ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ" އިއުލާންކުރީއްސުރެ ފިލްމަށް އިންތިޒާރުކުރެވުނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރިތިކް ރޯޝަން ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެތީއެވެ. އަދި މި ފިލްމަކީ ދެތަރިންގެ ކެމިސްޓްރީ ސްކްރީނުން އަލަށް ބަލައިލަން ލިބުނު ފުރުސަތަށްވެސް ވުމާއެކުގައެވެ.

ސްޓޯރީލައިން: ކަޝްމީރުގައި އިންޑިއާއަށް ހަނގުރާމަވެރި ހަމަލާއެއް ކުރިމަތިވެފައިވާއިރު އެގައުމުގެ އެންމެ މޮޅު އެއާ ފޯސް ޕައިލެޓުން ގުޅިގެން ހަނގުރާމަކުރެއެވެ. އިންޑިއާ ހަނގުރާމަ ކުރަމުން ދާ މި ދަނޑިވަޅުގައި އެމީހުންގެ ހިތްވަރާއި، އެކުވެރިކަމާއި، ޓީމް ރޫހާއި، މާޒީގައި ހިނގި ހާދިސާއަކަށް ފަހު ޓޮޕް ފައިޓަރ ޕައިލެޓެއްގެ ރިޑެމްޕްޝަންގެ ވާހަކަ މި ފިލްމުން ފެނިގެންދާނެއެވެ.

މައިގަނޑު ކާސްޓުން: ރިތިކް ރޯޝަން (ޕެޓީީ)، ދީޕިކާ ޕަޑުކޯން (މިނީ)، ކަރަން ސިންހް ގްރޯވަރު (ތާޖް)، އަކްޝޭ އޮބްރޯއީ (ބާޝް) އަދި އަނިލް ކަޕޫރު (ރޮކީ)އެވެ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ހަނގުރާމައިގެ ހާލަތުގައި ކުރިމަތިވެދާނެ ކަންތައްތަކުގެ ޓްރެއިނިން ނަގަމުން ދިޔަ ދަނޑިވަޅެއްގައި ކަޝްމީރު އަށް ހަމަލާތަކެއް އާދެއެވެ. އިންޑިއާ-ޕާކިސްތާނުގެ މި ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމުގެ ބަތަލީ ޕެޓީއެވެ. އެއާ ފޯސް އާއި ދުރުގައި ހުރުމަށްފަހު ރޮކީގެ ޓީމަށް ޕެޓީ ނެގުމާއެކު އޭނާ އެނބުރި އޭނާގެ މަސައްކަތައް އާދެއެވެ. ދުވަސްތަކަކަށްފަހު މަސައްކަތަށް އައުމުން އޭނާއަށް މަރުހަބާ ކިޔަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ތާޖް އާއި އޭނާގެ ޓީމެވެ. މިނީ އަށް ޕެޓީ ފުރަތަމަ ފަހަރަށް ފެނުމުން ވެސް އޭނާ އަކީ ވަރަށް ގޮތްދޫނުކުރާ މީހެއްކަން އެނގުނެވެ. ނަމަވެސް މިނީގެ ހިތުގައި ޕެޓީ އަށް ހާއްސަ މަގާމެއް ދެވެއެވެ. އޭގެ ކުރިން ކުރި ހަނގުރާމައެއްގައި ޕެޓީގެ ލޯބިވެރިޔާ އެންޖޭ މަރުވިއެވެ. އަދި އޭނާގެ މަރުގެ ޒިންމާ ރޮކީ އެޅުވީ ޕެޓީގެ ބޮލުގައެވެ. ސަބަބެއްނެތިއެއްވެސް ނޫނެވެ. ކޮމާންޑަރުގެ ބަހަށް ބޯނުލަބައި ޕެޓީ އޭނާ އަމިއްލަ އަށް ކަންތައްތަކެއް ކުރަން އުޅުމުގެ ތެރޭގައި އެންޖޭ މަރުވެއެވެ.

ކޮންމެއަކަސް ހަނގުރާމައަށް ތައްޔާރުވުމަށް އެމީހުން ޓްރެއިނިންއެއް ހަދައެވެ. އެ ގްރޫޕްގެ ކޮމާންޑަރަކީ ރޮކީއެވެ. ބްރީފިންގައި ކޮންމެ މީހަކު ކުރަންޖެހޭ ކަންތައްތައް ސާފުކޮށް ކިޔައިދެމުން ދިޔަ ނަމަވެސް ޓްރެއިނިން އަށް ގޮސް ޕެޓީ ކަންކުރީ އޭނާ އަށް ފެންނަ އެންމެ ރަނގަޅުގޮތަށެވެ. އެކަމާ ރޮކީ ހިތްހަމަވެސް ނުޖެހެއެވެ. ޕާކިސްތާނުގެ ހަމަލާތައް އަންނަން ފެށުމާއެކު ކުއްލި ނުރައްކަލުގެ ހާލަތުގައި ތާޖު އާއި އޭނާގެ ޓީމު ހަނގުރާމައަށް ތައްޔާރުވެއެވެ. ނަމަވެސް މި ހަނގުރާމައިގެ ތެރެއިން ޕެޓީ އަށް ހެދުނު ގޯހަކުން ބާޝް އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ތާޖް، ޕާކިސްތާނު މީހުންގެ އަތްދަށަށް ދެއެވެ. އެކަމާ ރޮކީ ހިތްހަމަނުޖެހި އޭނާގެ ޓީމުން ޕެޓީ ވަކިކޮށް ހައިދަރުއާބާދުއަށް ފޮނުވާލައެވެ. ޕެޓީ ހައިދަރުއާބާދު އަށް ފޮނުވާނުލާތޯ މިނީ، ރޮކީ ގާތު އާދޭސްކުރެއެވެ. ނަމަވެސް ގައުމަށް އިތުރު ގެއްލުމެއް ލިބެން ބޭނުންނުވާތީ ރޮކީ، ޕެޓީ އެ އަވަށަށް ފޮނުވާލިއެވެ. ރޮކީ އިސްވެ ހުރި ބާޝް އާއި ތާޖު ސަލާމަތްކުރަން މޮޅު ރޭވުމެއް ރާވައެވެ. ޕެޓީ އަށް ހައިދަރުއާބާދުގައި ކެތެއްނުކޮށްލެވުނެވެ. އޭނާ އެނބުރި ފޯސް އާ ގުޅެން ބޭނުންވެއެވެ. ތާޖު ސަލާމަތްކުރަން ބޭނުންވެއެވެ.

ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން ގެ އެކްޓިން ވަރަށް ފުރިހަމައެވެ. މި ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ސަޅިއިރު، އިމޯޝަނަލް މަންޒަރުތަކުގައި ވެސް މޮޅު އެކްޓިން އެއް ދެމީހުންގެ ކިބައިން ފެނިގެންދިޔައެވެ. އަނިލް ކަޕޫރަކީ އޭނާގެ އެކްޓިންއަށް އެންމެންވެސް އިތުބާރު ކުރާ ތަރިއެކެވެ. މި ވަރުގަދަ އެކްޝަން ފިލްމުގެ ތެރޭގައި ކަރަން ސިންގް އޮބެރޯއީ އާއި އަކްޝޭ އޮބެރޯއީ ވެސް އެކްޓިން ވެސް ވަރަށް ވަރުގަދަ އެވެ. ޓެކްނިކަލް މަންޒަރުތަކާއި އިންޑިއާގެ ވައިގެ ސިފައިން ޕާކިސްތާނުގެ ޑިފެންސް އަށް ވުރެ މޮޅުވާ ގޮތްތައް ފެނިގެން ދިޔުމުން ފިލްމުގެ ފޯރި އިތުރުވެ، ފިލްމު އިތުރަށް ޝައުގުވެރިކޮށްދެއެވެ.