މާލެ ހިތަށްފިނިވާމަގުގައި ހުންނަ ތަގްވާ މިސްކިތުގެ ފަންކާތައް ނަގާ މައްސަލަ ބޮޑެވެ، ފުލުހަށް ހުށަހަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ތިން ރެއެއްގެ މަތިން ތަގްވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށާއި އަދި މިހާރު އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ފަންކާ ނަގާ މަންޒަރު ހިމެނޭ ސީސީޓީވީ ފޫޓޭޖްވެސް ކައުންސިލުން ހިއްސާކޮށްފައިވާއިރު ތަގްވާ މިސްކިތުގައި ބަހައްޓާފައި ހުންނަނީ ސްޓޭންޑް ފަންކާއެވެ. އަދި އެ ފަންކާ ނަގައިގެން މިސްކިތުން ނިކުންނަ މަންޒަރު ސާފުކޮށް ފެނެއެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުންވެސް މާލޭގައި ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރަކާއި އެ މިސްކިތުގައި ހުރި 2 ފެންކާވެސް ވަގަށް ނަގާފައެވެ.

އަދި ހަމައެހެންމެ މާލެ އިންޑަސްޓްރިއަލް ޒޯންގައި ޕާކްކޮށްފައި ހުންނަ ޕިކަޕްތަކުގެ ބެޓެރިއާއި ޑީސަލް ފަދަ ތަކެތި ވަަގަށް ނަގާކަމުގެ ޝަކުވާވެސް ދަނީ އިތުރުވަމުންނެވެ. ކޮންމެ ރަމަޟޯން މަހަކީވެސް އާދަޔާ ހިލާފަށް ވައްކަން އިތުރުވަމުންދާ މަހެއްކަމުން ފުލުހުން ވެސް ދަނީ އެކަން ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައެވެ.

އެގޮތުން ގެއިން ބޭރަށްދާނަމަ ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމާއި ބޭރަށް ކުޑަދޮރެއް ނުވަތަ ފަސޭހައިން ވަދެވޭނެ ޖާގައެއް ހުރި ނަމަ ސަލާމަތީ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ގޭގައި ގެންގުޅޭ އަގުބޮޑެތި ސާމާނުތައް ވަގުންނަށް ނުނެގޭނެ ފަދަ ގޮތަކަށް ރައްކާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.