އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މިޔަންމާގެ ރާޙީން ސްޓޭޓްގައި ދިރިއުޅެމުންދާ ރޮހިންޖާ ރައްޔިތުންނަށް ކާބޯތަކެތީގެ 300 ޕެކޭޖު ފޯރުކޮށްދީފިއެވެ.

އައިއޭސީ އިން ބުނީ އެއްމަސްދުވަހަށް ފުދޭވަރަށް ހެދިފައިވާ މި ޕެކޭޖުތަކަކީ، އެ ގައުމެއްގެ ރައްޔިތުން އާންމުކޮށް ކައިބޮއި އުޅޭ އެންމެ ފެންވަރު ރަނގަޅު ތަކެތި ހިމަނައިގެން ހެދިފައިވާ ޕެކޭޖުތަކެއް ކަމަށެވެ.

ދިވެހިންގެ އެހީ އާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އައިއޭސީ އިން ބުނީ 28 ގައުމަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ލޯތްބާއިއެކު ކެމްޕޭނުގެ ދަށުން އެހީފޯރުކޮށްދިނުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާކަމަށެވެ.

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.

އައިއޭސީ އިން ވަނީ މި ރަމަޟާން މަހު ގާޒާގެ އެކި ހިސާބުތަކުގައި އުޅޭ ރައްޔިތުންނަށްވެސް ދިވެހީންގެ އެހީގައި އިފްތާރް ޕެކޭޖްތައް ފޯރުކޮށްދީފައެވެ. މީގެ އިތުރުން އައިއޭސީ އިން ވަނީ ގާޒާ އެމަޖެންސީ ރިލީފް އަށް އަދިވެސް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ އަދި ގާޒާއަށް ވެދެވެން ހުރި، ހުރިހާ އެހީއެއް ވަމުން އަންނަކަމަށެވެ.