އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. ކައުންޓަރު ދޮށުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ވަރަށް ހައިރާން ވިއެވެ. ކައުންޓަރ މަތީގައިވާ ބެލްއަށް ފިތާލިއެވެ. ބެލްގެ ތޫނު އަޑު މުޅިތަނުގައި ގުގުމާލިއެވެ. ކުޑަ ވަގުތު ކޮޅަކަށް ފަހު ކައުންޓަރު ދޮށަށް ފިރިހެން މުވައްޒަފެއް އަތުވެއްޖެއެވެ.
އޭނާވެސް ހުރީ ހުދުކުލައިގެ ޔުނީފޯމެއް ގައެވެ. ބަލިމީހާގެ ނަން ބުނުމުން ސިސްޓަމްގައި އެނަންޖަހާ ސާރޗް ކޮށްލިއެވެ. އަދި ވަކިވަކިން ތިން މީހުންގެ މޫނަށް ބަލާލުމަށްފަަހު މޭމަތީގައި ޖަހާފައިވާ ވިޒިޓަރސް ކާޑަށް އެ މީހާ ނަޒަރު ހިންގާލިއެވެ.
ކާޑަކާއެކު ކުޑަ ރިމޯޓެއް ފާޑު އެއްޗެއް ދިއްކޮށްލަމުން އެމީހާ ވާހަކަ ދައްކަން ފެއްޓިއެވެ.
"މިކާޑަކީ އެ ކޮޓަރީގެ ދޮރު ހުޅުވައިދޭ ކާޑް...... ކަމެއް ގޯސްވެއްޖެނަމަ މި ރިމޯޓަށް ފިތާލައްވާ، އޭރުން އަޅުގަނޑުމެން ކޮޓަރިއަށް ދާނަން.... ރޫމަށް ވިޒިޓް ކުރެވޭނީ ފަހަރަކު މީހަކަށް... ބަކީ ދެން ތިބި މީހުން ބޭރުގަ ވެއިޓިންގް އޭރިޔާގަ މަޑުކޮށްލައްވާ.... ބަލިމީހުންގެ ކޮޓަރީގައި ކެމެރާ ހަރުކުރެވިފައި ހުންނާނެ.... ދައްކާ ވާހަކަތަކާއި އަމަލުތައް ސާފުކޮށް އެނގޭނެ...." އެމީހާ ދިއްކޮށްލި ތަކެތީގައި ރިޒާ ހިފިއެވެ. އަދި ރޫމް 404 ކައިރިއަށް ގޮސް ވެއިޓިންގް އޭރިއާއަށް ދިއުމަށް ރިޒާ އެދުނެވެ.
ސީމާއާއި އެކީ މިޝްކާ ވެއިޓިންގް ރޫމަށް ވަނެވެ. އެ ކޮޓަރިވަނީ އޭސީ ކޮށްފައެވެ. ވަށައިގެން ގޮނޑި ޖަހާފައިވާއިރު ފާރުގައި ހުރި ކަބަޑުތަކުގައި ވާހަކަފޮތާއި މަޖައްލާ ފޮތްތައް އަތުރާފައި ހުއްޓެވެ. އަދި ފާރުގައި ހަރުކޮށްފައިވާ ޓީވީން ހުރީ ނަފްސާނީ ބަލިތަކާއި ބެހޭ މައުލޫމާތު ދޭ ޑޮކިއުމަންޓްރީއެއް އަޅުވާފައެވެ. ސީމާއާއި މިޝްކާ އެތަނުން ދެ ގޮނޑީގައި އިށީނެވެ. އަދީ ޓީވީން ދައްކަމުން ދިޔަ ޑޮކިއުމަންޓްރީއަށް ބަލަން ތިބީ ރިޒާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ސީމާމެން އެހެން ތިބޭތާ އިރުކޮޅެއް ވީތަނާހެން، ވެއިޓިންގް ރޫމް ތެރެއަށް ރިޒާ ވަދެގެން އައި ތަން ފެނުނެވެ. ރިޒާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ފޮރުވަން ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން އައިސް ސީމާއަތަށް ކާޑާއި ރިމޯޓް ދިއްކޮށްލިއެވެ. ކެތްމަދުވެފައިވާ ސީމާ އަވަހަށް އެ ތަކެތީގައި ހިފަމުން ވެއިޓިންގް ރޫމުން ބޭރަށް ހިނގަައިގަަތީ ހަލުވި ފިޔަަވަަޅު ތަކެއްގައެވެ. ސީމާ ނުކުމެގެން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު މިޝްކާ ގާތުގައި ހުރި ގޮނޑީގައި އިށީނދެ ރިޒާ ދެއަތަށް ބޯ ހޫރާލިއެވެ. ރިޒާއަށް ވެފައި ހުރިގޮތް ފެނުމުން މިޝްކާގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އަލީނާގެ ހާލު ރަނގަޅު ނޫން ކަން ވިސްނުނެވެ.
ސީމާ އައުމުން މިޝްކާވެސް އަލީނާއާއި ބައްދަލު ކުރަން ދިޔުމަށް އެދެމުން ރިޒާ މިސްރާބު ޖެހީ ކައުންޓަރާއި ދިމާލަށެވެ. ރިޒާ އަވަސް އަރުވާލާފައި ހުރިގޮތުން މިޝްކާއަށް އަހާލެވުނެވެ. "ރިޒާބޭ.... ކިހިނެއްވީ؟... ކޮންތާކަށް ތިދަނީ؟..." ރިޒާ މިޝްކާއަށް ބަލާލަމުން ޖަވާބު ދިނެވެ. "މިދަނީ އަލީނާގެ ޑޮކްޓަރާ ބައްދަލު ކޮށްލެވޭނެ ގޮތެއް ވޭތޯ ބަލާލަން.... މި އަންނަނީ...."
ރިޒާ ކައުންޓަރު ދޮށަށް ދިޔަތާ ދިހަވަރަކަށް މިނިޓު ފަހުން ސީމާ އައިސް ވެއިޓިންގް އޭރިޔާއަށް ވަނެވެ. އަދި މިޝްކާއަށް ކާޑާއި ރިމޯޓް ހަވާލުކޮށްލި އިރު ސީމާގެ މޫނުމަތީގެ ކުލަވަރުވަނީ މުޅިންހެން މިލާ މޯޅިވެފައެވެ. "ސީމައްތާ!.. ކިހިނެއްވީ؟... އަލިނާ ރަނގަޅުތަ؟..." ސަބުރުވެރިކަން ކޮޅުންލާފައިވާ ހާލުގައި މިޝްކާ އަހާލިއެވެ.
ސީމާގެ ލޮލުގެ ތެރެއިން ވިދާ ބަބުޅަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއް ނެތި އޭގެ މަގާމުން ބޭރުވަމުން ދިޔައެވެ. "އޭނާ އަނގަޔަކުން ނުބުނޭ... މިޝްކާ ގެނެސްދިނުމަށް އެދެނީ... މިޝްކާ ކޮބައިހޭ އަހަމުންދަނީ... މިޝްކާ ދޭ.... އަލީނާ އެހުރީ މިޝްކާގެ އިންތިޒާރުގައި... އަހަރެންމީ ކާކުކަމެއްވެސް ނޭނގުނު... މިޝްކާއޭ ކިޔާފަ އަަހަރެންނާވެސް ވާހަކަ ދެއްކީ...." ސީމާގެ ދުލުން ހިފެހެއްޓުމެއްނެތި ބޭރުވަމުން އައި ބަސްތައް، އަޑުއަހަން އިން މިޝްކާގެ ހިތާ ކުޅެލިއެވެ. ސީމާ ގޮނޑީގައި ބޭންދުމަށްފަހު އިރުކޮޅަކުން ރިޒާބެ އެބައާދެޔޭ ބުނެލިއެވެ. ސީމާ ފުން ނޭވާލަމުން ނުރޯން މަސައްކަތް ކުރަމުން ދިޔައެވެ. ލޮލުން ފައިބަމުން އައި ކަރުނަތައް ބުރުގަލުގެ ކަނުން ފޮހެލިއެވެ.
މިޝްކާ ކާޑް ހިފައިގެން ގޮސް ކޮޓަރީގެ ތަޅު ކައިރީ، ނަންބަރު ތަކެއް ޖަހާފައިވާ މެޝިނުގައި ކާޑު ލައްވާ ކަނޑާލިއެވެ. އެ މެޝިނުގެ ނަންބަރުތައް މަތިން ރަތް ކުލައިން ނިވި ދިއްލެމުން ދިޔަ ބޮކި ފެހި ކުލައިން ދިއްލުމާއެކީ އެ ދޮރު ހުޅުވިއްޖެއެވެ. ހުޅުވުނު ދޮރުގެ އެތެރެއަށް މިޝްކާ ދެމިގަތުމަށް ފަހު ޖިންސު ޖީބަށް ކާޑު ލިއެވެ. އެވަގުތު އެ ދޮރު މަޑުމަޑުން ލެއްޕުނެވެ. އަތު ތެރޭގައިވާ ރިމޯޓުގައި ބާރަށް ހިފަހައްޓާލަމުން އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ.
ދިހަފޫޓު ދިހަފޫޓުގެ ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ ކަނެއްގައި ދަގަނޑު އެނދެއް ހުއްޓެވެ. އެނދުމަތީގައި ވާ ތުނި ގޮދަޑީގައި އަޅިކުލައިގެ ރަޖަލެއް އަޅާފައިވެއެވެ. އެނދުމަތީގައި ކުރުގެޅިގެން މޭދަށަށް ބާލިސް ލާ ބައްދާލައިގެން އަލީނާ އޮތެވެ. އަލީނާ ލައިގެން ހުރީ ކަނޑު ނޫކުލައިގެ، ގަޔަށް ދޫ ހެދުމަކާއި ކަޅުކުލައިގެ ހަރުވާޅެކެވެ. އެ ކޮޓަރީގެ ކަނެއްގައި މޫނު ދޮންނަ ތައްޓަކާއި ފާހާނާ ކުރާ ތައްޓެއް ހުއްޓެވެ. އެނދާ ދިމާވާގޮތަށް ދައުރުވާ ފަންކާއެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. އަލީނާ ހުރި ހާލު ފެނި މިޝްކާގެ ލޯ ކަރުނުން ފުރުނެވެ. އެނދާ ކައިރިއަށް ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ.
އެނދާ އަރާ ހަމަވުމުން އަލީނާ އިސް އުފުލާލިއެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށާލާފައެވެ. ހޭވިފައިވާ އިސްތަށިތައް މޫނު މައްޗަށް ވެއްޓިފައި ހުރުމުން ސާފުކޮށް އޭނާގެ މޫނެއް ނުފެނެއެވެ. ލޯބިން ފުރިގެންވާ ރާގަކުން އަލީނާއަށް މިޝްކާ ގޮވާލިއެވެ.
މިޝްކާގެ އަޑު ކަންފަތުގައި ޖެހުމާއި އެކީ އަލީނާ އެނދުން ފުންމައިގެން ތެދުވިއެވެ. މޫނު މައްޗަށް ތަރުތީބެއް ނެތި ވެއްޓިފައި ވާ އިސްތަށިތައް އަތުން އެއްކައިރިޔަށް ޖައްސަމުން ވާހަކަ ދެއްކިއެވެ. "މިޝްކާ... މިޝްކާތަ؟.... އާދޭ އަހަރެން ކައިރިޔަށް.... ކޮންތާކަށްތަ ދިޔައީ؟...." އަލީނާގެ ގާތުގައި މިޝްކާ އިށީނުމަށް އަލީނާ އެދުނެވެ. މިޝްކާ އެ އެނދުގައި އިށީންއިރު ކުޑަކަމުދާ ތަކެތިން ދުވާފާޑު ވަހެއް ތަންމަތީގައި ހުރިކަން އެނގުނެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އެނދުގައި އިށީނދެ އަަލީނާގެ ގައިގައި ފިރުމާލިއެވެ. އަލީނާ ނުފެނި ދެދުވަސް ވީއިރު އަލީނާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ލޯކައިރި ވަޅުވަދެ މީހާވަނީ ކުރިޔަށްވުރެ ހިކި އަނަރޫފަވެފައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ފުސް ބުރާފައެވެ. އަލީނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުވަނީ ކަންފަތު ބުޑާ ހަމައަށް ކޮށާލާފައެވެ.
"ހެއި... އައި މިސްޑް ޔޫ.... ކިހިނެއްތަ؟...." އަލީނާއާއި ދައްކަންވީ ކޮން ވާހަކައެއް ކަން ނޭނގި ހުރެ މިޝްކާ ވާހަކަ ދަައްކަން ފެއްޓިއެވެ.
"މިޝް... ކީއްވެ ދިޔައީ... ރޭގަ އަހަރެން އެމީހުން ގެންގޮސް ހެދިގޮތެއް އެނގޭތަ.... ބަލާ އަހަރެންގެ އަތް.... ބަލާ.... އަހަރެންގެ ބޯ...." އަލީނާގެ އަތުގެ ކުޑަހުޅާއި އިސްތަށިގަނޑު ދައްކަމުން އޭނަ ވާހަކަ ދެއްކިއެވެ. އަތުގެ ކުޑަހުޅަ ދިމާލުންވަނީ ރަތްވެފައެވެ. ހީވަނީ އަތުގައި ބާރަށް އެއްޗެއް އައްސާފައި ހުރިހެންނެވެ. އެ ނިކަމެތި އަލީނާގެ ބޮލުގައި މިޝްކާ ފިރުމާލިއެވެ. އަދި ނިތްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ރަނގަޅު ކޮށްލިއެވެ. ނިތްކުރި މަތިން ސިކުނޑިވަޅާއި ދިމާލުން ދެ ފަރާތުގައި ވަކިލާރި ފޮއްޗެއްހެން ތަންގަނޑެއް ރަތްވެފައި ހުރިތަން ފެނުނެވެ.
"މީ ކިހިނެއް ވީ ކަަމެއް...." ރަތްވެފައި ހުރި ތަންތަނުގައި ފިރުމާލަމުން މިޝްކާ އަހާލިއެވެ.
"އެނގޭތަ ރޭގަ އެމީހުން އަހަރެން ގެންދިޔައީ ފާޑެއްގެ އަނދިރި ކޮޓަރިއަކަށް.... ގެންގޮއްސަ ބޮލުގަ ފާޑެއްގެ އެއްޗެއް އެޅުވި... އަތްވެސް އެއްސީ އަހަރެން ގަދަ ދައްކާތީ... ދެން އެމީހުން ހެދި ގޮތްގޮތުން ބޮލަށް ވަރަށް ތަދުވި... މުޅިގައިގަ ދިލަ ނަގަމުން ދިޔައީ... ނޭގެ ވީ ނުވީއެއްވެސް ދެން އަހަރެންނަށް ނިދުނީ ކަންނޭނގެ..... ދެން ފެނުނީ ވަރަށް އެހެންކަހަލަ ހުވަފެނެއް.... އަހަރެން ނިދާފައި އޮއްވާ މުޅިތަން ފެން ބޮޑުވަމުން ދިޔައީ.... ފެންގަނޑު ބޮޑުވަމުން އައި އިރު އަހަރެން އެފެންގަނޑު ތެރޭ ގެބެން ފެށީ.... ފަތަން ވަރަށް މަސައްކަތްކުރިން އެކަމަކު އަހަރެން އަތެއް ފައެއްވެސް ގުޑުވާ ނުލެވުނު.... އަހަރެން ސަލާމަތްވުމަށް ހަޅޭއްލަވާ ހެދިން... ހަޅޭއްލަވަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އަނގަ ފުރިގެން ދިޔައީ ލޮނުފެނުން..... ދެން އަހަރެންގެ ނޭވާ މުޅިން ހެން ހުއްޓުނު... އަތުގެ ހަރަކާތްވެސް އެކީ ހުއްޓުނު... ދެން އަހަރެންނަށް ހޭލެވުނީ އެމީހުން އަހަރެންގެ ކަރުގައި ހިފައި ފެން އެއްޗަކަށް ލައިގެން ތަޅުވަނިކޮށް ނޭވާ ހާސްވެގެން..... ލޯ ހުޅުވި އަހަރެންނަށް ނޭވާލެވުމުން އެމީހުން އަހަރެން މި ކޮޓަރިއަށް ގެނައީ.." އަލީނާ އެއްފައްޗަކަށް ކިޔައިދެމުން ދިޔަ ވާހަކަ އަޑު އަހަން މިޝްކާ އަށް އިނދެވުނީ ގަބުއަރާފައެވެ.
"އަދި އަހަރެންނަށް ފެނުނު މަންޒަރެއް ވަރަށް ހަނދާންވޭ.... އަހަރެން މަންމަ ގައިގައި ބައްދާލުމަށްފަހު އެހެން އަންހެން ކުއްޖަކާއި އެކީ ބޭރަށް ދާ މަންޒަރު... އޭރު އަހަރެން މަންމަ ހުރީީ ބަނޑު ބޮޑުވެފައި... އެކަމު އެއީ އަހަރެން ދުވަހަކުވެސް ލޮލުން ދުށް ގެއެއް ނޫން.... ވަރަށް އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެއް... އެޅިގަލުން ރާނާފަ.... ސިމެންތިވެސް ނުޖަހާ ހުރީ..." އަލީނާ ކިޔައިދެމުން ދިޔަ ވާހަކަ މެދުކަނޑާލީ މިޝްކާ އެ ވާހަކައިގެ ތެރެއަށް އިތުރުކޮށްލި ބަސްތަކަކުންނެވެ.
"އެދުވަހު އަލީނާ ލައިގެން ހުރީ ހުދުކުލައިގެ ޕާކިސްތާނު ހެދުމެއް ދޯ.... ފިލްމު ބަލާށޭ ކިޔާފަ ދޯ ދަނީވެސް...." މިޝްކާ ކިޔައިދިން ވާހަކައިން އަލީނާ ހުރީ ހައިރާންވެފައެވެ. އޭނައަށް ފެންނަަމުން ދިޔަ މަންޒަރުތައް ކިޔައިދޭން މިޝްކާއަށް އެނގުނީ ކީއްވެބާ އޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
"މިޝްކާއަށް ކިހިނެއް އެނގުނީ...." އަލީނާ ކޮށްލި ސުވާލުން ވާހަކަ އޮޅުވާލަން މިޝްކާއަށް މަޖުބޫރު ވިއެވެ. "އަލީނާ... ދެން ހަމަ ހިތަށް އައި އެއްޗެއް މި ބުނެލީ... މި ދެއްކި ވާހަކަ އަލީނާއަށް ފެންނަ ކަންތައްތަކާއި ދިމާވުމަކީ އިއްތިފާގެއް... އަލީނާއަށް ފެންނަ ކަންތައްތަކާ ހުވަފެންތައް އަހަރެންނަށް ކިޔައިދިނީމަ ދޯ އިނގޭނީވެސް..." އަލީނާއަށް ވިސްނައި ދެވުނީތީ އެކަމާ މިޝްކާ އުފާ ކުރިއެވެ. ސިކުނޑީގެ ބައްޔަކަށް ބޭސްކުރަމުން ދާ ދަނޑިވަޅެއްގައި އަލީނާގެ ބޮލަށް ބާރުކުރާ ކަހަލަ ވާހަކައެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތްނޫންކަން މިޝްކާއަށް އެނގުނެވެ.
"އޯކޭ ދެން އަހަރެން ގޮސްލަނީ... އަންނާނަން މާދަމާ.... ބީ އަ ގުޑް ގާލް.... އިނގޭ...." ކުޑަކުއްޖަކު ފަދައިން އަލީނާ ހައްދާލުމަށްފަހު މިޝްކާ އެކޮޓަރިން ނުކުތެވެ. ކޮޓަރީގެ ބޭރުގައި ހަރުކޮށްފައިވާ 'އެންޓިބެކްޓީރިއަލް ހޭންޑް ޖެލް' ފުޅިން އެތިކޮޅެއް އަތަށް ޖަހާލުމަށްފަހު ދެއަތް ދެއަތާއި އުނގުޅާލިއެވެ. އަދި ވެއިޓިންގް އޭރިއާއަށް ދިޔުމަށް ހިނގައިގަތެވެ. މިޝްކާ އަންނަތަން ފެނި ރިޒާއާއި ސީމާ ގޮނޑިން ތެދުވިއެވެ. އަދި މިޝްކާއާއި ދިމާލަށް އައުމަށްފަހު އަލީނާ ވާހަކަ ދެއްކިތޯ ސުވާލު ކުރުމުން މިޝްކާ ބޯ ޖަހާލިއެވެ.
ރިޒާ ބުނި ބުނުމަށް ތިން މީހުން އެކުއެކީގައި ހިނގައިގަތީ ދެވަނަ ބުރިއަށެވެ. އަލީނާއަށް ފަރުވާދިނުމަށް ހަވާލުވެހުރި ޑޮކްޓަރާއި ބައްދަލު ކުރުމަށެވެ. ދެވަނަބުރީގައި ހުރި ކޮޓަރިތަކުން 'ޑރ.ފިރްދައުސް ކަމާލް' ޖަހާފައިވާ ކޮޓަރީގައި ޓަކި ޖަހާލުމަށް ފަހު ދޮރު ހުޅުވާލިއެވެ.
މޭޒު މަތީގައިވާ ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން އެއްއަތުން ކޮފީތަށި ހިފައިގެން އިނީ އަންހެނެކެވެ. އޭނާ އިނީ ކަޅުކުލައިގެ ޝޯލެއް އޮޅައިގެން މުނާ ދެއަަތްތިލަ ފިޔަވާ އެހެނިހެން ތަންތަން ނިވާވާކަހަލަ ގަޔަށް ދޫ ހެދުމެއް ލައިގެންނެވެ. ތުނި ހަށިގަނޑެއްގެ ވެރިއެކެވެ. މަޑު މޭކަޕެއްގައި ހުރިއިރު އެއީ ވަރަށް ޒުވާން އަަންހެން ކުއްޖެއްކަން ފާހަގަވިއެވެ. ޑޮކްޓަރުގެ އަތުގެ އިޝާރާތަށް އެކޮޓަރި ތެރޭގައިވާ ސޯފާ ސެޓުގައި ތިން މީހުން އިށީނެވެ. ސޯފާގެ ކުރިމައްޗަށް އިން ފާރުގައި ސްމާޓް ބޯޑެއް ހަރުކުރެވިފައި ހުއްޓެވެ.
"އަޅުގަނޑު މީ ފިރްދައުސް.... އަލީނާގެ ބެލެވެރިން ދެއްތޯ؟.... ކިހިނެއްތޯވީ..." ޑރ. ފިރްދައުސް ވާހަކަ ދެއްކުމުގައި ހުރީ ވަރަށް ހިތްހެޔޮ މަޑުމައިތިރި ގޮތެކެވެ. ޑޮކްޓަރާ މުޚާތަބުކޮށް ވާހަކަ ދެއްކީ ރިޒާއެވެ. "އަލީނާއަށް ކިހިނެއްތޯ މިވަނީ؟... އޭނާ ރަނގަޅު ކުރެވޭނެތޯ؟..."
"އާދެ،.. އޭނަ ރަނގަޅު ކުރެވޭނެ..... އަލީނާގެ މައްސަލައާއި ބެހޭގޮތުން ދެވިފައިހުރި މަޢުލޫމާތުތަކަށް ބަލާ އެނާގެ ބިހޭވިއަރ މޮނިޓަރ ކުރުމުން އަޅުގަނޑަށް އެނގުނު ގޮތުގައި އަލީނާ ކުރިމަތިލަމުން އެދަނީ ޑިޕްރެޝަންގެ އެއް ވައްތަރާ....."
ރިޒާކުރި ސުވާލަށް ޖަވާބުދެމުން ޑރ.ފިރްދައިސް ސްމާޓް ބޯޑް ކައިރިއަށް އައިސް ހުއްޓުނެވެ. ސްމާރޓް ބޯޑު ހުޅުވާލުމަށްފަހު އަތުގައި ވާ މާރކަރެއް ފާޑުގެ ދަނޑިކޮޅަކުން ސްކްރީންގައި ޖައްސާލުމުން ފައިލްތަކެއް ހުޅުވިއްޖެއެވެ. އޭގެތެރެއިން ޑިޕްރެޝަން ނަމަކަށް ޖަހާފައިވާ ފައިލެއް ހުޅުވާލިއެވެ. އަނެއްކާވެސް ޑރ.ފިރްދައުސް ވާހަކަ ދައްކަން ފެއްޓިއެވެ. "މިހާރު ތި ފެނި ވަޑައިގަންނަވަނީ ޑިޕްރެޝަންގެ ވައްތަރުތައް.... ޑިޕްރެޝަން ބެހިގެން ވަނީ ނުވަ ބަޔަކަށް.... އޭގެތެރެއިން އަލީނާއަށް ފެންނަމުން މި ދަނީ 'ސައިކޮޓިކް ޑިޕްރެޝަން' ގެ އަލާމާތްތައް...."
ސްކްރީނުން ފެންނަންހުރި ޑިޕްރެޝަންގެ ލިސްޓަށް ބަލަން ތިބި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ސުވާލުކުރީ މައިލަގޮޑިއަށް ކެތްނުވެފައިވާ ހާލުގައި ސީމާއެވެ. "މިބަލީގެ އަލާމާތްތަކަކީ ކޮބާ؟"
ސީމާގެ ސުވާލަށް ފަހު ޑރ.ފިރްދައުސް އޭނާގެ އަތުގައިވާ ދަނޑިކޮޅުން އެ ނަމަށް ފިތާލިއެވެ. ދެން ހުޅުވިގެން ދިޔަ ސަފްހާގައި ސައިކޮޓިކް ޑިޕްރެޝަންގެ މަޢުލޫމާތުތައް ފެންނަން ހުއްޓެވެ.
"ސައިކޮޓިކް ޑިޕްރެޝަން ހުންނަ މީހުން ތަޖުރިބާ ކުރަމުން ދާނެ 'މޭޖަރ ޑިޕްރެޝަން' ގެ އަލާމާތްތައް... އޭގެތެރޭގައި ހިމެނޭ ކަންތައްތަކަކީ މާ ބޮޑަށް ވަރުބަލިވުން... ފޫހިވުން.... އަވަސް މިނެއްގައި ބަރުދަންލުއިވުން ނޫނީ އިތުރުވުން.... ކެއުމާ ދުރުވުން.... އެހެންމީހުންނާ ވަކިވެ އެކަނި އުޅެން ބޭނުންވުން... ނިދި މަޑުވެ ނުނިދުމުގެ ސަބަބުން ބޮލުގައި އާދަޔާ ޚިލާފަށް ރިއްސުން... އަމިއްލައަށް މަރުވާން އުޅުން... މިކަމަކީ ޖެނެޓިކަލީ ވާރުތަކުރާވެސް ކަމެއް... އޭގެ މާނައަކީ އާއިލާ ތެރޭގައި މިކަހަލަ ކަމެއް ދިމާވެފައިވާ މީހަކު ހުންނާނެ... ލޭގެ ގުޅުމުން މިކަން ވާރުތަކުރާނެ.... މޭޖަރ ޑިޕްރެޝަންގެ އަލާމާތްތަކުގެ އިތުރަށް ފާހަގަވާ ކަންތައްތަކަކީ.... ހަޤީގަތެއް ނެތް ޚިޔާލީ މަންޒަރުތައް ލޯމައްޗަށް ސިފަވުން... މޮޔަ ވާހަކަ ދެއްކުން..."
ބަލީގެ އަލާމާތްތައް ކިޔައިދިނުމުން ސީމާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ހަރިއްޔާއަށް ދިމާވި ކަންތައް މަތިން ހަނދާންވިއެވެ. އަދި އެބަލީގައި ހަރިއްޔާ މަރުވިގޮތްވެސް ހަނދާންވިއެވެ. ސީމާއަށް ކުރަމުން ދިޔަ އަސަރު ރިޒާއަށް ފާހަގަވިއެވެ. އެހެންކަމުން ރިޒާ ސީމާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
- ނުނިމޭ -