ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފ. މަގޫދޫގައި ފެށީ އެއާޕޯޓްގެ ބިޔަ މަޝްރޫއު ހުއްތާލާފައި އޮތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ނިކުމެ އިހިތިޖާޖު ކުރާތާ 3 ދުވަސް ވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، މިހާރު އެ ރަށުގައި ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރާތާ ތިން ދުވަސް ވެފައިވާ ކަމަށާއި މި އިހްތިޖާޖުގައި ރަށުގެ ބޮޑެތި އެންމެން ބައިވެރިވާ ކަމަށެވެ. އިހްތިޖާޖުގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށުގައި މިދިޔަ ސަރުކާރުން ފަށާފައިވާ އެއާޕޯޓްގެ މަޝްރޫއު މި ސަރުކާރުން މަޑު ޖައްސާލާފައި އޮތް އޮތުމާއި އެ މަސައްކަތް މަޑު ޖައްސާލަން ޖެހުނު ސަބަބު އެއްވެސް ރަސްމީ ފަރާތަކުން ހާމަ ނުކުރުން ކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަސައްކަތް މަޑު ޖައްސާލާފައި އޮތުމަށް ފަހު އެ ރަށާ ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދުރުގައި އޮންނަ ފ. ނިލަންދޫގައި އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައިވާ ކަން އިއުލާން ކުރުމަކީ ވެސް އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް ހުއްޓާފައި ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށަން މި ސަރުކާރުން ނިންމި ނިންމުމަކީ ނުފޫޒުގެ ބޭނުން ކޮށްގެން ކުރާ ކަމެއް ކަމަށް އިހުތިޖާޖުގެ ބައިވެރިން ސިފަކުރެއެވެ.
ކުރިއަށް އޮތްތަނުގައި ވެސް މި އިހްތިޖާޖުތައް ނުހުއްޓި ކުރިއަށް ގެންދާނެ ކަމަށާއި އިހުތިޖާޖު ނިމުމަކަށް ގެނެވޭނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ވެގެން ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ.
މިއަދު މަގޫދޫގައި ކުރިއަށް ދިޔަ އިހުތިޖާޖުގައި ފައިމަގުގައި ހިންގާފައި އެއްބަޔަކު ބައިވެރިވި އިރު އަނެއްބަޔަކު ވަނީ ސައިކަލުގައި ވެސް ގިނަ އަދަދެއްގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދިޔައީ އެއާޕޯޓުގެ މަސައްކަތް އަލުން ފެށުމަށާއި ރަށްރަށުގެ މެދުގައި ތަފާތުކުރުން ނައްތާލާށެވެ.