ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ (ވީބީ ހަސަން) އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމްކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އޭނާއަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި މިވަނީ ހަސަން ޝިޔާމް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައެވެ.
ޝިޔާމްގެ ކެންޑިޑެންސީ ބާތިލް ކުރަން ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު، ހ. ކްއީން، އިލްޔާސް އަހުމަދުއެވެ. އިލްޔާސް ހުށަހެޅި މި ދައުވާގައި އިތުރަށް ބުނެފައި ވަނީ ޝިޔާމްގެ ސާބިތު ދަރަންޏެއް އޮތުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަ ނުވާނެ ސަބަބެއް ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ޝިޔާމްގެ މައްޗަށް އޮތް ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިސޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނަކާއި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެެކެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުން، އެ ދަރަނި ދައްކައި ހަލާސްކުރަން ހުކުމްކޮށްފައި ނަމަވެސް އެ ލޯނު އަދާކޮށްފައި ނުވެއެވެ.
އަދި ރަހުނުކުރި ދެ ރިސޯޓު ވިއްކާލުމުން ލޯނަށް ގެރެންޓީ ދިން މީހުން އިތުރަށް އަދާކުރަންޖެހޭ ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް ޝިޔާމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ. އެ މައްސަލައިގައި ހައިކޯޓުން ދާދިފަހުންވެސް ހުކުމްކޮށްފަިއ ވަނީ ސިވިލް ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.