ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ރަންވޭގައި އޭބީސީ އެޅުމުގެ އިތުރުން ޓާމިނަލް ބިލްޑިން އިމާރާތް ކުރުމުގެ 53 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެމްޓީސީސީ އިން އިތުރަށް ބުނީ ފަޔާ ބިލްޑިން އިމާރާތް ކުރުމުގެ 24 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މަގޫދޫގައި އެއާޕޯޓު އެޅުމަަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫގެ ދަށުން އެއާޕޯޓު އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ރަށުގެ ތަރައްގީ އަށާއި އެހެނިހެން ބޭނުންތަކަށް އިތުރު 17 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫގެ ދަށުން 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާ، ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުމާ، ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.