާދިމާލަށް ސީމައްތާއޭ ކިޔާފަ ގޮވަނީ...."
ހައިރާނުން ބައިނާޅިވެފައި އިން ސީމާގެ ވާހަކަތައް އަޑުއަހަން ތުބާއަށް އިނދެވުނީ އާގަމަ ކައިފައެވެ. ޒީކްވީ ކޮޓަރީގައޭ ސީމާ ބުނުމުން ތޫބާ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޒީކް އުޅުނީ އޭނާގެ ލެޕްޓޮޕުން މުސްކުޅި ދިވެހި ލަވަތަކެއް ޖަހައިގެންނެވެ. ޒީކްގެ ފަަރާތުން ފެންނަމުން ދިޔަ ބަދަލުތަކުން ތޫބާ ސުވާލުކުރަން ފެއްޓިއެވެ. "ޒީކް ކިހިނެއް ވެގެންތަ ތިއުޅެނީ.... ތި ލަވަ ނިއްވާލާފަ ހިނގާބަަލަ އީވާންގެ މޫނު ދެކިލަން ދާން... ވަރަށް އަވަހަށް ވަޅުލާނެ ވާހަކަ ބުނި... "
ޒީކް ދެއަަތަށް ބޯ ހޫރަމުން ނުދާނަމޭ ބުންޏެވެ. ޒީކްގެ އަމަލުތައް ހުރިގޮތުން ތޫބާ ހުރީ ވަރަށް ފޫހިވެފައެވެ. އަދި އެ ކޮޓަރިން ނުކުމެފައި ސީމައްތަ ގާތުގައި އީވާން މޫނުބަލަން ދާނަންތޯ އަހާލިއެވެ. ޒީކް ދާން ބޭނުން ނުވާ ވާހަކަވެސް އަަވަހަށް ބުނެލީ ސީމާ އެކޮޓަރިއަށް ވަދެފާނެތީއެވެ. ސީމާއާއި ސަފިއްޔާ ވަގުތުން ތެދުވެ ތޫބާއާއި އެކީ ދިޔުމަށް ހިނގައިގަތެވެ.
އެންމެ ހޫނު ގަދަކޮށް ނޫސްތަކުގައި ދެކެވެމުން އަންނަ އެއް ވާހަކައަކީ އެއްމާބަޑު ދެބޭންނަށް ދިމާވި ހާދިޘާގެ ވާހަކައެވެ. އިވާން މަރުވިފަހުން ދެހަފްތާ ވީއިރުވެސް ލީވާންގެ ހަށިގަނޑެއް ނުފެނުނެވެ. ފުލުހުންގެ ޓީމްތައް މި މައްސަލަ ބަލަމުން ދިޔައެވެ. ނަމަވެސް އާއިލާގެ މީހުން މިހާރުވަނީ އުއްމީދު ކަނޑާލާފައެވެ.
ސީމާމެން މާލެ ދާން ނިންމުމުން ޒީކް އެކަމާ ދެކޮޅު ހެދުމުން ސީމާއަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ސަފިއްޔާއަށް އެކަމުން ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ޒީކް އޭނާގެ ހަށިގަނޑާއިލާ ބޮނޑި ކޮށްލިއެވެ. އަދި ލަންކާއަށް ކިޔަވަން ދާ ދުވަސް ކައިރިވަން ދެން މަޑުކުރަން އެދުނެވެ. ޒީކް މިހާރު ރަށުތެރެއަށް ވަރަށް ފަރިތައެވެ. ރަށުތެރޭގައި އުޅޭ ކުދިންތަކާއި އެކީ ހަވީރާއި ރޭގަނޑުގެ ވަގުތުތައް ހޭދަކުރަން ނުކުންނަން ފެށިއެވެ.
މިގޮތުން އެއް ދުވަހެއްގެ ހަވީރު ފިނި ބުރުޖަހަން ޅަ ފުރައިގެ ކުދިންތަކަކާއި އެކީ ތޫބާއާއި ޒީކް ނުކުތެވެ. އެމީހުން ދިޔައީ ރަށުގެ ބަނދަރު މަތިންނެވެ. ޒީކްމެން ދިރިއުޅޭ އަވަށް ދޫކޮށް ދެން އޮންނަ އަވަށަށް އެރިއެވެ. ހިނގަމުން ހިނގަމުން ދިޔަ އިރު ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ އަތިރިމަތީގައި ޖަހާފައިވާ ބެންޗުތަކަށެވެ. ބެންޗުމަތީ އިށީނދެގެން އިން މެދު އުމުރުގެ އަންހެނެއް ފެނި ޒީކްގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެ އަންހެން މީހާގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަަމެވެ. ކައިރިން ބައެއްގެ ހިލަންވުމުން އެ އަންހެންމީހާ އިސްއުފުލާ އެ ކުދިންތަކާއިި ދިމާލަށް ބަލަލީއެވެ. ދެލޯ ބޮޑުކޮށްގެން އިނދެ އެ އަންހެން މީހާ ބެންޗު މަތިން ތެދުވީ ބިރެއް ފެނިގެންހެން ހީވިއެވެ. ތޫބާމެންނާ ދިމާލަށް އައުމަށް އެއަަންހެންްމީހާ ކުރިޔަށް ފިޔަވަޅު އަޅާލިއެވެ. ކަޅު ހައުސްކޯޓެއް ލައިގެން ހުރިއިރު އޭނާގެ ބޮލުގައިވަނީ ދަނބުކުލައިގެ މާޖެހި ޝޯލެއް އަޅާފައެވެ.
އެ އަންހެން މީހާގެ އަމަލުތައް ހުރިގޮތުން ތޫބާމެންނަށް ފަސްޖެހެވުނެވެ. ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދައަކުން އަައިސް އެމީހުން ކުރިމައްޗަށް ހުއްޓުނެވެ. އެ އަންހެން މީހާގެ ފުށުން އަޑުއަހަން ޖެހިދާނެ ހަރު ބަސްތަކާއި ކުރިމަތިލާން ތޫބާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒީކްގެ އަތުގައި ހިފައި ހިނގައިގަންނަށް އަވަސްވެގަތެވެ. ނަމަވެސް ޒީކްގެ ހަށިގަނޑަށް ގުޑުމެއް ނައެވެ. "ހިނގާ އަވަހަށް ގެއަށް ދާން...." ޒީކް ގޮވައިގެން ދާން އުޒުރެއްގެ ގޮތުން ތޫބާ ބުނެލީ އެހެންނެވެ.
ޒީކާއި އެ އަންހެން މީހާގެ ލޮލާ، ލޯ ވަނީ ސީދާ ވެފައެވެ. އެ އަންހެން މީހާގެ ލޮލުގެ ތެރެއިން ފެންނަމުން ދިޔަ ވިދުމުން އޭނާ އެހެރީ ހަމައިގައި ބާވައޭ ތޫބާގެ ހިތަށް އަރަމުން ދިޔައެވެ. ޒީކްވެސް ހަމަ އެފަދައެވެ. ލޮލުފުރާ ކަރުނަތައް ޖަމާކޮށްގެން ހުރެ އެ އަންހެން މީހާއަށް ބަލަން ހުރިއިރު އެ ދެމެދުގައި ބީރައްޓެހިގޮތެއް ނެތްކަން ކަށަވަރުވިއެވެ.
" ކޮންތާކަށް ދިޔައީ؟.... މިހާ ދުވަހު ފިލައިގެން އުޅެފަ ތިއައީ..." އެމީހާ ވާހަކަ ދެއްކީ ލޯބިން ފުރިގެންވާފަދަ ރާގަކުންނެވެ. ޒީކްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފެށިއެވެ. މި ވަމުންދާ ގޮތް ދޭހަނުވާ ހާލުގައި ހުރެ ތޫބާ ޖަވާބު ދިނެވެ. "މި ހުރިހާ ދުވަހު މީނާ އުޅުނީ ލަންކާގައި... ޗުއްޓީއަށް ރަށަށް އައިސް އެ އުޅެނީ..."
ތުބާއަށް ބަލާލަމުން އެ އަންހެން މީހާ ހިނިތުން ވެލިއެވެ. އަދި ޖަވާބުގައި ތިގެއަށް ދާނަމޭ ބުނެ އެއްގަމާ ދިމާލަށް ހިގައިގަތެވެ. ޒީކްގެ މޫނުވަނީ ރަތް ވެފައެވެ. އެ އަންހެން މީހާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ޒީކް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. މިރޭ އިތުރަށް ބޭރުގައި މަޖާކުރަން އުޅޭކަހަލަ މޫޑެއް ނެތޭ ބުނެ ޒީކް ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ތޫބާވެސް ޒީކްއާއި އެކީ ގެއަށް ދިޔައެވެ.
ސިޓިންގް ރޫމުގައި ޓީވީން ދައްކަމުން ދިޔަ ހިންދީ ސީރީސްގެ މަންޒަރަށް ބަލަން ސީމާ ގެއްލިފައި އިނެވެ. އެވަގުތު ގޭތެރެއަށް ވަދެގެންއައި ޒީކްގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެފައިވާކަން ސީމާއަށް އެނގުނެވެ. ޒީކް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. އަޖައިބުވެ އިނދެ ކިހިނެއްތޯ ވީ އަހަން ސީމާ ތެދުވި ދަނޑިވަޅުގައި ގޭގެ މައި ދޮރުން އެތެރެއަށް ވަދެގެންއައި ތޫބާ ފެނުމުން މަޑުޖެހިލިއެވެ.
ތޫބާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަތައް ފަހުމުވަމުން ދިޔައިރު ކޮންމެވެސް ކަމެއް ހިނގައިފިކަން ސީމާއަށް ކަށަވަރު ވެއްޖެއެވެ. ތޫބާއާއި ދިމާލަށް ސީމާ ބަލަން ހުރިގޮތުން ޒީކްގެ ހަރަކާތްތަކުން ކަމެއް އެނގިއްޖެކަން ދެނެގަންނާކަށް ލަހެއް ފަހެއް ނުވިއެވެ.
އިސް އޮބާލައިގެން އައިސް ސީމާ ކުރިމައްޗަށް ހުއްޓުމުން މައުނަވީ ގޮތަކަށް ތޫބާއަށް ބަލަންހުރެ ސީމާ އަަހާލިއެވެ. "ޒީކަށް ކިހިނެއްވީ؟.... މޫނަށް ޖަންބު ކުލަ އަރާފަ ހުރީ.... ބަން ލާފަ ދޮރު ޖަހާފަ ކޮޓަރިއަށް އެވަނީ.."
ތޫބާ އިސް އުފުލާލަމުން ސީމާއާއި ވާހަކަ ދައްކަން ފެއްޓިއެވެ. "ނޭނގެ ހަމަ އެއްގޮތަކަށް ވެސް ކިހިނެއް ކަމެއް ވީކީ.... އީވާންގެ މަންމަ ފެނުނީ.... އަހަރެން ހީކުރީ ޒީކާ ދިމާލަށް އެތިވަރުތައް ގޮވާލާނެކަމަށް.... އެކަމަކު ވަރަށް އެހެންކަަހަލަ ސުވާލެއް ކުރީ.... ބުނި ކޮންތާކަށްހޯ މިއޮއްހާ ދުވަހު ފިލައިގެން ގޮސް އުޅުނީ...."
ސީމާ ދެބުމަ ގޮށް ޖަހާލިއެވެ. އެކަމާ ޒީކް ރުޅިގަދަވެ ދެރަ ވާންވީ ސަބަބެއް ނޭނގޭ ކަމަށް ތޫބާ ގާތު ބުންޏެވެ. ނަމަވެސް އީވާންގެ މަންމައަށް އެހެން ވެދާނެކަން ސީމާއަށް އެނގެއެވެ. އެ ވާހަކަތައް ތޫބާއަށް ހާމަނުކޮށް ސޯފާގައި އަނބުރާ އިށީނެވެ. އަނެއްކާވެސް ކަންތައްވީ ގޮތް ތޫބާ ކިޔައިދޭން ފެށިއެވެ. "ޒީކަށް ވީ ކިހިނެއް ކަމެއް ނޭނގޭ.... އެ އަންހެން މީހާ އައިސް ވާހަކަ ދައްކަން ފެށުމުން ޒީކް ރޯން ފެށީ.... ދެން ހަމަ ކުއްލިއަކަށް މޫޑެއްނެތޯ ކިޔާފަ ގެއަށް އެ އައީ...."
ތޫބާ ދެއްކި ވާހަކަތަކަށް ވިސްނަން އިނުމަށް ފަހު ސީމާގެ ނިންމުން ހާމަކުރިއެވެ. "ތިވާނީ އީވާން މަރުވި މައްސަލަައިގަޔާއި ލީވާން ގެއްލުނު ކަންތައް މަތިން ހަނދާންވީމާ ޒީކް މާބޮޑަށް ދެރަވީ ކަމަށް.... އެހެންވެ އެދުވަހު އޭނާ އީވާންގެ މޫނު ބަލަންވެސް ނުދިޔައީ... ކުޑައިރުއް ސުރެވެސް ޒިކަކީ އޭނާ ދެރަވާ ކަންތައްތަކާއި ވަރަށް ދުރުން އުޅޭ ކުއްޖެއް... އޭނަ އެކަނި ބޭއްވުން އެންމެ ރަނގަޅުވާނީ... މަދާމާ ވާން ވާއިރަށް ހަމަޔަކަަށް އެޅިދާނެ... ސީމާއްތަ މިދަނީ ކޮޓަރިއަށް ދާން...." ވާހަކަ ނިންމާލަމުން ސީމާ ސޯފާއިން ތެދުވިއެވެ.
ސީމާ ކޮޓަރިއަށް ދާ ވާހަކަ ބުނުމުން ތޫބާވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. "ސީމައްތާ މާދަމާ އަންނާނަން... ދެން ތޫވެސް މިދަނީ ގެއަށް ދާން...."
ޒީކްގެ ކޮޓަަރި ދޮރު ކައިރިއަށްގޮސް ދޮރު ހުޅުވާލަން މަސައްކަތް ކުރި ދަނޑިވަޅުގައި ގިސްލަ ގިސްލާފައި ޒީކް ރޮމުން ދިޔަ އަޑު ސީމާއަށް އިވުނެވެ. ދަތުރުގައި ދިމާވި ހާދިޘާއަށްފަހު ޒީކް ހިތާމަ ކުރާތަން ވަަރަށް ގިނަައިން ސިމާއަށް ފެނެއެވެ. ޒީކަށް އުނދަގޫ ނުކޮށް އެކަަނި ބެހެއްޓުން އެއީ ސީމާގެ ބުއްދިއަށް އައި އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމާ ސީމާ، ސީމާގެ ކޮޓަރިއަށް ދިޔައެވެ.
ސީމާ ކޮޓަރިއަށް ވަދެ ސީމާގެ އަލަމާރި ތެރޭގައިވާ ވާހަކަ ފޮތެއް ނެގިއެވެ. އެ ވާހަކަ ފޮތް ތެރޭގައިވާ ޒަމާންވީ ފޮޓޯގަނޑަށް ބަލަން ހުރި ސީމާއަށް ރޮވުނެވެ. އީވާންގެ މަންމައަށް ޒީކަކީ ރަނާކަމަށް ހީކުރެވުނީ ކަން ސީމާއަށް ވިސްނުނެވެ. ރަނާގެ ފުރާވަރުގެ ފޮޓޯގަނޑަށް ބަލަންހުރި ސީމާއަށް ރަނާ މަތިން ހަނދާންވާ ކަހަލަ އެތައް ކަމެއް ޒީކްގެ ކިބައިން ދިޔައީ ފެންނަމުންނެވެ. އެހެންކަމުން ލުޔޫނާއަށް ވަކި އެ އިހްސާސް ނުވާންވީ ސަބަބެއް ނެތެވެ.
- ނުނިމޭ -
ކޮބާ 27 ވަނަ ބައި...