ޑްރޯންއަކީ ގެނައީ ދައުލަތުގެ ހަރަދާއި ހިލޭ އެހީއިން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު މެދު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ހަސަން ވިދާޅުވީ ޑްރޯންތައް ހޯދާފައިވަނީ ދައުލަތުގެ ބަޖެޓުން ކިހާ ފައިސާއެއް ހަރަދުކޮށްގެންތޯއާއި އެއިން ޑްރޯންއެއްގެ އަގަކީ ކޮބައިތޯ އަދި ޑިޕްލޮމެސީގެ ތެރެއިން އަވަށްޓެރި ގައުމުތަކާއެކު ގޮތް ގުޅުން މިހާރަށްވުރެ ރަނގަޅު ކުރެވިއްޖެނަމަ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރިއްޔާއިން ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދު ކުޑަކޮށް އަސާސީ ހިދުމަތްތަކުން އެ ޓެކްސް ފައިސާ ބޭނުންކުރަން ވަޒީރުގެ މަޝްވަރާއެއް ރައީސްއަށް ނުދެއްވާނަންތޯ ވެސސް ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ މަޖިލީހަށް ކަށަވަރުކޮށްދޭނީ ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަށް އެންމެ ފަހުން ހޯދިފައިވާ ޑްރޯންތައް ހޯދައިފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން އަދި ގަވާއިދުތަކުން ދެ ފުށް ފެންނަ ކަމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ހުންނާނެ ކަމަށެވެ. އަދި ބައްލަވަން ބޭނުންވާ ތަހުގީގީ އިދާރާތަކުން ބޭނުންވާނެ ނަމަ ބެލޭނެ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އެކަންކުރެވިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ނަމަވެސް އެއްވެސް ގައުމެއްގައި ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލު އެފަދަ ފޯރަމެއްގައި ހާމަކުރުމަކީ ކުރާކަމެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު މަޖިލީހުގައި އާންމުކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި 241 ކޮމިޓީގައި ސިއްރު ޖަލްސާއެއްގައި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން އިތުރަށް ވިދާޅުވީ ޔޫއައިވީތަކުގައި ދިވެހި ދައުލަތުންނާއި ހިލޭ އެހީ ހިމެނޭ ކަމަށެވެ.