މި ރަމަޟާން މަހުގެ ފަހު ދިހަ ދުވަހު ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނިކުންނަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި ނިކުންނަ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާއެއްގައިވާ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގެ އިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އެކަންޏެވެ.

އެ ސާކިއުލާގައިވާ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހަ ދުވަހު މަސައްކަތަށް ނިކުންނަ ސަރުކާރު މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އިނާޔަތް ލިބޭ މުވައްޒަފުންނަކީ:

  • ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުންދާ އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އިނާޔަތް ދެމުން ގެންދިއުން، އެގޮތަށް އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް
  • ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަން ބަލައިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދިނުން

މީގެ ތެރެއިން ޕޭ ފްރޭމްވޯކް ބަދަލުވެފައިވާ މުވައްޒަފުންނަށް އެ ދުވަސްތަކުގައި އިތުރު ގަޑީގެ ފައިސާ ދިނުމަށްޓަކައި ޕޭ ފްރޭމްވޯކްގައި ހިމަނާފައިވާ މިންގަނޑުތަކަށް އަމަލުކޮށް އެ އުސޫލުތަކާ އެއްގޮތަށް އިނާޔަތް ދިނުމަށް ވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އަންގާފައިވެއެވެ. އެ މިންގަނޑުތަކަކީ:

  • އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު
  • ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު

ހަމަ އެއާއެކު މި ސާކިއުލާގައިވާ ގޮތުން، އާންމު ހާލަތުގައި ހަފްތާގެ ތެރޭގައި މަސައްކަތްކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ފަހު ދިހައިގެ ދުވަސްތަކުގައި ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭން ވެސް ރައީސް ވަނީ ނިންމަވައިފައެވެ.