އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަނޭޝަނަލް ގެ ޕާޓްނަޝިޕާއެކު، އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

މަނީގްރާމް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏަކަށްވާއިރު މިއަދު ފެށިގެން މިދިޔަ ހިދުމަތާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުން، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެ ކަމަށް އުރީދުއިން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށްވެސް ފޮނުވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ހިދުމަތް ލިބޭނީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމަށް ރިއާޔަތް ކޮށްފައެވެ.

މި ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު ހާލިދް އަލް ހަމާދީ ވިދާޅުވީ ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމަށާއި މި ޑިޖިޓަލް ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މި ހިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ އުރީދޫގެ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އެންމެ ރަނގަޅަށް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ހާލިދް އަލް ހަމާދީ ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް، އެމް-ފައިސާގެ ހިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ކަސްޓަމަރުންނަށް އީޖާދީ މާލީ ހިދުމަތްތައް ފޯރުކޮށްދީ ދިވެހިރާއްޖޭގެ ލިބެމުންދާ ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރު ފުރިހަމަ ކަމާއެކު ދިވެހީންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި އުރީދޫ ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.