ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނިމިކް މިނިސްޓާ ފައްޔާޒު އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ އޭނާއަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ކޮށްފަ ނޯންނާނެކަމަށާއި، މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން
ފައްޔާޒު އިސްމާއީލް

ފުލުހުން ފައްޔާޒަށް ފޮނުވި ޗިޓުގައި ވަނީ މާދަމާ މެންދުރުފަހު 3:00 ގައި ފުލުހަށް ހާޒިރުވާން އަންގާފައެވެ. ކޮވިޑްގެ ތެރޭގައި ޗެކު މެދުވެރިކޮށް ފައިސާ ނެގުން ދެތިވެ، ގެނެވުނު ބައެއް ބަދަލުތަކުގެ ތެރޭގައި އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ފައިސާ ދައުރުކުރުވާފައިވާ މައްސަލައެއް ފުލުހުން ވަނީ މީގެ ކުރިން ތަހުގީގުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ ކޮވިޑްގެ ހާލަތް ނިމިގެން ދިޔައިރުވެސް އުސޫލަށް ބަދަލު ނުގެނެސް އެ ފަރާތްތަކުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް އަދި ކުންފުނީގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކުގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްގެން މަކަރާ ހީލަތުން އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭކަމަށްވެސް ލޫތު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު 14، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.