ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ނަމަ އެ ކަމާ ބެހޭ އެންމެހާ މައުލޫމާތުތައް ހިއްސާކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓީން ބުނީ، އެސްއޯއީތަކުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކާ މައްސަލަތައް އެ ޕާޓީއަށް މިހާރުވެސް ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރަށް އެ ފަދަ ކަމެއް ދިމާވެފައިވާ ނަމަ އެމްޑީޕީގެ މި އީމެއިލް އަށް އެންމެހާ މައުލޫމާތާ އެކު ރިޕޯޓް ކުރުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

އަދި ވަޒީފާއިން ކަނޑާލައި ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން މިހެން ބުނެ އިތުރަށް ބުނެފައި ވަނީ ނުފޫޒު ބޭނުން ކޮށްގެން ގިނަ ކަންތައްތަކެއް ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ. އެ ގޮތުން މި ސަރުކާރު ވެރިކަމަށް އައިއިރު ހިނގަހިނގާ ހުރި އެތައް ޕްރޮޖެކްތްތަކެއް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ.

ނަމަވެސް ސަރުކާރުން އަންނަނީ އެމްޑީޕީން ކުރާ ތުހުމަތުތައް ދޮގު ކުރަމުންނެވެ.