ފ. މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓު މަސައްކަތް ހުއްޓިފައި އޮތުމުން އެ ރަށު ރައްޔިތުން ނުކުމެ ސުލްހަވެރި އިހުތިޖާޖް ކޮށްފިއެވެ.
އެކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ރަށުގައި ގާއިމު ކުރަމުންދާ އެއާޕޯޓު މަސައްކަތް މިހާރު ހުއްޓިފައި އޮންނަތާ 4 ވަރަކަށް ދުވަސް ވެފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ރަށުގެ ހުރިހާ ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ އެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް މިހާ ބޮޑަށް ނިމިފައިވީ ނަމަވެސް އެކަން ހުއްޓުވީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ވަހީދު ވިދާޅުވީ މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި މި މައްސަލައަށް ސަރުކާރުން އެކަށީގެންވާ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެމްޓީސީސީން އެރަށަށް ގެންގޮސްފައި ހުރި ވެހިކަލްތައް ގެންދިއުމަށް ރައްޔިތުން ދެކޮޅު ހަދާ ކަމަށާއި އެއާޕޯޓުގެ މަސައްކަތް ނުނިންމާ އެ ރަށުން އެ ތަކެތި ނުގެންދެވޭނެ ކަމަށް ވަހީދުވެސް ވިދާޅުވިއެވެ.
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ރަށުގެ އެއާޕޯޓު މަސައްކަތް މަޑުޖައްސާލާފައި ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ސައުދާއަށް ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެ ރަށުގެ ރައްޔިތުންގެ ބަޔަކު އެދިގެން ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިގަކުރެއެވެ.
231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެ އެއާޕޯޓުގައި އިމާރާތްކުރާ ފަޔާ ބިލްޑިންގެ މަސައްކަތްތައް ވަނީ ނިންމާފައެވެ. ފަސިންޖަރުންގެ ޓާމިނަލްގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތާއި، ޖެޓުތައް ޕާކުކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަސައްކަތް ހުއްޓުވާފައި ވާއިރު ނިލަންދޫގައި އެއާޕޯޓް ހަދަން ބިން ހިއްކަން އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފައެވެ.