ދިވެހިންގެ ދިރިއުޅުމުގެ އުނދަގޫތައް ފަސޭހަކުރުމަށް ދިވެހިންގެ މޮޅެތި އުކުޅުތައް ބޭނުންކޮށްގެން އުފައްދާފައިވާ އެކި އެކި އާލާތްތައް މިއަދު ވެސް ފެންނަން ހުރިއިރު އެފަދަ ބައެއް މަސައްކަތްތައް ޒަމާނީ ބަދަލުތަކާއެކު މިހާރުވެސް ކޮށްވެސް އުޅެއެވެ. އެގޮތުން ބަލާލާއިރު ކަނބުރުވެރިކަމަކީ އޭރު ދިވެހިންގެ ދިރިއުޅުމުގެ އެތައް އުނދަގޫތަކަށް ލުއި ފަސޭހަކަން ގެނުވި ކަމަކަށްވާއިރު ކަނބުރުވެރިންގެ ބުރަ މަސައްކަތްވެސް އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ދުމާއި އަޅީގެ ތެރޭގައި ދަގަނޑު ތަޅާ އަޑު މެދުކެނޑުމެއް ނެތި އިވެމުންދިޔަ ނަމަވެސް ކަނބުރުވެރިން ކުރަމުންދާ އެ ބުރަ މަސައްކަތުގެ ވާހަކަ އަކީ ދައްކަންވެސް ހައްގު ވާހަކަތަކެކެވެ.
މިއަދުވެސް އޭރުގެ ކަނބުރުގެ ތަކާއި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަނބުރުވެރިން އެބަތިއްބެވެ. ކުޅުދުއްފުށީ ސިޓީ، ކުންފުނިގޭގެ މާދުރުން އެ ދަގަނޑު ތަޅާ އަޑު ފަދަ ގަދަ އަޑުތައް އިވެމުންދިޔައެވެ. އެއާއެކު އަބަދުވެސް އަހަރެމެންނަށް އިވެމުންދާ ކަނބުރުގެއިން އަޅި ބުރާ ވާހަކައިގެ ހަގީގަތެއް ބަލާލުމަށް ގޮސް ވަދެލީމެވެ.
އަވަދިނެތި އެ ވަގުތުވެސް ބަޔަކު މަސައްކަތް ކުރަމުންދެއެވެ. އެއީ އެތަނުގައި ވަޒީފާގައި އުޅޭ މީހުންނާއި އެ ކަނބުރުގޭގެ ވެރިންނެވެ.
ބައްޕަގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ކުރަނީ ދަރިން
އެ ކަނބުރުގެ ގޭގެ ވާހަކަ ފަށަމުން އެ ގޭ، އުމުރުން 65 އަހަރުގެ އަބްދުﷲ އާދަމް ބުނީ މި މަސައްކަތް ފެށުނު ހިސާބަށް ދާ ކަމަށް ވަނީނަމަ ޖެހޭނީ މީގެ 70 އަހަރު ފަހަތަށް ދާން ކަމަށެވެ. އެއީ އަބްދުﷲ ގެ ބައްޕަގެ މަސައްކަތެވެ. މިހާރު އޭނާގެ ބައްޕަ ނިޔާވެފައި ވީނަމަވެސް އަބްދުﷲ އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެ ބޭބެ ވެސް އެ މަސައްކަތް ކޮށް އުޅެއެވެ.
އުމުރުން 16 އަހަރުގައި އަބްދުﷲ އެ މަސައްކަތް ދަސްކުރަން ފެށީ ބައްޕަ ނިޔާވެފައިވުމުން އޭނާގެ ބޭބެ ކައިރިންނެވެ. އެއަށްފަހު އެ ކަނބުރުގެ ހިންގުމުގެ މަސައްކަތް އެ ކުރަނީ އެ ތިންބެއިންނެވެ. އެއީ އާމްދަނީ ހޯދުމަށް އެ މީހުން ކޮށް އުޅޭ މަސައްކަތެވެ.
ބައްޕަގެ ކޮށް އުޅުނު މަސައްކަތް އަބްދުﷲ މެން ކުރި ނަމަވެސް އޭރު އެ މަސައްކަތް ކޮށް އުޅުނު ގޮތާއި މިހާރާ ތަފާތެވެ. ގިނަ ފަސޭހަތަކެއް އެ މަސައްކަތަށް ލިބިފައިވާ ކަން އަބްދުﷲ ވެސް ފާހަގަކުރެއެވެ. އެގޮތުން އޭރުގައި ދަގަނޑު ފަދަ ތަކެތި ތަޅަނީ މަރުތޭލުން ކަމަށްވާއިރު މިހާރު އެއާ ހިލާފަށް ބޭނުންކުރަނީ ކަރަންޓް މަރުތޭލެވެ.
ކުރީގައި ވަޅި ފަދަ ތަކެތު ތޫނުކުރުމަށް ދިވެހި ހަނު ބޭނުންކުރި ނަމަވެސް މިހާރު ބޭނުންކޮށް އުޅެނީ ކަރަންޓް ހަނެވެ. އަބްދުﷲ ބުނީ ކުރީގައި ބޭނުންކޮށް އުޅުނު ދިވެހި ހަނުން ހަނުލާއިރު ތަންކޮޅެއް ބާރަށް ޖައްސައިލެވިއްޖެއާ ލާހިލޭ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ކަރަންޓް ހަނުން އެ މަސައްކަތަށް އިތުރު ފަސޭހަކަމެއް ލިބިފައިވާކަން ފާހަގަކުރަމުން އަބްދުﷲ ބުނީ އެ ހަނުގައި ހިލަކަރުދާސް އަޅުވައިގެން ވަޅި، ކަތިވަޅި ފަދަ ތަކެތީގެ މުއްގަނޑު ވެސް ހަދާ ކަމަށެވެ.
ގިނަ ބާވަތްތަކެއް ތައްޔާރުކުރާ އެ ކަންބުރުގޭގެ ތަކެތި ރާއްޖޭގެ ހުރިހާ ހިސާބަކަށް
އެ ކަނބުރުގެއިން ވަޅިއާއި ލޮތާރީގެ ހުރިހާ ވައްތަރުތަކެއްގެ އެއްޗެހި ތައްޔާރުކުރެއެވެ. ރާއްޖެގައި އުދެލި ފަދަ އާލާތްތައް ނުހަދާ ޒަމާނުގައި އެ ކަނބުރުގެއިން ވަނީ އެ ފަދަ ތަކެތިވެސް އުފައްދަން ފަށާފައެވެ. ރާނާ ހަންޖާއި ބުޅިއާއި ނަގިއްޔާއި މިހެން ގޮސް ނަން ހުސްކޮށް ރާއްޖޭގައި ބޭނުންކުރާ އެފަދަ ކޮންމެ އެއްޗެއްވެސް އެ ތަނުގައި ތައްޔާރުކުރެއެވެ.
ވަޒީފާއަށް މީހުން ނަގައިގެން ކަނބުރުގޭގައި މަސައްކަތް ކުރަމުންދާއިރު އަބްދުﷲ ބުނީ މީގެ ކުރިން އޭނާ ވެސް 10 ގަޑިއިރު މަސައްކަތް ކުރި ނަމަވެސް މިހާރު މަސައްކަތް ކުރަނީ 7 ނުވަތަ 8 ގަޑިއިރު ކަމަށެވެ. އަދި ވަޒީފާގައި އުޅޭ މީހުން މަސައްކަތް ކުރާނީ ހެނދުނު 8 ޖަހާއިރުން މެންދުރު 12 އަށް އެއަށްފަހު މެންދުރު 2 ޖަހާއިރުން ހަވީރު 5 ޖަހަންދެން ކަމަށްވެސް އަބްދުﷲ ވަނީ ބުނެފައެވެ.
ދުވާލުގެ އެ ވަގުތުގެ ތެރޭގައި ކުދި ކަތިވަޅި ނުވަތަ ފޯއްވަޅި ހަދަންޏާ 25 އާއި 30 ހާ ދެމެދު އަދަދަކަށް ހެދޭއިރު ބޮޑެތި އެއްޗެހި ހަދަންޏާ 10 އާއި 15 ހާ ދެމެދު އަދަދަކަށް އެ ކަނބުރުގެއިން ހަދައެވެ.
އެތަނުން ތައްޔާރުކުރާ ތަކެތީގެ ތެރެއިން މިހާރު އެންމެ ގިނައިން ވިކެނީ ފޯއް ވަޅިއާއި ވިނަ ނޮޅާ ވަޅިއެވެ. އަބްދުﷲ ބުނީ ދަނޑުތައް ހެދި ދުވަސްވަރު އެންމެ ގިނައިން ވިކެނީ ބޮޑެތި ކަތިވެޅި ކަމަށެވެ.
އެ ކަނބުރުގެއިން ހަދާ ތަކެތި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްކާއިރު އެ ތަކެތި މާލެއާއި ޅ އަތޮޅުގެ ރައްތަކުގައިވެސް ވިއްކަން ހުންނާނެ ކަމަށް އަބްދުﷲ ވަނީ ބުނެފައެވެ.
އަބްދު ﷲ ބުނީ ރާއްޖެއިން ބޭރުން ވަޅި އެއްޗެހި އެތެރެ ކުރަން ފެށުމުން ވިޔަފާރި ދަށް ކަމަށާއި އެ މަސައްކަތުން މިހާރު އެކަށީގެންވާ އާމްދަނީއެއް މިހާރު ނުލިބޭ ކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން އެކަށީގެންވާ އާމްދަނީއެއް އެ މަސައްކަތުން ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ 40 އަހަރުކުރިން އަލިފާނުގެ ހާދިސާއެއް ހިނގި، މާ ބޮޑު ގެއްލުމެއް ނުވޭ
ކަނބުރުވެރިކަމުގައި ދަގަނޑު ދޮންކުރުމަށް އަލިފާން ރޯކޮށްގެން ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭއިރު މިއީ ނުރައްކާތެރިވެސް ކަމެކެވެ. މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިން އެ ކަނބުރުގޭގައި ލޯ ވިރުވިއިރު އަލިފާން ކަނި ބުރައިގެން ކަނބުރުގޭގައި ރޯވި ނަމަވެސް މާ ބޮޑު ގެއްލުންތަކެއް ނުވަނީސް ވަނީ ނިއްވާލެވިފައެވެ.
އަބްދުﷲ ބުނީ އޭރުގައި ހުންނަނީ ފަނުން ވިޔެފައި ހުރި ކަނބުރުގެ ކަމަށާއި ލޯ ބިރުވާއިރު އަލިފާން ގަނޑު ވަރަށް ބޮޑުވާނެ ކަމަށެވެ. އެ ދުވަހު ލޯ ވިރުވުމުގެ ތެރޭގައި އޭގެ ކަނިތައް ޖެހިގެން ކަނބުރުގޭގައި ރޯވި ނަމަވެސް ވަރަށް އަވަހަށް ނިއްވާލެވިއްޖެ ކަމަށް އަބްދުﷲ ވަނީ ބުނެފައެވެ.
މި މަސައްކަތަށް ބޭނުންވާ ސާމާނު ފަސޭހަ ގޮތެއްގައި ލިބެން ނެތުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށްވާއިރު އެ މަސައްކަތަށް ބޭނުންވާ ދެލި ރާއްޖެއިން ހޯދަން އުނދަގޫކަން އަބްދުﷲ ފާހަގަކުރިއެވެ. އަބްދުﷲ ބުނީ މިހާރު ދެލި ނުލިބޭތީ ދޮން ކުރަނީ ގޭހުން ކަމަށާއި ގޭހުގައި ހަރަދު ބޮޑު ކަމަށެވެ. އަދި އިންޑިއާގައި ގިނަ ބަޔަކު ދެލީގެ މަސައްކަތް ކުރާއިރު އިންޑިއާއިން ދެލި އެތެރެކުރެވޭ ކަމަށްވަނީނަމަ އަގު ހެޔޮ ވެގެންދާނެ ކަމަށް އަބުދުﷲ ބުނެއެވެ.
ޒުވާނުން މި ދާއިރާއަށް ނެރެން އަބްދުﷲ ނުހަނު ބޭނުން
އޭގެ އިތުރުން މުވައްޒަފުން ހޯދަން އުނދަގޫކަން ވެސް އަބްދުﷲ ފާހަގަކުރިއެވެ. ކަނބުރުވެރިކަން ދަސްކުރުން އުނދަގޫވާތީ މި މަސައްކަތް ޒުވާނުން ނުކުރާ ކަމަށާއި މިހާރު ޒުވާނުން ލާރި ހޯދަނީ ވަރަށް ލުއި މަސައްކަތުން ކަމަށް އަބްދުﷲ ބުނެއެވެ. އަދި ކަނބުރުވެރިކަމަކީ ދަސްވެއްޖެނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކަން އަބްދުﷲ ގެ ތަޖުރިބާ ވަނީ ބުނެފައެވެ.
ކަނބުރުވެރިކަން ދަސްކުރަން ބޭނުންވި ގިނަ ބަޔަކަށް އެ ކަނބުރުގެއިން ވަނީ އެކަން ދަސްކޮށްވެސްދީފައެވެ. މިހާރު އެ ސިޓީގައި އެ މަސައްކަތް ކުރަނީވެސް އެ ކަނބުރުގެއިން މަސައްކަތް ދަސްކުރި މީހުން ކަމަށް އަބްދުﷲ ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ކުރާނެ އިތުރު ޒުވާނުން އަދިވެސް ބޭނުންވާތީ ކޮންމެ މީހަކަށްވެސް އެ މަސައްކަތް ދަސްކޮށްދޭން އަބްދުﷲ ހުރީ ތައްޔާރަށެވެ. އޭނާ އެންމެ ބޭނުންވަނީ ކަނބުރުވެރިކަމުގައި މިހާރަށްވުރެ އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ބުރޯ ދީބަލަ ރުފިޔާކޮޅު.