ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލީ ސިޔާސީ ބޭނުމުގަ ކަމަށާއި މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުންކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާ، ފ. ނިލަންދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމީ އެ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގެ ސިޔާސީ ބޭނުމުގައި ކަމަށެވެ. އަދި މި މަސައްކަތް ހުއްޓާލިއިރު، މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓް ނިމިފައިވާކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
އެމްޑީޕީ އިން އިތުރަށް ބުނީ އެފަދަ މަޝްރޫއުތައް ހުއްޓުވުމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަަށް ބޮޑަށް ގެއްލޭނެ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕެއިން ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ކަންކަން ނިންމަވަނީ ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ އެންމެ ބޮޑަށް ލިބޭނެ ގޮތަކީ ކޮބައިތޯ ބައްލަވާފައި ކަމަށާ ސަރުކާރުގެ މަޝްރޫތައް ކުރިއަށްގެންދަނީ ގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ.
އަދި ރައީސް މުއިއްޒުގެ ކޮއްކޮ ސައުދާއަށް އިންތިހާބު ކާމިޔާބުކޮށްދޭން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ކުރި ތުހުމަތުތައް ހީނާ ވަނީ ދޮގުކުރައްވާފައެވެ. އަދި ހީނާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ކަމަށެވެ.
މަގޫދޫ އެއާޕޯޓު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓްގައި އަދިވެސް ހިމެނޭ ކަމަށެވެ.