ކަޔާން އަވަސް ވެގަތީ އޭނާގެ ކޮޓަަރިއަށް ދިޔުމަށެވެ. މާގިނަ އިރުތަކެއްް ނުވެއެވެ. ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން ހުރިއިރު ކަޔާންގެ ސިކުނޑިއަށް އާވަމުން ދިޔައީ އެ ދަތުރުގެ ހަނދާންތަކެކެވެ. ދަތުރުގައި ދިމާވި ހާދިޘާއެވެ. ވައިގަދަވެ ވިއްސާރަވެ އަލީނާ ގެނބެން ފެށި މަންޒަރެވެ. އަލީނާ އެ ތޫފާނީ ރޭގައި ސަލާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ. ނަމަވެސް އެރެއަކީ އެހެން މީހެއްގެ ފުރާނަ މިދުނިޔެއާއި އަލްވަދާއު ކީ ރެއެކެވެ.

ފުން ޚިޔާލުތަކަށް ގެއްލިފައި ވަނިކޮށް އެ ހަނދާންތަކުން ވަކިކޮށްލީ ބާރު ގުގުރީގެ އަޑުފައްގަނޑުންނެވެ. ވާހަކަ ފޮތް ހިފައިގެން އެނދުގައި ހަމަޖެހިލިއެވެ. އެންމެ ފަހުން ކިޔާފައިވާ ޞަފްޙާ އަށް ހުޅުވާލިއެވެ.

*** *** *** *** *** ***

ހުރިހާ އަންހެން ކުދިން އޭރު ތިބީ ވަރުބަލި ވެފައެވެ. ބޯޅަ ބަލާ މޫދާ ދިމާލަށް މަޒީން މިސްރާބު ޖެހުމުން ފަހަތުން ދުވެފައި ވިޝާލް ދިޔައެވެ. ގޮނޑުދޮށުގައި ރާޅު ބީއްސާ ހިސާބުގައިވާ ބޯޅައިގައި ވިޝާލް ފައިން ޖެހުމުން މޫދުގެ ތަންކޮޅެއް ބޭރަށް ބޯޅަ ދިޔައެވެ. އެހިސާބުން މަޒީނާއި ވިޝާލް އެކީހެން މޫދު ތެރެއަށް ފުންމާލައިގެން މިސްރާބު ޖެހީ އެންމެ ކުރިން އެ ބޯޅަ ނަގަން ދެވޭނީ ކާކަށްތޯ ބެލުމަށެވެ. މި މަންޒަރު ބަލަންތިބި ހުރިހާ އެންމެން އެކަމުގައި ބައިވެރިވާން މޫދަށް އެރި ފުންހިސާބަށް ދިޔުމަށް ފަތައިގަތެވެ.

މަންޒަރު ބަލަން ދޮންވެލިގަނޑު މަތީގައި ޒީކް އިށީނދެލައިގެން އިނީ އަތުގެ އިނގިލިތަކުން ގާކޮޅުތަކެއް ނަގައިގެން ފަސްއޮށް ކުޅެލަ ކުޅެލައެވެ. މޫދަށް ނޭރި އެއްގަމުގައި މަޑުކޮށްގެން ހުރި އީވާން، ޒީކް ގާތުގައި އިށީނުމަށް ފަހު ވާހަކަ ދައްކަން ފެއްޓިއެވެ. "ކީއްވެ މޫދަށް ނޭރި ތިއިނީ.... ކަނބުލޮއަށް ފަތަން ނޭނގެނީތަ؟"

އިވާނާ ދިމާލަށް ފުން ނަޒަރަކުން ބަލާލުމަށް ފަހު ޒީކް ދެއަތަށް ބޯ ހޫރާލިއެވެ. "ދެން އެހެންވީއިރު ކީއްވެ މޫދަށް ނޭރެން ތީނީ؟... އަނެއްކާ މޫދަށް ނޭރެވޭ ކަހަލަ ދުވަސްވަރަކީތަ؟...." ލާނެއް ގޮތަކަށް އިނދެ އީވާން ދަައްކަމުން ދިޔަ ވާހަކަ އަަޑުއަހަން އިން ޒީކް ރައްދުގައި ވާހަކަ ދެއްކިއެވެ. "ނޫން.... އަސްލު މޫދު ދެކެ ބިރުގަންނަނީ... ފަތަންވެސް އިނގޭ... އެކަމު މާ އޮއި ބާރިއްޔާ ވަރަށް ބިރުގަންނާނެ...." ޒީކްގެ ވާހަކަ މެދުކަަނޑާލިއެވެ. އަދި ދޮންވެލިގަނޑު މަތިން ތެދުވެ ދެއަތް ފޮޅާލަމުން މޫދާ ދިމާލަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަން ދުރުގައި ތޫބާ ހުއްޓެވެ.

ޒީކް މަޑު ފިޔަވަޅުތަކުގައި ގޮސް ރާޅު ބީއްސަމުން ދިޔަ ދިމާލުގައި ހުއްޓިގެން ހުރުމަށް ފަހު މޫދުގައި މީހުން ތިބި ހިސާބުން ދުރަށް ގޮނޑުދޮށް މަތިން ހިނގައިގަތެވެ. އީވާންވެސް އެދިމާލަށް ޒީކްގެ ފަހަތުން ހިނގައިގަތެވެ. ޒީކްގެ ބަލާލުމަށް އީވާންގެ ހިތް ލެނބެމުން ދިޔައީ ހީވެސް ނުކުރާހާ އަަވަސް މިނެއްގައެވެ. ޒީކްގެ ގާތުގައި ހުއްޓި ޒީކްގެ ކޮނޑަށް އީވާން އަތް ވައްޓާލިއެވެ. ޒީކްގެ ހަރަކާތް ހުންނާނެ ގޮތަކާއި މެދު ވިސްނާލުމެއް ނެތިއެވެ. ޒީކް ލުއި ހިނިތުންވުމަކާއި އެކީ އީވާނާއި ދިމާލަށް ބަލާލަމުން އިތުރަށް އީވާނުގެ ހަށިގަނޑާއި ގާތްވެލިއެވެ.

ދުރުދުރުން މި މަންޒަރު ބަލަންހުރި ތޫބާއަށް، ޒީކްގެ އަމަލުތައް ހުރި ގޮތުން ކުދި ކިއެން ފެށުނެވެ. ޒީކްގެ ފަސް ފަހަތުން ފާރަލާން ދިޔުމަށް ތޫބާގެ ހިތް ބުންޏެވެ. ނަމަވެސް ކުރިއަށް ދާން ފިޔަވަޅު އަަޅާލި ވަގުތު ތޫބާގެ ފަހަތުން އައިސް ވިޝާލް އޭނާގެ އުނަގަނޑުގައި އަތްވަށާލުމަށްފަހު ތޫބާ އުރާލިއެވެ. ވިޝާލްގެ އަތް ދޫކޮށްލާތޯ ތޫބާ ގަދަހަދަމުން ދިޔައެވެ.

ނަމަވެސް ވިޝާލް އެއަށްވުރެއް ބާރު ގަދައެވެ. ތޫބާއާއި އެކީ ގޮސް މޫދުގެ ލޮނުގަނޑު ތެރެއަށް ޖެހިގަތެވެ. ތޫބާ މޫދުގެ ލޮނުގަނޑު ތެރެއިން ތެދުވަމުން މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އަތުން އެއްކައިރި ކޮށްލިއެވެ. އަދި އަނބުރާ ޒީކްމެން ދިޔަ ދިމާލަށް ބަލާލިއެވެ. އަރައިގެން ދިޔައީ ވަޔަށް ކަމެއް ނޫނީ ބިންފަޅާ އަޑިއަށް ކަމެއް ނޭނގުނެވެ. ލޮލުކޮޅަށް ފެންނަ ހިސާބުގައި ޒީކާއި އީވާނެއް ނެތެވެ.

މޫދުގެ ރާޅު ބީއްސަމުން ދިޔަ ހިސާބުން އީވާނާއި އެކީ ޒީކް ހިނގާފައި ދިޔައެވެ. ދެމީހުން އެކީ ގޮސް ހުއްޓުނީ ލެނބިފައިވާ ރުކެއްގެ މަތީގައެވެ. އެ ރުށްވަނީ މޫދާ ދިމާލަށް ލެނބިފައެވެ. ޒީކްމެން އިށީނދެގެން ތިބީ ތިރިއަށް ފައި އެލުވާލައި ގެންނެވެ. މޫދުގެ ލޮނުގަނޑުގައި ފައިތިލަ ޖެހެއެވެ. ދިޔަަވަރު ބޮޑުވެފައި ވުމުގެ ސަބަބުން ޖަހަމުން ދިޔަ ރާޅުގެ އަސަރު އިށީނދެގެން ތިބި ދިމާލަށް ކުރެއެވެ. ޒީކް އެ ރުށްމަތިން ތެދުވެ ކޮޅަށް ހުންނަން ބެލެންސް ކުރިއެވެ. އަދި މަޑު ފިޔަވަޅު ތަކުގައި ރުކުގެ ކުރިއާ ހަމައަށް ދާން ހިނގައިގަތެވެ. ދެއަތް ފުޅާކޮށްގެން ހުރެ ފައިތިލަ މަޑުމަޑުން ނަގަމުން ރުކުގެ ކުރިއަށް ދިޔައެވެ.

ޒީކް އެހިސާބަށް ދިޔުމުން އީވާންވެސް އަވަސްވެގަތީ ޒީކް ގާތަށް ދިޔުމަށެވެ. ޒީކާއި، އީވާން ގާތްވަމުން ދިޔަ ވަރަކަށް ޒީކް ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ފަންގަނޑެއްގައި ފައި ލަށްވުމުން ދެން ފަހަތަށް ނުގޮސް މަޑު ޖެހެވުނެވެ. އެ ފުރުޞަތުގެ ބޭނުން ހިފުމަށް އީވާން އަވަސްވެގަތެވެ. ޒީކްގެ ހަށިގަނޑާއި ގާތްވަމުން އުނގަނޑުގައި ހިފާ އިވާނުގެ ހަށިގަނޑުގައި ޒީކް ޖައްސާލިއެވެ. ދުރަށް ޖެހެން ބޭނުންވެފައިވާ ހާލުގައި ޒީކް އޭނާގެ އަތުން އިވާންގެ މޭމަތީގައި އަޅާ ކޮށްޕަމުން ދިޔައެވެ. ނަމަވެސް އީވާން ގޮތެއް ދުލެއް ނުކުރިއެވެ. އޭނާ ގެ ބާރުގެ ދަށަށް ޒީކް ގެންނަން ބޭނުންވިއެވެ. ޒީކާއި ގާތްވެ ހަށިގަނޑުގައި ބައްދާލިއެވެ.

ބާރު މިނުގައި އަންނަ ރާޅުތައް ގޮނޑުދޮށަށް ކުދިކުދިވަމުން ދިޔައެވެ. ރާޅުގަނޑުން ބުރުވާލާ ލޮނުފެންތައް ޒީކްމެންގެ ގަޔަށް ބުރަމުން ދިޔައެވެ. އީވާންގެ މުށުތެރޭގައި ޒީކް އޮތީ މަޑު ފުށްގަނޑެއް ހެންނެވެ. އެއްވެސް ގަދައެއް ނުދައްކައެވެ. ވައިގަދަވަމުން ދިޔައެވެ. ޒީކްގެ އިސްތަށިގަނޑު ވަޔާ ވިހުރެން ފެށިއެވެ.

ޒީކްގެ ކަނދުރާ ދަށަށް ގުދުވަމުން އީވާންގެ ދުލުން ބޭރުކޮށްލި ބަސްތައް ޒީކްގެ ކަންފަތުގައި ޖެހުމާއި އެހީ ދެލޯ ބޮޑުކޮށްލިއެވެ. "ހިނގާ ރަށުތެރެއަށް މަޖާ ކޮށްލަން ދާން.... މަށާ ލީވާނާ ޒީކާ.... ސަޅިއެއްނު..." ޒީކް އީވާންގެ ގައިން ދުރަށް ޖެހިލިއެވެ. އަދި ބަލާކަށް ނުހުރެ ރުކުގެ ކޮޅަށް އަރާ މޫދުގެ ތެރެއަށް ޑައިބެއް ޖަހާލިއެވެ. އީވާން ވެސް ޒީކްގެ ފަހަތުން މޫދުގެ ތެރެއަށް ފުންމާލިއެވެ. އީވާން ލޮނުގަނޑުގެ ތެރެއަށް ފުންމާލުމާއި އެކީ ލޮނުގަނޑުގެ ތެރެއިން އަޑިއަށް ފީނާލިއެވެ. އެވަގުތު ޒީކް ފަތަމުން ފެންމައްޗަށް އަރަން ދިޔަ މަންޒަރު ފެނުމުން އެދިމާލަށް އީވާން ފަލި ޖަހައިލިއެވެ.

މައްޗަށް އެރުމާއިއެކު އީވާން ދެލޯ ބާރުކޮށް ފިއްތާލަމުން އެސްފިޔަމަތިން ފައިބަމުން ދިޔަ ލޮނުތައް އަތުން ފޮހެލިއެވެ. ދެލޯ ހުޅުވާލިއިރު ޒީކް ކަނޑާދިމާލަށް ދާ މަންޒަރު ފެނުނެވެ. ހިތުގައި އެފެދެމުން ދިޔަ ޖަޒުބާތުތަކާއި ނުބައި ޚިޔާލުތަކުން އީވާންގެ އެދުން ފުރިހަމަ ކުރުމުގެ ނިޔަތުގައި ޒީކް ގާތަށް ދިޔުމަށް އަވަސްވެގަތެވެ. ފަތާފައި ޒީކް ހުރި ހިސާބަށް ދެވުނު އިރު އީވާން ހުރީ މާނޭވާ ލެވޭ ވަރަށް ވަރުބަލި ވެފައެވެ. ލޮނުގަނޑު މަތީގައި އުއްޑުން އޮށޯވެލަމުން ފުންނޭވާތައް ބޭރުކޮށް މީހާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ.

ކުޑަ ވަގުތު ކޮޅަކަށް ފަހު އީވާން ތެދުވެ ޒީކާއި ކުރިމަތި ލިއެވެ. މަޑުމަޑުން ރާގަކަށް ޒީކް "ހޫން.. ހޫން.." ލައްވަމުންނެވެ. ޒީކް އީވާނާއި ގާތްވަމުން އައިސް އީވާންގެ ކޮނޑުގައި އަތް އަޅުވާލިއެވެ. މޫދުގެ ލޮނުގަނޑު ހުރީ ކަރާ ހަމައިގައެވެ. ވިލުތެރޭގައި ކަމުން ދެމީހުންވެސް ފެންމަތީ ތިބީ އަތް ފައި ހަރާކާތް ކުރަމުންނެވެ. ޒީކް އީވާނާއި ގާތްވަމުން ދިޔަ ވަރަކަށް އިވާނުގެ ހިތް އުފަލުން ފޮޅެމުން ދިޔައެވެ.

ލީވާން މިތާ ހުރިނަމަ ސަޅިވާނެޔޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އީވާނުގެ ނޭވާ އިހްސާސްވާހާ ކައިރިއަށް ޒީކް ޖެހިލިއެވެ. އީވާން ޒީކާ ބޮޑަށް ގާތްވެލުމަށް މަސައްކަތް ކުރިއެވެ. އެ ވަގުތު އީވާނުގެ ކޮނޑުމަތީގައި އަޅުވާލައިފައިވާ ޒީކުގެ އަތަށް ބާރުކޮށްލަމުން އީވާނާއި އެކީ ޒީކް ލޮނުގަނޑުގެ ތެރެއަށް ގެނބިގަތެވެ. ކުއްލިއަކަށް ޒީކް އެހެން ހެދުމުން އީވާނަށް ތެޅިގަނެވުނެވެ. އަދި ޒީކްގެ އަތްދޮށުން ސަލާމަތްވެ ލޮނުގަނޑުން މައްޗަށް އަރާ ފުންނޭވާއެއް ބޭރުކޮށްލިއެވެ.

"ކަނބުލޮ މަށަށް ކިހިނެއް ހަދަން ތި އުޅެނީ.... އާދެބަލަ ގޮތެއް ހަދާލާނަން..." އީވާންގެ ލޭކެކި އަރަމުން ދިޔައެވެ.

ހަމައަށް ނޭވާލެވުމުން އީވާން ޒީކާއި ގާތްވެލައި ފުންނޭވާއެއް ލަމުން ޒީކްގެ ތުންފަތުގައި ބޮސްދިނެވެ. ހަމައެއާއި އެކު ދެމީހުން މޫދުގެ ލޮނުގަނޑުގެ އަޑިއަށް ގެނބިގަތެވެ. މޫދުގެ އަޑީގައި ދެމީހުން ގައިގޯޅިކޮށް ތިބިއިރު ޒީކުގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކެއް އީވާނަކަށް ނުފެނުނެވެ. ޒީކްގެ ހަށިގަނޑުގައިވާ ޓީޝާޓާއި ސޯޓުބުރީގެ ފަސްބައި ދިގުވަމުން ދިޔަ ކަން އީވާނަކަށް ނޭގުނެވެ. އިވާނުގެ ދެލޯވަނީ މެރިފައެވެ.

ނޭވާ ކުރުވާން ފެށުމުން އީވާން ލޮނުގަނޑުން މައްޗަށް އެރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އީވާންގެ ފައިގެ ހަރަކާތް ހުއްޓުނެވެ. ފައިގައި އެއްޗެއް ވަށާލަމުން ދިޔަހެން ހީވުމުން ލޮނުގަނޑު ތެރެއިން ފަޔާ ދިމާލަށް ބަލާލެވުނެވެ. ހުދު ފޮތިގަނޑެކެވެ. އެ ފޮތިގަނޑު ދިޔައީ އީވާންގެ ފައިގައި އޮޅެމުންނެވެ. ނޭވާ ކުރުވަމުން ދިޔަ އީވާން ހަޅޭއްލަވަން އަނގަ ހުޅުވާލިއެވެ. އީވާންގެ އަނގަ ފުރިގެން ދިޔައީ މޫދުގެ ލޮނުންނެވެ. އަނގައިން ބޮކިޖަހަމުން ދިޔައެވެ. އީވާން ގައިގައި ހުރި ހުރިހާ ބާރެއްލާ މަސައްކަތް ކުރުމުން ވެސް އެ ފޮތިގަނޑުން ސަލާމަަތެއް ނުވެވުނެވެ. ލޮނުގަނޑުގެ އަޑިއަށް ގެނބެމުން ދިޔައީ ވަރަށް ހަލުވި މިނެއްގައެވެ.

ފަތާފައި ލޮނުގަނޑުގެ މައްޗަށް އެރި ޒީކަށް، މަޒީނާއި ވިޝާލާއި ތޫބާމެން އަތިރިމަތިން އަންނަ މަންޒަރު ފެނުނެވެ. ސަލާމަތަށް އެދި އެމީހުންނަށް ގޮވާ އަތް ހަނާ އަޅާލިއެވެ. ބަލަން މަޑު ނުޖެހި މަޒީނާއި ވިޝާލް އެކީގައި މޫދަށް ފުންމާލިއެވެ. އެ ދެމީހުން ޒީކާ ދިމާލަށް ފަތައިގަތް ތަނާ ޒީކް އަނެއްކާވެސް ފުންނޭވާއެއް ލަމުން ލޮނުގަނޑު ތެރެއަށް ފީނައިގަތެވެ. މަންޒަރު ބަލަން ތޫބާ ހުރީ ވަރަށް ހާސްވެފައެވެ. އެކަކަށްވެސް ވާނުވާއެއް ނޭނގެއެވެ.

މަޒީންމެންނަށް އެހިސާބަށް ދެވުނު އިރު ލޮނުގަނޑު ތެރެއިން ޒީކް އަރާ ފުންނޭވާއެއް ލިއެވެ. މާނޭވާލަމުން އީވާން ގެނބެނީ ކަމަށް ޒީކް ބުންޏެވެ. ލަހެއް ފަހެއް ނުވެ ވިޝާލާއި މަޒީން މޫދުގެ އަޑިއަށް ފީނައިގަތެވެ. ޒީކް ހަމަނޭވާ ލާން ފެންމަތީގައި މަޑުކޮށްލިއެވެ. މާ ގިނަ އިރުތަކެއް ނުވެ، ވިޝާލް ފެން މައްޗަށް އެރިއެވެ. ނަމަވެސް ހުސްއަތާއެވެ.

ވަރުބަލިވެފައިވާ ހާލުގައި ޒީކާ ދިމާލަށް ބަލާލަމުން ދެއަތަށް ވިޝާލް ބޯ ހޫރާލިއެވެ. ހަމަ ނޭވާލެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެ ވަގުތު އެ މީހުން ތިބި ހިސާބުން ތަންކޮޅެއް ބޭރުން މަޒީން އީވާނާއި އެކީ ލޮނުގަނޑު މައްޗަށް އެރިތަން ފެނުނެވެ. ހާސްވެގެން ގޮސް މަޒީން ހުރީ ކޮށި އަރާފައެވެ. ކެއްސަމުން ކެއްސަމުން އީވާން ގެ ހަށިގަނޑުގައި ހިފައިގެން އެއްގަމަށް ފަތައިގަތެވެ. ވިޝާލް އަވަސްވެގަތީ މަޒީނަށް އެހީތެރިވެ ދިނުމުގައެވެ.

ތިންމީހުން އެކީގައި އިވާން ގޮވައިގެން އެއްގަމަށް އައިއިރު ތޫބާ ދަތުރުގެ އެހެން ބައިވެރިންނަށް ގޮވާ ގޮނޑުދޮށަށް ގެނައެވެ. އިވާން ނޭވާއެއް ނުލައެވެ. ނޭވާ ލައްވަން މަސައްކަތް ކުރަމުން މަޒީން ބުނީ އަވަހަށް ލީވާނަށް ގުޅުމަށެވެ. ރާއިފް ފޯނު ބަލާ ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. ސީ.ޕީ.އާރު ދެމުން އީވާންގެ އަނގައިގާ އަނގަޖާހާ ފުމެމުން ގޮސް މަޒީން ވަރުބަލި ވީއިރުވެސް އީވާން ނޭވާއެއް ނުލިއެވެ.

މަޒީން މޮޔަޔެއް ހެން އެއްފަރާތަށް ޖެހުނީ ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރެއެވެ. އެ ވަގުތު އީވާން ސަލާމަތް ކުރެވޭތޯ މިންނާ ކައިރިވިއެވެ. ފަނަވަރަކަށް މިނިޓުގެ މަސައްކަތަށް ފަހު މިންނާވެސް ވަރުބަލިވެގެން ހުއްޓާލީއެވެ. އޭރުވެސް އީވާން ހޭއަރާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އަތުގެ ކުޑަ ހުޅުގައި ހިފާ ވިންދު ބަލާލުމަށް ފަހު މިންނާ ދެއަތަށް ބޯ ހޫރާލިއެވެ.

އެވަގުތު ރާއިފް ފޯނު ހިފައިގެން ދުވަމުން ދުވަމުން އަންނަ ތަން ފެނުނެވެ. މަރުވެފައިވާ އީވާންގެ މަސްގަނޑަށް ބަލަހައްޓައިގެން ތިބެ އެންމެން ރޮމުން ދިޔައެވެ. ރާއިފްގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެ ވަގުތު ވިޝާލް ސުވާލުކޮށްލިއެވެ. "ކޮބާ ލީވާނަށް ގުޅިއްޖެތަ؟...." ވިޝާލް ކުރަމުން ދިޔަ ސުވާލު ރާއިފަށް އަޑު ނީވޭ ކަހަލައެވެ. ކުޑަ އިިރުއްސުރެ އެކީގައި އުޅެ ބޮޑުވި އީވާން މަރުވެފައިވާ ތަން ފެނި ރާއިފަށް ދޮންވެލިގަނޑު މައްޗަށް ތިރި ވެވުނެވެ.

ރާއިފްގެ އަތުގައިވާ ފޯނު އަތުލުމަށްފަހު ލީވާންގެ ނަންބަރަށް ވިޝާލް ގުޅާލިއެވެ. ލީވާންގެ ފޯނު ވަނީ ނިއްވާ ލާފައެވެ. އެހެންކަމުން މަޒީނާއި ވިޝާލް ރަށުތެރެއިން ލީވާން ފެނޭތޯ ބަލަން ދިޔުމަށް ހިނގައިގަތެވެ. އޭގެ ކުރިން ފޯނުން ކުޑަހުވަދޫ ފުލުސް އޮފީހަށް ގުޅާ، ގެމެންދޫއަށް ދަތުރުއައިސް އުޅުނު ކުއްޖެއް ގެނބިގެން މަރުވި ޚަބަރު ދިނެވެ.

އީވާންގެ ކުއްލި މަރާއި އެކީ ދަތުރުގެ ފޯރި ކެނޑުނެވެ. ވިޝާލާއި މަޒީނާއި އެކު ރާއިފްވެސް ލީވާން ހޯދުމަށް ރަށުތެރެއަށް ހިނގައިގަތެވެ. ހުރިހާ އަންހެން ކުދިންތައް އީވާންގެ މަރުވެފައިވާ މަސްގަނޑަށް ބަލަހައްޓައިގެން ތިބީއެވެ. ޒީކް ގާތުގައި އިށީނދެގެން އިން ތޫބާއަށް މި ހަދިޘާއިން ޒީކަށް ކުރާނެ ފުން އަސަރު އިހްސާސް ކުރެވެއެވެ. ޒީކް އަނގައިން ބަހެއްވެސް ނުބުނެއެވެ. ހިމޭނުން ހުރީއެވެ. ކަންހިނގައި ދިޔަ ގޮތް އޮޅުން ފިލުވަން ބޭނުންވެ އިނދެ ތޫބާ އަހާލިއެވެ. "ޒީކް އަސްލު ކިހިނެއްތަވީ؟...."

ތޫބާ އިނީ ފުން ނަޒަރަކުން ޒީކާ ދިމާލަށް ބަލާށެވެ. ޒީކް ހުރީ ވަރަށް ދެރަވެފައެވެ. ޒީކް އެވަގުތު ކަންތައް ވީ ގޮތް ކިޔައިދިނެވެ. "އަހަރެމެން ދެމީހުން ތިބީ އެހެރަ ލެނބިފައި އޮތް ރުއްމަތީގައި..... އޭރު ވަރަށް ރާޅުވެސް ޖަހާ... މީނަ ފޮނިކަނޑަށް ދެކޮޅަށް ދުވެދުވެ ހުރީ.... ރުކުގެ ކޮޅުގައި ފެހި ޖަހާފަ ހުރީވެސް ދެން އެތަނުން ފައި ކައްސާލައިގެން މޫދުތެރެއަށް ވެއްޓުނީ... އޮޔާ ބޭރަށް ދާން ފެށީމަ އަހަރެން މޫދަށް ފުންމާލީ.... ދެން ދެން... އަހަރެންނަށް އޭނަ ނުހިފޭއްޓުނު... އެވަގުތު ވިޝާލްމެން އައީ...." ވާހަކަ އެހިސާބަށް ދިޔައިރު ޒީކަށް ރޮވިއްޖެއެވެ. ތޫބާ ޒީކްގެ ބޮލުގައި ފިރުމާލުމުން ތޫބާގެ ކޮނޑުގައި ޒީކް ބޯއަޅާލިއެވެ.

ގޮނޑުދޮށުގައި ތިބި އެންމެންވެސް ރޮނީއެވެ. އެކުގައި އެހާ މަޖާކޮށްފައި އުޅުނު އެކުވެރިއެއް ގެއްލިގެން ދިޔުމުން ހިތަށް އަސަރު ނުކޮށް ހުންނާނެ ހެއްޔެވެ.

ގެމެންދޫ ފަޅުތެރެއަށް ވަދެގެން ލޯންޗެއް އައެވެ. އެއީ ފުލުހުންގެ ލޯންޗުކަން އެނގުމުން އެންމެން ތެދުވެ އެ ލޯންޗު ގާތްކުރި ދިމާލަށް ހިނގައިގަތެވެ. ފުލުހުންގެ ހަތަރު މީހުންގެ ޓީމެކެވެ. ރަށުތެރެއަށް ފޭބުމާއި އެކީ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކުރަން ފެށިއެވެ. ދަތުރުގެ ބައިވެރިންތަކާއި ވާހަކަ ދައްކަމުން އީވާންގެ ފުރާނަ ނެތް ހަށިގަނޑު ކައިރިއަށް ދިޔައެވެ.

ރަށުތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނުކުތް މަޒީނާއި ވިޝާލާއި ރާއިފް އައީ ނިތްކުރި މައްޗަށް ދެލޯ ދީގެންހުރެއެވެ. ތެޅެމުން ފޮޅެމުން އައި މަޒީން ގާތުގައި ފުލުސްމީހާ އަހާލިއެވެ. "ކިހިނެއްވީ... ހަމަޖެހިބަލަ..."

މަޒީނަށް ވާހަކައެއް ނުދެއްކެއެވެ. މަންމަނެއްހެން ރަށުގެ އަނެއްކޮޅަށް އިޝާރާތް ކުރަމުން ދިޔައިރު ރޮނީކަމެއް ހަޅޭއް ލަވަނީ ކަމެއް ނޭނގެއެވެ.

- ނުނިމޭ -