މާލޭގައި ދެމުންދާ ޕާސްޕޯޓުގެ ހިދުމަތް އަތޮޅުތަކަށް ފުޅާކުރަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

އިމިގްރޭޝަނާއި ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރަށްރަށުގައި ދިރިއުޅެމުންދާ އާންމުން ޕާސްޕޯޓު ހެދުމަށްޓަކައި ހުށަހަޅަމުންދާ ކަމަށާއި، އާންމުންނަށް ހިދުމަތްތައް ފަސޭހަވެފައި އޮންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން އަތޮޅު ކައުންސިލުތަކާއި ސިޓީތަކުގައި ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، މި ނިންމުން ތަންފީޒުކުރުމަށްޓަކައި އެކަމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމަށާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށާއި ސިޓީތަކުގައި ޕާސްޕޯޓުގެ ހިދުމަތް ދެވޭނެ ސެޓަޕް ހެދުން ފަދަ މަސައްކަތްކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކާއި ސިޓީތަކަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމުން އާންމުންގެ ޖީބުތައް ލުއިވެ ވަގުތުތަށް ސަލާމަތްވެގެން ދާނެއެވެ.

މިހާރު ވެސް މަހެއްގެ މައްޗަށް އެވަރެޖްކޮށް 1،200 މީހުން ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް މާލެ އަންނަ ކަމަށާއި، އޭގެ ތެރެއިން ކޮންމެ މީހެއްގެ އަތުން 5،000 ރުފިޔާ އާއި 6،000 ރުފިޔާ ހަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އަހަރަކަށް ބަލާ ނަމަ 7.7 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ އަތޮޅުތަކާއި ސިޓީތަކަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރެވުމުން މި ހަރަދުތައް ކުޑަވެ، އެ މީހަކު ހުރި އަތޮޅަކުން ޕާސްޕޯޓު އަވަހަށް ލިބޭނެ ކަމަށެވެ.