ދިވެހިރާއްޖޭގައި އަންހެނުންގެ ޑޮކްޓަރުންނާއި ވިހެއުމުގެ ކަންކަން ކަމަށް ހާއްސަ ނަރުހުން ތަމްރީނު ވެފައި ނެތް ދުވަސްވަރުގައި މީހުން ވިއްސުމުގެ މަސައްކަތް ކުރަމުން އައީ ހީވާގި ފޫޅުމައިންނެވެ. މާބޮޑު ތަމްރީނަކީ ތައުލީމެއް ލިބިފައި ނެތް ނަމަވެސް އެ މީހުން އެ މަސައްކަތް ކުރަމުން އައީ ކުރާ ހިތުންނެވެ. ބުރަ މަސައްކަތެއް ނަމަވެސް ފުރިހަމަ އޯގާތެރި ކަމާއި އަޅާލުމާއެކުއެވެ.
ޑޮކްޓަރީ ބޭސްތައް ދިނުމާ ހިލާފަށް ފޫޅުމައިން ބޭނުން ކުރަމުން ދިޔައީ އަމިއްލައަށް އުފައްދާ ދިވެހި ބޭސްތަކެވެ. ވިހެއުމަށްފަހު، މައިމީހާއަށް އަދި ތުއްތު ދަރިފުޅުގެ ކަންކަން ވެސް ބެލެހެއްޓުމުގެ ޒިންމާ ނެގި ފޫޅުމައިން ވަނީ އަމިއްލަ ދަރިންނާ ދުރުގައި ވެސް އެތައް ވަގުތެއް ހޭދަކޮށްފައެވެ. މައިމީހާ އަދި ދަރިފުޅަށް ހޭހަން ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރާއިރު އެއީ ވަކި އުޖޫރައެއް ލިބޭ މަސައްކަތެއް ނޫނެވެ.
ފޫޅުމައެއްގެ ދިރިއުޅުމުގެ ވާހަކަތައް އަހާލައިފިނަމަ އެނގިގެން ދަނީ ސިއްހީ ވަސީލަތްތައް މަދު ނަމަވެސް ލިބިފައިވާ މައުލޫމާތުގެ ބޭނުން ހިފައިގެން އެ މީހުންކޮށްފައިވާ މަސައްކަތަކީ އަގު ވަޒަން ނުކުރެވޭނެފަދަ ހިދުމަތްތަކެއް ކަމެވެ. ވިހެއުމަށްފަހު ވެސް ފޫޅުމައިމީހާގެ ދައުރު ނިމިގެން ނުދާއިރު، ދަރިފުޅާއި މައިމީހާގެ ހާލު ބެލުމަށް އަދި ބޭސް ތައްޔާރު ކުރުމަށް ކޮންމެ ދުވަހަކު އެ ގެއަކަށް ޒިޔާރަތް ކުރާ ކަމެވެ.
ހއ. ބާރަށު އައިޝަތު އިބްރާހީމްގެ ވާހަކަތަކުން ވެސް އެނގިގެން ދިޔައީ ފޫޅުމައިންގެ ހިތްވަރު ގަދަކަމެވެ. މީހާރު އުމުރުން 66 އަހަރުގެ އައިޝަތު ފުރަތަމަ މީހަކު ވިއްސާފައި ވަނީ އޭނާގެ އުމުރުން އެންމެ 21 އަހަރުގައެވެ. އޭނާ ބުނި ގޮތުގައި ފޫޅުމައެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އެ ރަށު އާއިލާ އެހީތެރިޔާ އައިސް ބުނި ބުނުމަކަށް ހއ. ހޯރަފުއްޓަށް ގޮސް ފޫޅުމާ ކޯސް ފުރިހަމަ ކުރުމަށްފަހުގައެވެ.
އަމިއްލަ ދަރިންނާ ދުރުގައި މާބަނޑު މީހާ ބަނޑުގައި ރިއްސަން ފެށީއްސުރެ ވިހަންދެން
500އަށްވުރެ ގިނަ ކުދިން ވިއްސާފައިވާ އައިޝަތު ބުނީ މާބަނޑު މީހާ ބަނޑުގައި ރިއްސާ ވާހަކަ ބުނުމުން އެގެއަކަށް ގޮސް އޭނާ ވިހަންދެން ހުންނަނީ އެ ގޭގައި ކަމަށެވެ. އެކަމަށް 3 ރޭ 3 ދުވާ ނުވަތަ 5 ރޭ 5 ދުވާ ހޭދަވީ ނަމަވެސް މެއެވެ. އަދި ވިހެއުމަށްފަހު، 5 ދުވަސް ވަންދެން ދެއިރު ދެ ދަޅައަށް އެ ގެއަކަށް ޒިޔާރަތް ކުރާ ކަމަށެވެ.
އެގޮތުން މައިމީހާއަށް ޒިޔާރަތް ކުރާއިރު އެއީ ހަމައެކަނި ދެމަފިރިން ދިރިއުޅޭ ގޭއެއްނަމަ، ވަލުތެރެއިން ފަތް ގެންގޮސް ފަތް ކައްކައި ފައި މޮޑެދީ ހަދަނީ ވެސް އައިޝަތުއެވެ. ތެޔޮ ހާނާ ކުޑަކުއްޖާ ފެންވަރުވާ ހޫނުކުރުމުގެ މަސައްކަތް ވެސް އެފަދަ ގޭގޭގައި ކުރާއިރު ދެމައިންގެ ލާ އަންނައުނު ވެސް ދޮވެ ސާފުކޮށް ބޭސްދީ ހަދަނީ ވެސް ހަމަ އައިޝަތުއެވެ. ކުޑަ ކުއްޖާގެ ނެޕީ އަދި މައިމީހާ ޕެޑް ބޭނުން ނުކުރާ އެ ޒަމާނުގައި އެ ހުރިހާ އެއްޗެއް ދޮވެ ބޭސްދީ ކަންކަން ކުރުމުގައި ކޮންމެ ގެއެއްގައި ވެސް 2 ގަޑިއިރެއްހާއިރު އޭނާ ހޭދަ ކުރެއެވެ.
ފޫޅުމާ ކަމަކީ އޭރު މުސާރައެއް ދީގެން ކުރި މަސައްކަތަކަށް ނުވާއިރު ވަގުތީ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ ހަމަޖެހިގެން ދިޔައީ 1992 ވަނަ އަހަރުކަން އައިޝަތު ފާހަގަ ކުރެއެވެ. މި ބަދަލާއެކު ވެސް ކުރިއެކޭ އެއްގޮތަށް އޭނާ އައީ ހުރިހާ ގެއަކަށް ޒިޔާރަތް ކުރަމުންނެވެ. ވަކި ގެއެއް ވަކި މީހެއް ތަފާތު ކުރުމެއް ނެތިއެވެ.
އަމިއްލަ ކިރު ބޯ ޅަ ކުދިން ދޫކޮށްލައިފައި ވެސް ގޭގެއަށް ގޮސް އައިޝަތު ވަނީ މީހުން ވިއްސުމުގައި ހަރަކާތްތެރިވެފައެވެ. ބައެއް ގޭގޭގައި ތިން ދުވަސް ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަސް ހޭދަކުރާއިރު އޭނާ ބުނިގޮތުގައި އޭނާގެ އަމިއްލަ ދަރިން އެވަގުތަކު ހުންނަ ގެއަކަށް ގެނައުމުން ކިރު ދިނުމަށްފަހު އަނެއްކާ ވެސް އަނބުރާ ފޮނުވާލަނީއެވެ. ދަރިންކޮޅު ރަށުގައި ބޭތިއްބުމަށްފަހު، މާބަނޑު މީހުން ގޮވައިގެން އޭނާ ވަނީ ޖޫން ޖުލައިގެ ކަނޑުގަދަ ދުވަސްވަރު ކުޅުދުއްފުށި ސިޓީ އަދި ދިއްދޫ ހޮސްޕިޓަލަށް ވެސް ދަތުރުކޮށްފައެވެ.
ގިނަ ކުދިންތަކެއް ވިއްސިއިރު ނިޔާވެފައި ވަނީ 2 ކުދިން
ގިނަ އަދަދެއްގެ ކުދިންތަކެއް ވިއްސާފައިވާ އައިޝަތު ކިޔާދިން ގޮތުގައި އޭނާ ވަނީ އެކޮޅުކޮޅުން (ފައިކޮޅު ފުރަތަމަ) ވެސް އެތައް ކުދިންނެއް ވިއްސާފައެވެ. އެގޮތުން އެކަކުގެ އަލަތު ދަރިފުޅުން ފެށިގެން ފުރަތަމަ 4 ކުދިން ވެސް އެކޮޅުކޮޅުން ވިއްސި ކުދިން ކަމަށާއި ދަތި އުނދަގުލަކާ ނުލައި އެކޮޅުކޮޅުން އައި ކިތަންމެ ކުދިންނެއް ވިއްސާފައިވާނެކަން އޭނާ ފަހަގަކުރެއެވެ.
އެކޮޅުކޮޅުން އައި ކުދިންގެ ތެރެއިން 1 ކުއްޖަކު ނިޔާވިއިރު، އެ ކުއްޖާއަކީ ވިހެއުމުގެ ތެރޭގައި ފުރަތަމަ ފޫޅުދަނޑި އައި ކުއްޖެއް ކަމަށް އައިޝަތު ބުނެއެވެ. އޭނާ ކިޔާދިން ގޮތުގައި އެ ކުއްޖާ ވިހެއުމުގެ ތެރޭގައި ވޭން ވަރާ އެއްކޮށް ފޫޅު ދަނޑި އެއް ފޫޓެއްހާ، ދިގު މިނުގައި އައެވެ. އެއަށްފަހު، ކޯހުގައި ދަސްކޮށްދީފައިވާ ގޮތުގެ މަތިން މަޑުކޮށްލައިގެން އިންދާ ކުއްޖާގެ އެއް ފައިތިލަ ފެނުމާއެކު ދެން ކަންތައް ކުރުމަށް އިރުޝާދު ދީފައިވާ ގޮތަށް އޭނާ ކަންކުރީއެވެ. އެއާއެކު ކުއްޖާގެ ދެ ފައިތިލަ ބޭރަށް ނެރުމުން ކުއްޖާ ވިއްސި ކަމަށާއި ވިއްސިއިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް އޭނާ ބުނެއެވެ.
އޭގެއިތުރުން އޭނާ ވިއްސި ކުދިންގެ ތެރެއިން އިތުރު ކުއްޖަކު ނިޔާވިއެވެ. އެ ކުއްޖާއަކީ ވިހޭއިރު ވެސް ވިންދު ވަރަށް ދަށް ކުއްޖެއް ކަމަށާއި ވިހޭއިރު ކުއްޖާގެ ކަރުގައި ފޫޅުދަނޑި 2 ފަށުން އޮޅިފައިވާ ކަމަށް އައިޝަތު ބުނެއެެވެ. ދެން އިތުރު ކުއްޖެއް ވިއްސުމުގެ ތެރޭގައި ނިޔާވެފައެއް ނުވެއެވެ.
ވިހެއުމަށްފަހު ވެސް ފޫޅުމާގެ ދައުރު ބޮޑު
ކުއްޖާ ވިހެއުމަށްފަހު ވެސް މައިމީހާ ގަދަވަންދެން އެ ގޭގެއަށް ޒިޔާރަތްކޮށް ބޭސް ކުރުމުގައި އައިޝަތު މަސައްކަތް ކުރީ ފޫހިކަމެއް ނެތިއެވެ. ވިހައިގެން 3 ދުވަސް ހަމަވުމާއެކު ބޮޑު ބޭހެއް ދޭކަން އައިޝަތު ފާހަގަ ކުރެއެވެ. ހަމައެއާއެކު ދިވެހި ފެން ކުރައެއް ކައްކާ ވިހައިގެން އުޅޭ މައިމީހާ ގަދަވަންދެން އެ ފެން ކުރާ ބޯކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ބޭސް ހިލާ ކަމަށާއި އެ ނޫން ބޭހެއް ދެނީ މައިމީހާއަށް މައްސަލައެއް ކުރިމަތިވާނަމަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ކުނި ނުފޭބުމުގެ މައްސަލަ ދިމާވާނަމަ ވެސް އިތުރަށް ބޭސް ދޭ ކަމަށް އައިޝަތު ބުނެއެވެ.
މީގެ އިތުރުން އެ ދުވަސްވަރު 7 ދުވަސްވުމާއެކު މައިމީހާ މޫދަށް ދެއެވެ. އަދި އެކަމުގެ ސަބަބުން ވެސް ހަށިގަނޑު ސާފުވެ، ހަށިގަނޑަށް ބަދަލުތައް އާދެއެވެ. މޫދަށް އައިސް އެނދު ދަށަށް އަލިފާން ތެއްޔެއް ލުމަށްފަހު، އަލިފާން މަތީގައި މައިމީހާ އޮތުމުގެ އިތުރުން އަޅި ބޮޑިއެއް ހެދުމަށްގަހު ބަނޑުގައި އަޅިބޮޑި އެޅުމަކީ ވެސް އޭރުގައި ކޮށް އުޅުނު ކަމެކެވެ.
މިހާރުގެ މައިންނާ ހިލާފަށް އޭރުގެ މައިން ދިން ކޮންމެ ބޭހެއް، ފަހުން ލިބޭނެ ފައިސާއަށް ވިސްނާލުމަށްފަހު، ބޯކަން އައިޝަތު ފާހަގަ ކުރެއެވެ. މިހާރުގެ މައިންނާ އޭރުގެ މައިންގެ ބޮޑުތި ތަފާތުތައް ހުރިކަން ފާހަކޮށް އައިޝަތު ބުނީ މިހާރާއި އެހާރުގެ ކާތަކެތީގައި ހުރި ތަފާތު އެކަމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. އޭރުގައި މިހާރު ކެއުމަށް ބޭނުން ކުރާފަދަ ސަރުބީ ޖަހާ ކެއުމުގެ ބާވަތްތައް ބޭނުން ނުކުރާ ކަމަށް އޭނާ ބުނެއެވެ. ލޭގެ ޓެސްޓުތަކާއި އެއްޗެހި ހެދޭނެ ގޮތް ހަމަޖެހިފައި ނެތް އެ ޒަމާނުގައި ކަންތައްތައް ދެނެގަންނަނީ ލޮލުގެ ކުލަ، ދުލުގެ ކުލަ އަދި އިނގިލި ކުރިއަށް ފިތާލުމަށްފަހު ނިޔަފަތީގެ ކުލައަށް ބަލައިގެންކަން އޭނާ ފާހަގަ ކުރެއެވެ.
ފޫޅުމާކަމުން އެޓެންޑެންޓަކަށް
މޫސަރައެއް ނުލިބުނު ނަމަވެސް ގިނަ ބަޔަކަށް ހިދުމަތެއް ކޮށްދިނުމުގެ އުންމީދުގައި ފޫޅުމާކަން ކުރި އައިޝަތު ބުނި ގޮތުގައި ކުއްޖާ ވިހެއުމާ ގުޅިގެން ދޭ ފައިސާގައި އޭނާ ހިފައެވެ. ބައެއް ގޭގެއިން 10، 15 އަދި 25 ރުފިޔާ ދޭ ކަމަށާއި އެއް ގެއަކުން 100 ރުފިޔާ ދިންކަން އައިޝަތު ފާހަގަ ކުރެއެވެ. ވަޒީފާއެއް ހަމަނުޖެހޭހާއިރު އެގޮތަށް އުޅެމުން އައި ނަމަވެސް މީހުން ބަނޑުގައި ދެޔޮފަތް ލާން ދާ ދިއުމުގައި ގޭގެއިން ދޭ ހަދިޔާގައި ނުހިފާ ކަމަށް އޭނާ ބުނެއެވެ. އެފަދަ މަސައްކަތް އައިޝަތުކޮށްފައި ވަނީ އެއީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެންނެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޫޅުމާކަމުން ވަކި ކުރުމާއެކު ވެސް އައިޝަތު ބޭނުންވީ ސިއްހީ ދާއިރާއިން ހިދުމަތް ކުރުމަށެވެ. އެއާއެކު އޭރު ހެލްތް މިނިސްޓްރީއިން ދިން ފުރުސަތުގައި އޭނާ ވަނީ ރަށު ސިއްހީ މަރުކަޒުގެ އެޓެންޑެންޓެއްގެ މަގާމަށް ބަދަލުވެފައެވެ. މިއަދު ވެސް އޭނާ އަންނަނީ އެ ވަޒީފާ އަދާ ކުރަމުންނެވެ.
ފޫޅުމާކަމުން ވަކި ކުރުމަށްފަހު ވެސް ވިހެއުމުގެ ވަގުތު ކުޑަތަންވެ، ސިއްހީ މަރުކަޒަށް ނުގެންދެވޭފަދަ ހާލަތްތަކުގައި ގޭގައި މީހުން ވިއްސާފައިވާނެ ކަމަށް އައިޝަތު ބުނެއެވެ. ގޭގައި އެންމެ ފަހުން ކުއްޖަކު ވިއްސީ މީގެ 12 ވަރަކަށް އަހަރު ކުރިން ނަމަވެސް މިހާރުވެސް ބަނޑު ހާނާ ހެދުމަށް އޭނާގެ ކައިރިއަށް މީހުން އަންނަކަން އޭނާ ފާހަގަ ކުރެއެވެ.
އައިޝަތުގެ އުންމީދަކީ އޭނާގެ ފަރާތުން ރައްޔިތުންގެ ބަޔަކަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އެ އުންމީދާއެކު ފޫޅުމައެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން އޭނާ ވަނީ އަންހެނުންގެ ކޮމެޓީގައި ވެސް ހަރަކާތްތެރިވެފައެވެ.