ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި، އިސްތިހާރު ބޯޑުތައް ބަހައްޓަމުން ދިއުމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަންގައި މިވަގުތު ޖަހާފައިވާ ބޯޑުތައް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން އެ ކޭބަލް ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން، ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވެ، މިކަންކަން ބައްލަވައި ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ ކޭބަލް ވިއުގައިގެ މަތީގައި އިސްތިހާރު ބޯޑު ޖެހުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނައަށް ވެސް ނުރައްކާތެރި ކަމެއް ކަމުގައި ފަހުމީ ފާހަގަ ކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަަދިި އެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުއްޓުމެއް ނެތި ކުރަމުންގެންދާ ބައެއް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަަފުން މެދުނުކެނޑި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަކީ ފަހުމީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޕޯސްޓަރު ހަރުކުރަން އިންޓަކަނެކްޝަން ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަގަނޑު ޖަހައިގެން ލިބޭ ގެއްލުމަށް ދައުވާކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެ ކޭބަލްތަކުގެ މައްޗަށް ދަގަނޑު ޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް މީގެ ކުރިން ވެސް ސްޓެލްކޯއިން ވަނީ ގޮވާލާފައެވެ.