ލޯނު ދެއްކުމަށް 2015 ވަނަ އަހަރު ތައާރަފު ކުރި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލްގެ ވޯޓު މަޖިލިހުގެ ރިޔާސަތުން ނެގީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ޕާލަމެންޓަރީ ގުރޫޕުން ތުހުމަތުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި، އެ ބިލް ބޭރުކޮށްލާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ދެ މެންބަރުންގެ ވޯޓު އެކެއް އެކަކުން އެއްވަރުވެގެންނެވެ.

ބިލް ބޭރުކޮށްލުމުން އެކަމާ ހިތްހަމަނުޖެހި ބިލުގައި ކަންތައް ހިނގައިދިޔަ ގޮތް ހާމަކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީން ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ބިލަށް ވޯޓަށް އެހި ވަގުތަކީ އެންޓި-ޑިފެކްޝަން ބިލް ބަލައިގަނެ ފޮނުވަން އުފެއްދި ހާއްސަ ކޮމިޓީއާ މެދު ހިތްހަމަނުޖެހި، ސަރުކާރުގެ މެންބަރުން މަޖިލީހުގެ ކޯރަމް ގެއްލުވައިލި ވަގުތު ކަމަށެވެ. އެ ވަގުތު ތިބީ އެ ކޮމިޓީއާ މެދު ޕީޖީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް ކުޑަދޮށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވި ގޮތުގައި މަޖިލީހުގެ 25 ޕަސެންޓު މެންބަރުން މަދުވެގެން ހާޒިރުވެވަޑައިގެން ވޯޓުލާ ގޮތަށް ގާނޫނުގައި ވަނިކޮށް މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް އެންމެ 2 މެންބަރުން ވޯޓު ދޭން ތިއްބާ އެ ވޯޓު ނެގުމަކީވެސް ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

އަދި މީގެ ކުރިން ވޯޓަށް އެހުމުގެ ކުރިން ބެލް ޖަހާކަން ފާހަގަ ކުރައްވާ ސިރާޖް ވިދާޅުވީ އެދުވަހު ބެލްވެސް ނުޖަހާ ކަމަށެވެ. އަދި ހަމައެހެންމެ އާންމު އުސޫލުންނަމަ ވަޓްސްއެޕް ގުރޫޕުގައިވެސް އެފަދައިން އަންގާފައި ނުވާކަމަށް މައިނޯރިޓީ ލީޑަރު ސިރާޖް ވިދާޅުވިއެވެ. އަދި ކޯރަމެއް ނެތި އެފަދައިން ބިލު ބޭރުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވަމުން ސިރާޖް އިތުރަށް ވިދާޅުވީ ވޯޓަށް އެހިކަން އެނގުނު ނަމަ، މިފަދަ މުހިންމު ބިލެއްގެ ވޯޓުގައި ސަރުކާރު މެންބަރުން ބައިވެރިވާނެ ކަމަށެވެ.

"އާންމު އުސޫލަކީ ކޯރަމް ގެއްލުނީމަވެސް ވޯޓު ރަނގަބީލު ޖަހާފާ މަޖިލިސް ގުރޫޕުގައި މަޖިލިސް އޮންނާނެ ވާޙަކަ ދަންނަވާފަ ކުރިޔަށް ދާނީ، އެހެންނަމަވެސް ފަނަރަ ވަރަކަށް ވިއްސައްކަށް މިނެޓް ފަހުން ވޯޓަށް އަހާ ނިންމާލީ އަޅުގަނޑުމެންނަށް މަޖިލިސް އޮތް ކަމެއް ނާނގާ." ސިރާޖު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ގިނަ މެންބަރުން މިކަމާ ނުރުހުންފާޅޫކޮށް ވާހަކަ ދައްކާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ އެމްޑީޕީން އެފަދަ ކަމެއް ހިންގާފައިވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން މަކަރުވެރިަކަމާއެކު ކަމަށެވެ. އަދި މިއީ ބޮޑު ގައުމީ މައްސަލައެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވީ ވޯޓަށް އަހާފައިވަނީ އެކަމާ ގުޅޭ ހުރިހާ އިޖުރާއަތަކަށް އަމަލުކޮށް، ވޯޓު ނަގާކަން މެންބަރުންނަށް ކުރިއާލައި އަންގާފައި ކަމަށެވެ.