ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމުމާއެކު އިންތިހާބު ބޮއިކޮޓު ކުރަން އެމަނިކުފާނު އެންގެވީ ޕީޕީއެމް މަގުމަތި ކޮށްލަން ކަމަށް ސްޕެޝަލް އެޑްވައިޒަރު އަދި ޕީޕީއެމްގައި ޔާމީން އާ އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންެއެފްގެ ޖަލްސާއެއްގައި ޔާމީން، ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި އަދި އަދުރޭއަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވެ ޔާމީނަށް ކުރި ހުކުމާއި، އެ ހުކުމާ ގުޅިގެން ޕާޓީގެ ތެރޭގައި އުފެދިގެން ދިޔަ ސިޔާސީ އަރާރުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި ވެއެވެ. އެގޮތުން ޔާމީން ވިދާޅުވީ އެމަނިކުފާނަށް ހުކުމް އިއްވުމުގެ 2-3 ދުވަސް ކުރިން ޕީޕީއެމް އަދި ޕީއެންސީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު ދެއްކެވި ކަމަށާއި، އޭރުވެސް ޖަލުގައި އޮންނެވުމާއެކު ނޯޓެއް ފޮނުވާ އެކަން ކުރުމަށް އެންގި ކަމަށެވެ. އެ ނޯޓުގައި، އެމަނިކުފާނަށް ސްޕްރީމް ކޯޓުން ހުކުމެއް އަންނަ އިރު ދެޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވައިގެން ކެންޑިޑޭޓަކު ނަގާނެ މުހުލަތު ނުލިބިދާނެ ކަމަށާއި އެހެން ކަމުން ޕީޕީއެމް އިން ޕީއެންސީއަށް ދާން ބޭނުންވާ މީހަކު ގޮސް ކެންޑިޑޭޓަކު ހޮވުމަށް އެންގެވި ކަމަށެވެ. އަދި އެބަގުތު ޕީޕީއެމް އިން ކެންޑިޑޭޓަކު ނުދެއްކީ، އެކަން އެގޮތަށް ކޮށްފި ނަމަ އޭނާގެ މައްޗަށް ހުކުމެއް ކުރަން ސްޕްރޯމް ކޯޓަށް މާބޮޑަށް ފަސޭހަވެގެން ދާނެތީ ކަމަށް ވިދާޅުވިއެވެ.

އެއާއެކު ދެން ވިދާޅުވީ، އެއީ ދުރަށް ވިސްނައި ވަޑައިގެން އެޅުއްވި ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން އެއްގޮތަކަށް ވެސް ޕާޓީ [ޕީޕީއެމް" މަގުމަތި ނުވާ ކަމަށެވެ.

މި ވާހަކަފުޅަށް އަދުރޭ ރައްދު ދެއްވި ތާރީހު ތަކަކާއެކުގައެވެ. ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރަށްވަން އީސީއަށް ފޯމް ހުށަހެޅުއްވީ އޮގަސްޓް 7، 2023 ގައި ކަމަށެވެ. އެއީ ރައީސް ޔާމީން ސޮއި ކުރައްވާ، އިންތިހާބު ބޮއިކޮތް ކުރަން އެންގެވިތާ 1 ދުވަސް ފަސް ކަމަށެވެ.

"އެ މަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު 2 ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިހާބް ބޮއިކަޓް ކުރަން އެންގެވީ އޮގަސްޓް 6، 2023 ގައި، ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރީވެސް އޮގަސްޓް 6، 2023ގައި. "

އެހެން ކަމުން އެމަނިކުފާނަށް [ޔާމީނަށް] އިންތިހާބުގައި ވާދަ ނުކުރެއްވުނީމައި ބޮއިކޮޓް ކުރަން އެންގެވި އެންގެވުމަކީ ޕީޕީއެމް އާއި ޕީއެންސީ މަގުމަތި ކޮށްލުމަށް އެންގެވި އެންގެވުމެއް ކަމަށް އަދުރޭ ވިދާޅުވެއެވެ.

"ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިހުލާސްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިހުބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ؟ ޕީޕީއެމް އަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ؟ މި ހަގީގަތްތައް މިހެން ހުރީމަ މަގުމަތިކުރަން އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިގައި ދިޔަގޮތް އޮޅުން ފިލުވައި ދިނުމަށްޓަކައި."

ބޮއިކޮޓް މައްސަލައިގައި ވެސް ޔާމީން ވަނީ ރޭ ޖަވާބު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ބޮއިކޮޓް ވާހަކަ އަކީ ލީޑާޝިޕަށް ދޫކޮށްލި ހިޔާލެއް ކަމަށާއި އެކަން އެގޮތަށް ކުރެއްވީ، އެތައް ރެއަކު އެތައް ތަނެއްގައި "ރައީސް ޔާމީނަށް ބައިވެރިނުވެވޭ އިންތިހާބެއް ބޮއިކޮޓް ކުރާނެ ކަމަށް" ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ގޮވަމުން ގެންދަވާތީ ކަމަށެވެ. ނަމަވެސް ސާފުވެގެން ދިޔަ ކަމަކީ ލީޑާޝިޕުން އޭރުވެސް އެހެން ގޮވަމުން ދިޔައީ އިހުލާސްތެރި ނިޔަތެއްގައި ނޫން ކަމަށާއި ލީޑާޝިޕުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ކުރިއަށް ދާން ކަމަށެވެ.