ޑިމޮކްރެޓިކް މަރުހަލާއެއްގައި އިންތިހާބީ ނިޝާންތަކަކީ މުހިންމު ދައުރެއް އަދާކުރާ ނިޝާންތަކެކެވެ. ޕާކިސްތާނުގައި އަންނަ މަހު ބާއްވާ އާންމު އިންތިހާބަށް ތައްޔާރުވަމުންދާއިރު، ސިޓީތަކާއި އަވަށްތަކުގެ ޔުޓިލިޓީ ހޮޅިތަކާއި މަގުމަތީގެ ފާރުތަކުގައި ޕާޓީގެ ނިޝާންތައް ޖަހާފައިވާ ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ.
ސިޔާސީ ޕާޓީތަކުން ކެމްޕެއިން ފަށައި، ޕްރޮޕެގެންޑާ ޕޯސްޓަރުތައް ފާރުތަކުގައި ހަރުކުރަން ފަށާފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ އެންމެ މަގުބޫލު ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ނިޝާން ގެއްލިފައި ވަނީ ޕީޓީއައި އާއި އެ ޕާޓީގެ ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ހާންއާ ދެކޮޅަށް ހީވެސް ނުކުރާ ވަރުގެ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ސަބަބުންނެވެ. އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އިމްރާންގެ ޕާޓީއަށް ޕާޓީގެ ނިޝާން ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
ޕީޓީއައިގެ މެމްބަރުންނާއި ސަޕޯޓަރުން ބުނަނީ އެ ޕާޓީގެ ނިޝާން ކަމަށްވާ ކްރިކެޓް ބެޓެއް މަނާކުރުމަކީ އަސްކަރިއްޔާއަށް ތާއީދުކުރާ ސަރުކާރުން ޕާޓީ ބަލިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ލީޑަރު ބިލާވަލް ބުއްޓޫ-ޒަރްދާރީ ވެސް ވަނީ އިރުމަތީ ޕަންޖާބު ޕްރޮވިންސްގައި އޭނާގެ ޕާޓީގެ ގައުމީ އަދި ޕްރޮވިންޝަލް އެސެމްބްލީގެ ހަތް ކެނޑިޑޭޓަކަށް ނުބައި އިންތިހާބީ ނިޝާންތަކެއް ދީފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ބުއްޓޫ ވިދާޅުވީ ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕްރެޝަރުގައި ކަމަށެވެ. ފަރުދާގެ ފުރަގަހުގައި ބޮޑު ނުފޫޒެއް ފޯރުވާ އެގައުމުގެ އަސްކަރިއްޔާއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޝަރީފްގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ. މިދިޔަ އޮކްޓޫބަރު މަހު ޖަލުން އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވި ޝަރީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެހެންވީމާ، ޕާޓީގެ ނިޝާންތައް މުހިންމުވަނީ ކީއްވެގެންހެއްޔެވެ؟ އަދި ޕީޓީއައި ނިޝާން މަނާކުރުމުން ޕާޓީއަށް ގެއްލުމެއް ވާނެހެއްޔެވެ؟
ޕީޓީއައިގެ ނިޝާން ގެއްލުނީ ކީއްވެ؟
މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އީސީޕީން ޕީޓީއައިގެ ބެޓް ނިޝާން އުނިކޮށްފައި ވަނީ އެ ޕާޓީން އިންޓާ ޕާޓީ އިންތިހާބެއް ނުބޭއްވުމުގެ ޓެކްނިކަލް ސަބަބުތަކާ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރުގެ އިންތިހާބަށް އެ ޕާޓީގެ ނިޝާނެއް އޮތުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން 8 ޖޫން 2022 ގައި ޕީޓީއައިއިން ބޭއްވި އިންޓަ ޕާޓީ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ އިންތިހާބު ބަލައެއް ނުގަތެވެ. ކުދި 13 ސިޔާސީ ޕާޓީއަކާ ދެކޮޅަށް ވެސް އީސީޕީން ވަނީ އެފަދަ އަމުރެއް ނެރެފައެވެ.
ޕީޓީއައިއަށް ފާޑުކިޔާ މީހުންނާއި ސަޕޯޓަރުން ބުނަމުން ދަނީ މިއީ އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ކުޑަކުރުމަށް ރޭވިގެން ކުރި ކަމެއް ކަމަށެވެ. ޕީޓީއައިގެ ވަކީލް ސައީދު އަލީ ޒަފަރު ވިދާޅުވީ ކްރިކެޓް ބެޓް ބާތިލުކުރީ ގާނޫނާ ހިލާފު އަމުރެއްގެ ދަށުން ބޭއިންސާފުން ކަމަށެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ތާއީދުކުރުމުން، އެ ނިންމުން ބާތިލް ކުރަން ޕީޓީއައި އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ހާއްސަކޮށް ކުރީގެ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި އިމްރާން ހާން ހޯދި ކާމިޔާބީއަށް ބަލާއިރު، މި ނިޝާނަކީ ޕީޓީއައިއަށް ވަރަށް މުހިންމު ނިޝާނެކެވެ.
ޕާކިސްތާނުން 1992 ވަނަ އަހަރު ހަމައެކަނި ވޯލްޑް ކަޕް ތަށި ހޯދިއިރު ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އިމްރާން ހާން ވަނީ އޭނާގެ ކާމިޔާބު ކުޅިވަރު ކެރިއަރުގެ ބޭނުން ހިފައި ސިޔާސީ މީހެއްގެ ހައިސިއްޔަތުން ފުޅާ ދާއިރާއެއްގައި މަގުބޫލުކަމާއި ތާއީދު ހޯދާފައެވެ.
ނިއުޔޯކްގެ ޕޮލިޓިކަލް ރިސްކް އެޑްވައިޒަރީ ކުންފުންޏެއް ކަމަށްވާ ވިޒިއާ ކޮންސަލްޓިންގެ ރައީސް އާރިފް ރަފީގު ވިދާޅުވީ ޕީޓީއައިގެ ނިޝާން ބްލޮކް ކުރަން ނިންމި ނިންމުމަކީ ސިޔާސީ މަގްސަދެއްގައި ނިންމި ނިންމުމެއް ކަމަށެވެ.
އިމްރާންގެ މަގުބޫލުކަން ބޮޑުކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެއީ ޕާކިސްތާނުގެ ދައުލަތުގެ އިދާރީ ފިޔަވަޅުތައް ބޭނުންކޮށްގެން މަޖުބޫރުކުރުމާއެކު، ޕީޓީއައިއަށް އިންތިހާބީ ކާމިޔާބީއާ ދިމާލަށް މަގު ނުތަނަވަސްކުރުމުގެ ވައްޓަފާޅިއެއްގެ ބައެއް ކަމަށެވެ.
ޖިއޯ ޓެލެވިޒަންގެ އިލެކްޝަން ސެލްގެ ހެޑް ނާދިޔާ މަލިކް ވިދާޅުވާ ގޮތުގައި ޕާކިސްތާނުގައި އިންޓަ ޕާޓީ އިންތިހާބަކީ މަލާމާތެއް ކަމަށާއި ނަމަވެސް އީސީޕީން އެހެން ޕާޓީތައް ޖަވާބުދާރީ ނުކޮށް، އެ ޕާޓީތައް މިނިވަންކަމާއެކު ދޫކޮށްލާފައިވާ ކަމަށެވެ.
"ނިޝާނެއް ގެއްލުމަކީ ޕާކިސްތާނުގައި އާ ކަމެއް ނޫން. އެކަމަކު ޕީޓީއައިއަށް އެ މީހުންގެ ހުރިހާ ކެނޑިޑޭޓުންނަށް ވެސް ވަކި އިތުރު ނިޝާނެއް ދެން އިހްތިހާރު ނުކުރެވޭނެ. އެކަމުގެ ސުންގަޑި ފާއިތުވެ ގޮސްފި." މަލިކް ވިދާޅުވިއެވެ.
އީސީޕީން ވަނީ ނިޝާން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނަމަ އިންތިހާބު އިތުރަށް ލަސްވާނެ ކަމަށް ބުނެ އެ ނިންމުން ދިފާއުކޮށްފައެވެ.
އެ ޕާޓީގެ ސޯޝަލް މީޑިއާ ޓީމުން ދަނީ ޕީޓީއައިގެ ކެންޑިޑޭޓުންގެ ނަމާއި ނިޝާންތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ޕޯޓަލެއް ތަރައްގީ ކުރަމުންނެވެ. މަލިކް ވިދާޅުވީ ޕީޓީއައިއަކީ މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިޖުތިމާއީ ދާއިރާގައި ހުނަރުވެރި ކުންފުންޏެއް ކަމަށެވެ.
ނަމަވެސް ޕާކިސްތާނުގެ ކޮންމެ ދެ މީހަކުން އެކަކުގެ އަތުގައި ސްމާޓްފޯނެއް ނެތުމުގެ ސަބަބުން ޕީޓީއައި އަށް ވޯޓުލާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.
"އީސީޕީގެ ނިންމުމާއި ސުޕްރީމް ކޯޓުން އެކަން ދޮގުކުރުމުގެ ނަތީޖާއަކީ އެތައް މިލިއަން ބަޔަކު ނިކަމެތިކޮށް. އިންތިހާބާ ދިމާކޮށް ގައުމުގެ އެންމެ ބޮޑު ޕާޓީ ލިކުއިޑޭޓް ކުރުން." ދުސްތޫރީ މާހިރެއް ކަމަށްވާ އައްސަދު ރަހީމް ހާން ވިދާޅުވިއެވެ.
"ޕާޓީތަކުގެ މެދުގައި ބާއްވާ އިންތިހާބުތަކުގައި ހުރި ކުށްތަކަކީ ހަގީގީ ގާނޫނުގެ އެއްވެސް ތަނެއްގައި މިހާ ބޮޑު އަދަބެއް ދޭން ޖެހޭ ކަމެއް ނޫން. އެހެން ނަމަވެސް، ޕާކިސްތާނުގެ ގާނޫނު އަސާސީ އާއި ސާފުކޮށް ތަރައްގީކޮށްފައިވާ ޝަރީއަތް، ސިޔާސީ ޕާޓީތަކަށާއި، ވާދަކުރުމުގެ ހައްގަށް ތާއީދުކުރޭ."
ޕީޓީއައި ނިޝާންގެ ފަހަތުގައިވާ ވާހަކަ
ސްލެންޓެޑް ކްރިކެޓް ބެޓް ނިޝާނަކީ އިމްރާންގެ ޕާޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ރަމްޒެކެވެ. ނަމަވެސް ބެޓަކީ އެ ޕާޓީގެ ފުރަތަމަ ނިޝާނެއް ނޫނެވެ.
ޖިއޯ ޓީވީގެ މަލިކް ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ ނިޝާނަކީ ބައްތިއެއް ކަމަށެވެ.
2013 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ޕީޓީއައިގެ އަމާޒަކީ އަދުލު އިންސާފު ރަމްޒުކޮށްދޭ އިންތިހާބީ ނިޝާނެއްގެ ގޮތުގައި ޑަބަލް ބެލެންސް ސްކޭލެއް ބޭނުންކުރުމެވެ. ނަމަވެސް 1970 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވެސް އެ ސްކޭލްތަކަކީ ޖަމިއްޔަތުއް އިސްލާމީ ޕާޓީގެ ރަމްޒެވެ. މި ނިޝާނާ މެދު އުފެދުނު ގާނޫނީ ދެބަސްވުން ޖަމިއްޔަތުއް އިސްލާމިއްޔާއަށް ތާއީދުކުރީ، ތާރީހީ ގޮތުން އެޖަމާއަތުން ސްކޭލްތަކަށް ދައުވާކުރާތީއެވެ.
1977 ވަނަ އަހަރުގެ އާންމު އިންތިހާބަށްފަހު ޖެނެރަލް ޒިޔާއުލް ހައްގުގެ އަސްކަރީ ސަރުކާރުން ވަނީ އިންތިހާބީ ނިޝާންތައް ފާސްކޮށްފައިވާ ލިސްޓުން ބައެއް އިންތިހާބީ ނިޝާންތައް އުނިކޮށްފައެވެ. އެ ނިޝާންތައް އީސީޕީން އަލުން އިއާދަކުރީ 2010 ވަނަ އަހަރުއެވެ.
އިންތިހާބީ ނިޝާންތައް މުހިންމު ވަނީ ކީއްވެ؟
ހަމައެކަނި މިނިމަލިސްޓް ލައިން މަސައްކަތެއް ހެން ފެންނަ ނިޝާންތަކަކީ ޕާކިސްތާނުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ނިޝާންތަކެކެވެ.
ޖީއީއޯގެ ނޫސްވެރިޔާ މަލިކް ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ތައުލީމު ހާސިލް ނުކުރާ މީހުން ކަމަށާއި ނުކިޔެވޭ މީހުން ވޯޓުގައި އިހްތިޔާރު ކުރަން ބޭނުންވާ ޕާޓީ ދެނެގަތުމަށް ނިޝާންތަކަށް ބަރޯސާވާ ކަމަށެވެ. "ނަންތައް ކިޔަން އެނގޭ މީހުން ވެސް އަބަދު ކެމްޕެއިން ކުރުމުގައި އެހާ ބޮޑަށް ބައިވެރިނުވޭ. އެކަމަކު އެ ބޭފުޅުންނަށް އެބޭފުޅުންގެ ޕާޓީގެ ނިޝާން އެނގިވަޑައިގަންނަވާނެ." އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީތަކުގެ އިންތިހާބީ ކެމްޕެއިންތައް ކަމަށްވާ ސްލޯގަންތަކާއި ލަވަތައް ބިނާވެފައި ވަނީ އެ ޕާޓީތަކުގެ ނިޝާންތައް ވަށައިގެން ކަމަށެވެ.
މިސާލަކަށް އުރުދޫ ބަހުން "ބެޓަށް ތާއީދުކުރި މީހާ - ޕަޓޭލް ޕާރާ ޕަޓޭލް ޕާރާ" އަކީ ކަރާޗީގެ ޕަޓޭލް ޕާރާ އަވަށުގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ޕީޓީއައި އިން ބޭނުންކުރި ސްލޯގަންއެއް ކަމަށް އިސްލާމްއާބާދުގެ ކޮމްސެޓްސް ޔުނިވާސިޓީގެ ފެކަލްޓީ މެމްބަރަކު 2020 ވަނަ އަހަރު ހެދި އެނަލިސިސްއިން ދައްކައެވެ.
ހަމައެފަދައިން ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) (ޕީއެމްއެލް-އެން) އާއި ބުއްޓޫ-ޒަރްދާރީގެ ޕީޕީޕީން ވެސް މީގެ ކުރިން ވަނީ އެ މީހުންގެ ނިޝާންތަކުގެ ވަށައިގެން ސްލޯގަންތަކާއި ލަވަތައް ތައްޔާރުކޮށްފައެވެ. ޕީޕީޕީގެ ލަވަ "ދިލަން ތީރް ބީޖާ" ގެ ތަރުޖަމާ ބަލޯޗީ އިން "ހިތަށް ތީރެއް އެރުމެއް" ކަމަށް ބުނެ، އެ ޕާޓީގެ ތީރު ނިޝާނަށް އިޝާރާތް ކޮށްފައިވާ ކަމަށް ބެލެވެއެވެ.
ޕީއެމްއެލް-އެން މިނިކާވަގު
ސެންޓަރ ރައިޓް ޕީއެމްއެލް-އެން ޕާޓީއަކީ މިނިކާވަގު ނިޝާނުން ގިނަ ބަޔަކު ބަލައިގަންނަ ޕާޓީއެކެވެ. ނަމަވެސް މިނިކާވަގަކީ ކުރީގެ ބޮޑުވަޒީރު ޝަރީފް އިސްވެ ހުންނަވާ ޕާޓީއާ އަބަދު ގުޅިފައިވާ ނިޝާނެއް ނޫނެވެ.
އެ ޕާޓީގެ ކުރީގައި އޮތީ ކަނާތު ފިޔައިގެ އިއްތިހާދު ކަމަށްވާ އިސްލާމިކް ޖަމްހޫރީ އިއްތިހާދު (އައިޖޭއައި) އެވެ. މަލިކު ވިދާޅުވީ ޕީއެމްއެލް-އެން އަށް ބައިސްކަލް ނިޝާން ބޭނުން ނުކުރެވުނު ކަމަށެވެ.
އެގޮތުން، ޕީއެމްއެލް-އެން އަކީ ތާރީހީ ގޮތުން އެންމެ ބާރުގަދަ ޕްރޮވިންސަކަށް ފަހު، "ލަޔަން އޮފް ޕަންޖާބު" ގެ ލަގަބު ޝަރީފަށް ލިބިވަޑައިގަތުމުން، އެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ސިންގާއާއި ޓައިގަރުންގެ ތަސްވީރުތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުނެވެ. އެ ޕާޓީން އާންމުންގެ ތެރެއަށް ވަރަށް މަދުން ނޫނީ ނުފެންނަ ހުދު މިނިކާވަގެއް ވެސް ގެނެސްދިން އިރު، 2013 ވަނަ އަހަރު ލާހޯރުގެ ހޫނު ގަދަވުމުގެ ސަބަބުން އެ ޓައިގާ ވަނީ މަރުވެފައެވެ.
2017 ވަނަ އަހަރު ޕީއެމްއެލް-އެން އަށް ގާތްގަނޑަކަށް ފެނުނީ ޕީޓީއައިއަށް މިހާރު ކުރިމަތިވެފައިވާ ފަދަ ހާލަތެކެވެ. ޕެނަމާ ޕޭޕާސްގެ ހިޔާނާތުގައި ޝަރީފް ބޮޑުވަޒީރުކަމުން ވަކިކުރުމާ ގުޅިގެން އެ ޕާޓީގެ އާ ޗީފެއް އިންތިހާބު ނުކުރެވުމުން އެ ޕާޓީގެ މިނިކާވަގު ނިޝާން ވަނީ މަނާކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ނިންމުން ބަދަލުކުރީ ޕީއެމްއެލް-އެން އިން އާ ޗީފެއް ހޮވުމުންނެވެ.
ކަނޑިއަކާއި ބާރެއް - ޕީޕަލްސް ޕާޓީގެ ވާހަކައެއް
އިޖުތިމާއީ-ޑިމޮކްރެޓިކް ޕީޕީޕީގެ ނިޝާނަކީ 1970 ވަނަ އަހަރުގެ އިންތިހާބުގައި ކަނޑިއެކެވެ. ޕަންޖާބު ޔުނިވާސިޓީގެ ފެކަލްޓީން 2017 ވަނަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ބާނީ އަލްމަރްހޫމް ޒުލްފިކާރް އަލީ ބުއްޓޫ ކަނޑި އިހްތިޔާރު ކުރެއްވީ ރަސޫލާ މުޙައްމަދު (ޞޢވ) ގެ ދަނބިދަރިކަލުން އަލީ ބިން އަބީ ތާލިބުގެ ކަނޑި، ޒުލްފިކަރަށް އިޝާރާތް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ދީނީ އިހުސާސްތަކަށް މި އިލްތިމާސް ކުރީ ސޯޝަލިސްޓް ޕާޓީއެއް އުފައްދައިގެން ބުއްޓޫ އަކީ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށެވެ. ޒިޔާއުލް ހައްގު ހުއްދަ ދީފައިވާ ނިޝާންތަކުގެ ލިސްޓުން ކަނޑި އުނިކުރުމުން ޕީޕީޕީން އޭގެ ނިޝާނެއްގެ ގޮތުގައި ތީރު ބޭނުންކުރިއެވެ.
ނަމަވެސް 2018 ވަނަ އަހަރު ބުއްޓޫގެ ކާފަދަރި ބުއްޓޫ-ޒަރްދާރީ ވަނީ އެ ކަނޑި އަނބުރާ ހޯދުމަށް ޕީޕީޕީން ވަކިވި ފެކްޝަނަކާ ދެކޮޅަށް ކުރި ގާނޫނީ ހަނގުރާމަ ކާމިޔާބުކޮށްފައެވެ. އޭގެ މާނައަކީ ކަނޑި އެހެން ފަރާތަކަށް ބޭނުން ނުކުރެވުމެވެ.
މައިގަނޑު ތިން ޕާޓީ ކަމަށްވާ ޕީޓީއައި، ޕީއެމްއެލް-އެން އަދި ޕީޕީޕީގެ އިތުރުން އިތުރު 145 ޕާޓީއަކުން ވެސް ވާދަކުރަނީ ފިހިގަނޑުން ފެށިގެން އަތުކުރި ގަޑިއާ ހަމައަށް ނިޝާން ބޭނުންކޮށްގެންނެވެ.
އެކްސްޕްރެސް ޓްރިބިއުން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާސްބާން ޑިމޮކްރެޓިކް ޕާޓީން އެންމެ ފުރަތަމަ ބޭނުންވީ އެ ޕާޓީގެ ނިޝާނަކީ ގައުމުގެ ކޮރަޕްޝަން ސާފުކުރުން ރަމްޒުކޮށްދޭ ގޮތަށް ފިހިގަނޑެއް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ޖެހުނީ ފުއްޕާހަމެއްގެ ނިޝާން ބޭނުންކުރަން ކަމަށެވެ.
އޭގެ ބަދަލުގައި ފިހިގަނޑު ދޫކުރީ މަސައްކަތްތެރިންނާ އެއްބައިވަންތަކަމުގެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާން އަވާމީ ރާޖް ޕާޓީއަށެވެ.
އެއާކޮންޑިޝަނަރާއި ކެރަމް ބޯޑާއި ޑީޕް ފްރީޒަރާއި ޑޮލްފިން ފަދަ ނިޝާންތައް އީސީޕީން ވަނީ ހުށަހަޅާފައެވެ.