ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހިފަން އެތައް ދުވަހެއް ވަންދެން ވަރުގަދަ ހަމަލާތަކެއް ދީ އެންމެން މެރުމަށް ފަހު 'އެއްވެސް ދިރުމެއް ނެތޭ' ބުނެ އިޒްރޭލު ސިފައިން އެތަން ދޫކޮށް ހިނގައްޖެއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބަރުތަކުން ބުނީ, އިޒްރޭލު ސިފައިން އެތަން ދޫކޮށް ދިޔުމުން ބެލި އިރު މުޅި ހޮސްޕިޓަލް ތެރެއާއި އަދި ބޭރުގައި ވަނީ މަރުވެފައި ތިބި މީހުންގެ ހަށިގަނޑުތައް ކަމަށެވެ.
2 ހަފްތާ ވަންދެން ވަރުގަދަ ހަމަލާތަކެއް ދީ, ފެންނަހާ މީހެއްގެ ގަޔަށް ބަޑިޖަހާ މެރުމަށް ފަހު ކުއްލިއަކަށް އެތަން ދޫކޮށް ފޭބުމަށް ފަހު އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ, އެ އޮޕަރޭޝަންގައި ހަމާސްގެ ގިނަ އަދަދެއްގެ މެންބަރުން މަރާލެވުނު ކަމަށާއި ގިނަ އަދަދެއްގެ އާންމުން ހައްޔަރު ކުރެވިފައި ވާ ކަމަށެވެ.
އެ ހޮސްޕިޓަލަކީ އިޒްރޭލުގެ އުދުވާން ގާޒާގެ ތެރެއަށް ފުޅާ ކުރަން ފެށުމާއެކު ހަމަލާތަކުން ދިފާއުވުމަށް އެތައް ހާސް ބަޔަކު ވަދެ ތިބި ހޮސްޕިޓަލެކެވެ. އޮފިޝަލުން ބުނީ, މިހާރު ހޮސްޕިޓަލް ވަނީ ފުނޑުފުނޑު ކޮށްލާފައި ކަމަށާއި, ފެންނަނީ އެތަން މިތަނުގައި މަރުވެ ލެޔާ ތަތްތެޅި ވެއްޓިފައި ތިބި މީހުންގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ.
އެ ހޮސްޕިޓަލަށް ވަދެގަން ސަބަބު ހާމަ ކުރަމުން އިޒްރޭލުން ބުނެފައި ވަނީ އެއީ ހަމާސްގެ މުޖާހިދުން ބަނޑަހަ ޖަހައިގެން ތިބި ތަން ކަމަށް ވުމެވެ. ނަމަވެސް ހަމާސް އިން ވަނީ އެކަން ދޮގުކޮށް ހޮސްޕިޓަލްގެ ތެރޭގައި ހަމާސްގެ އެއްވެސް ހަނގުރާމަ ވެރިއަކު ނުހުންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހޮސްޕިޓަލްގެ ބޭރުން ވަށައިގެން ވާ ސަރަހައްދުތަކުގައި ހަމާސްގެ މުޖާހިދުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލު ކޮށްފައި ވެއެވެ.
އޮފިޝަލުން ބުނީ ޔަހޫދީ ސިފައިން ހޮސްޕިޓަލް ދޫކޮށް ދިޔައިރު އެ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓުމަންޓުތަކެއް ގައި ހުޅުޖަހާ ރޯކޮށްލުމުގެ އިތުރުން އިމާރާތުގެ އެތެރޭގެ އެތަން މިތަން ތަޅާ ފުނޑުފުނޑު ކޮށްލާފައި ވާ ކަމަށެވެ.
މި ނުލަފާމުޖުރިމުންނަށް ﷲގެ ކޯފާއެއް ފޮނުއްވާ އެބައިމީހުން ނެތިކުރައްވާށި. އާމީން