މާލޭގެ ގެއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި ލަމްހާ ނަސީރު ގިނަ އަދަދެއްގެ ޑްރަގާ އެކު ހައްޔަރު ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ލަމްހާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ ޑރަގްސް އާއި ރަލާ އެކު ލަމްހާ ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ އޭނާގެ ބަންދަށް 20 ޖަހާފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، ޑްރަގާއި ބަނގުރާ ފެނިފައިވާ ތަނަކީ ލަމްހާ ދިރިއުޅޭ ކޮޓަރި ކަަމަށް ހެއްކެއްގެ ބަޔާނުގައިވާ ކަަމށެވެ. އަދި ޑްރަގާއި އެ ތަކެތި ބަންދުކޮށް، ކިރުމަށް ބޭނުންކުރާ އާލާތްތަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހި ހުރި ފުޅިތަކެއް ވެސް އެ ކޮޓަރިން ފެނިފައިވާ ކަަމަށް އަމުރުގައިވެއެވެ.

އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 318 ގްރާމް ކެނެބިސް ހުރި ކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކައެވެ. އެއީ އިތުރު ބަޔަކާ ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށާއި އެ މައްސަލައިގައި އިތުރު މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

އެ ކޮޓަރިން ލަމްހާގެ ޕާސްޕޯޓް ފެނުނު ނަމަވެސް ލަމްހާ ވަނީ އެނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެއީ އޭނާގެ ބެލުމުގެ ދަށުގައިވާ ތަކެއްޗެއް ނޫން ކަމަށާއި ފެނުނު ޑްރަގުން އޭނާގެ ފިންގާ ޕްރިންޓް ނުފެންނަ ކަމަށް ބުނެފައި ވާއިރު އެ ކޮޓަރީގައި އޭނާ ދިރިއުޅޭ ކަމަށް ވެސް ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ލަމްހާ ހައްޔަރުކޮށް އޭނާގެ ކުޑަކުމުދާތަކެތި ނަގައިގެން ހެދި ރިޕޯޓުން ޑްރަގަށް އޭނާ ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލަމްހާ އަކީ މި ބާވަތުގެ ހައްޔަރާއި ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ޑިސެމްބަރު 22، 2022 ގައި، އެއްބަނޑުއެއްބަފާ ބޭބެގެ ބޮލަށް ވަޅި ހެރި މައްސަލައިގައި ލަމްހާ ހައްޔަރުކޮށްފައި ވާ އިރު، އެ ފަހަރު ވެސް އޭނާ ހުރީ މަސްތު ހާލަތުގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.