ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ސިލްސިލާކޮށް ކުރިއަށްގެންދާ 'ރައީސްގެ ޖަވާބު' ޕްރޮގްރާމްގައި މާލެ ސިޓީ، މ.މެޑަލްމާގޭ، އިސްމާއިލް ނިޔާޒް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނިޔާޒް ރައީސްގެ އަރިހުން ސުވާލު ކުރީ ރިޔާސީ އިންތިހާބު ދުވަސްވަރު އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން 5 އަހަރުގެ ދައުރުގައި ކިހާ ވައުދެއް ފުއްދޭނެތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވައުދު ވެވަޑައިގެންނެވީ ފުއްދޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށާއި ހަފްތާ 14 އަށް ކަނޑައެޅި ވައުދުފުޅު ތަކުންވެސް ހުރިހާ ވައުދެއް ކަހަލަ ގޮތަކަށް މިހާރު ފުއްދިފައިވާ ކަމަށެވެ. އެ ވައުދުތަކުންވެސް ނުފުއްދި ހުރީ މަޖިލީހުގެ ދައުރާއެކު ފުއްދަންޖެހޭ ވައުދުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަސް އަހަރުގެ ދައުރުގެ ތެރޭގައި ވެސް ފުއްދަންޖެހޭ ގިނަ ވައުދުތަކެއް ހުންނެވިކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެންވެސް ގިނަ ވައުދުތައް ފުއްދެވުމަށް މަޖިލީހުގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. " އަޅުގަންޑުމެން ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުން، ބޯހިޔާވަހިކަމުގެ ދާއިރާއިން، އުމްރާނީ ތަރައްގީގެ ދާއިރާއިން، އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް މުހިންމު ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތް." ރައީސް ވިދާޅުވިއެވެ.

ވައުދުތަކުގެ ބޮޑު އިންސައްތައެއް ކަވާ ކުރަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ބަޖެޓުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަޖެޓަކީ ރައްޔިތުން މަޖިލީހުގެ ފުރިހަމަ ބާރު އޮންނަ ކަމެއް ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައިވެސް ދަތިވާގޮތަށް އެތައް ކަމެއް ކުރައްވާފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ފެނިވަޑައިގަންނަވާނެ މިފަހަރަށް ފާސް ކުރި ބަޖެޓުވެސް އަޅުގަނޑު މި އަހަރު ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައް ހިމަނާފައި ފޮނުވީމަވެސް އޭގެ ތެރެއިން އެތައް މަޝްރޫއެއްގެ އަދަދުތައް ވަރަށް ކުޑަ ކޮށްލާފައި އަދި ބައެއް މަޝްރޫއުތައް އެއްކޮށް އުނިކޮށްލާފައި ބަޖެޓު ފާސްކުރީ"
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ގިނަ ކަންތައްތަކެއް ކުރުމަށް ދަތިތައް ދިމާވި ކަމަށާއި ހިނގަމުންދާ މަޝްރޫއުތައްވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ދަތިވާ ކަމަށެވެ.

އަދި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުމާއި ރައްޔިތުން މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަޖިލީހުގެ އެއްބާރުލުމަކީ ސަރުކާރުން ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށާއި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ވައުދުގެ 100 ޕަސެންޓު ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުއްވާފައެވެ.