ދ. ކުޑަހުވަދު އަށް އުފަން, އުމުރުން 16 އަހަރުގެ މުހައްމަދު ވިއާމް އިބްރާހީމް ފޮޓޯ ނަގާތާ 10 އަހަރުވީއެވެ. އޭނާގެ ބޭބެމެން ފޮޓޯ ނަގާތަން ފެނި އެކަމަށް ޝައުގު އުފެދުނު ވިއާމް އެކަން ކުރަން ފެށީ ހޮބީއެއްގެ ގޮތުގައެވެ. އޭގެ ވަކި ހިސާބަކުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ބަދަލުވީއެވެ.

'ދަ ޕްރެސް' އިން ގެނެސްދިން ސުނާމީ ރިޕޯޓުތަކުގެ ވީޑިއޯ އާއި އޯޑިއޯ ތައްޔާރުކުރީ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ސާނަވީ ތައުލީމް ފުރިހަމަކުރަމުންދާ ވިއާމެވެ. އޭނާގެ ފަރާތުން ފާހަގަކުރެވުނު އެއް ކަމަކީ މަސައްކަތަށް ދޭ އަހަންމިއްޔަތުގެ ބޮޑުކަމެވެ.

"ފެމެލީގެ ތެރެއިން, ބޭބެމެން އެކަން ކުރާތަން އަސްލު ފެންނާތީ އިންޓްރެސްޓް އުފެދިގެން ހިތަށް އެރީ ޓްރައި އެއް ކުރާނީ އޭ, ކިޔާފަ ދެން ހަމަ ފެށީ, ފަށައިގެން ކެމެރާއަކާ އެއްޗެހި ގަނެގެން،" މި ދާއިރާ އަށް ޝައުގުވެރިކަން އުފެދުނު ގޮތް ވިއާމް ކިޔައިދިނެވެ.

މުހައްމަދު ވިއާމް އިބްރާހީމް، ފޮޓޯ ނެގުމުގައި ހަރަކާތްތެރިވަނީ

އޭނާ ކިޔައިދިން ގޮތުގައި ފޮޓޯގްރަފީގެ އެކި ހުނަރުތައް ދަސްކުރީ ޔޫޓިއުބުން ވީޑިއޯތަކާއި ޓިއުޓޯރިއަލްތައް ބަލައިގެން އޭގެ އެހީގައި އަމިއްލަ އަށް ކަންކަން ހޯދައި ދިރާސާކޮށްގެން ކަމެވެ. އަދި ފޮޓޯ ނެގުމުގެ މަސައްކަތްކުރަނީ އެކަމަށް ދޭން ޖެހޭ ވަގުތު ދީގެން ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ކޮޅު ފޮޓޯ ނަގައިދޭން ވިއާމް ފެށީ އެއްވެސް އަގެއް ނުނަގާ ގޮތަށް ހިލޭ ސާބަހަށެވެ. އެކަމަކު އޭނާގެ މަސައްކަތަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު އާމްދަނީ ހޯދުމުގެ މަސައްކަތަކަށް ބަދަލުކޮށްލިއެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބޭ, ވަރަށް ސަޕޯޓިވް އެންމެން ވެސް މިހާރު,"

މުހައްމަދު ވިއާމް އިބްރާހީމް، (ފަހަތުން އެންމެ ކަނާތުފަޅި)، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ މީޑިއާ ކުދިންނާ އެކު / ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

އެކިއެކި ހަރަކާތްތަކާއި ހަފްލާތަކުގެ ފޮޓޯތައް ނަގައިދިނުމުގެ ހިދުމަތް ވިއާމް ފޯރުކޮށްދެނީ އުފަން އަތޮޅު ކަމަށްވާ ދ. އަތޮޅަށް އެކަންޏެއް ނޫނެވެ. އެގޮތުން އޭނާ ނިސްބަތްވާ ދ. އަތޮޅުގެ ހުޅުދެލި ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގެ ފޮޓޯ ނަގައިދިނުމުގެ އިތުރުން, މާލޭގައި ބާއްވާ ކައިވެނި ހަފްލާތަކުގައި ވެސް ވިއާމް ފޮޓޯ ނަގައިދީފައިވެއެވެ.

މިފަހުން، އޭނާ ނިސްބަތްވާ ދ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ މީޑިއާ ކްލަބުން ވަނީ އެ ސްކޫލްގެ ދަރިވަރުންގެ ސްޕޯޓްސް ފެސްޓިވަލްގެ ފައިނަލާއި ނިންމުމުގެ ރަސްމިއްޔާތުތައް ލައިވްކުރުމުގެ މަސައްކަތްތައް ކޮށްފައެވެ. މީގެ އިތުރުން އެ ސްކޫލްގެ ދަރިވަރުންގެ މަދަހަ މުބާރާތުގެ ވީޑިއޯ އާއި އޯޑިއޯގެ މަސައްކަތްތައް ވެސް ކުރީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ މީޑިއާ ކްލަބުންނެވެ. އެ ހުރިހާ މަސައްކަތެއްގައި ވެސް ވިއާމް ބައިވެރިވިއެވެ.

ވިއާމް---

ނަމަވެސް ފޮޓޯގެ ދުނިޔެއެއްގައި ކުލަ ޖަހަމުންދާ ވިއާމްގެ މުސްތަގްބަލު ބިނާކުރަން ނިންމާފައިވަނީ އެއާކްރާފްޓް އިންޖިނިއަރިންގެ ދާއިރާއިންނެވެ. ވިއާމް ބުނީ އެ ދާއިރާއިން ކުރިއަށް ދިޔަ ނަމަވެސް, ފޮޓޯ ނެގުމުގެ މަސައްކަތްތައް އެ ލިބޭ ހުސް ވަގުތުތަކުގައި ކުރަމުން ގެންދާނެ ކަމަށެވެ.

ހަމަ އެހެންމެ ރަށްޓެހި ކުއްޖަކާ ވާހަކަ ދައްކައިގެން އުފަން ރަށުގައި ފޮޓޯގެ ހިދުމަތް ދިނުމަށް ހާއްސަ ސްޓޫޑިއޯ އެއް ހުޅުވުމާ މެދު ވިސްނަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

”ފޮޓޯގްރަފީއަކީ ވަރަށް ޓެކްނިކަލް ކަމަކަށް ވާތީ އެކަމަށް ވަރަށް ހުސްވެގެން ހުރެ ކުރާށޭ ބުނާނީ, މީހުން ކިޔާ އެއްޗިއްސަށް ބަލާނުލާ އެ ކުއްޖަކު ކުރިއަށް ދާށޭ ބޭނުން ދާއިރާއަކުން,“ މިއީ ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ވިއާމް ދޭން ބޭނުންވާ މެސެޖެވެ.

”ވަރަށް ރަނގަޅު ކަމެއް މިއީ އަސްލު ކުރާހިތުން ކުރަންޏާ,“