ޗައިނާއިން ހަދިޔާ ކުރާ 1500 ޓަނުގެ ފެނުގެ ޝިޕްމެންޓު ރާއްޖެ ގެނެއްސިއެވެ.

މިއީ ޗައިނާގެ ޝީޒަންގް އޮޓޮނޮމަސް ރީޖަންގެ ފަރާތުން ދިވެހިރާއްޖެއަށް ހިލޭ ހަދިޔާ ކޮށްފައިވާ ޝިޕްމެންޓެކެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާގެ ޝީޒަންގް އޮޓޮނޮމަސް ރީޖަންގެ ޗެއާޕާސަން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ 1500 ޓަނުގެ ބޯފެން ރާއްޖެއަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާއިން ހަދިޔާ ކޮށްފައިވާ މި ފެނުގެ ޝިޕްމެންޓު ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ރާއްޖެއަކީ ފެން އުފައްދާ މާ ގިނަ ކުންފުނިތައް ހުރި ތަނެއް ނޫނެވެ. އަދި ހާއްސަކޮށް ރޯދަ މަހަަކީ ފެނުގެ ޑިމާންޑް އުފުލިގެން ދާ ދުވަސްވަރެއްކަމުން އެ މިފަދަ ދުވަސްވަރުގައި ފެން ލިބުމުގައި ބައެއް ފަހަރު ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ޗައިނާއިން ރާއްޖެއަށް ހިލޭ ބޯފެން ފޯރުކޮށްދީފައިވާއިރު، ޗައިނާގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޗައިނާ ސަރުކާރުން މާލޭގެ މަގުތަށް ހެދުމަށް ހިލޭ އެހީ ދޭން ނިންމާފައިވާ ކަމަށާއި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދީފައެވެ.