"ހޫމް... ހިނގާ މީނި ސަލްމާން މިސްކިތް ކައިރީ މަޑުކޮށްލަން.... ބަސް އަންނަ ތަން ފެންނާނެ އެތާ ތިބޭ އިރު... ސޯ ވީ ކޭން ވެއިޓް..." އެދިމާއަށް އިޝާރާތް ކުރަމުން ކަޔާން ވާހަކަ ދެއްކިއެވެ.
އެ ހިޔާލަށް ތާއީދުކުރަމުން ދެމީހުން އެކީގައި އެ ދިމާއަށް ގޮސް އެތަނުގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ހަވީރުގެ ވަގުތެއް ކަމުން އެ ސަރަހައްދުގައި ކުޑަކުދިން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ދުވަން އައިސް އުޅޭ މީހުންނާއި ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިގެން ނިކުމެ އުޅޭ މީހުން ވެސް މަދެއްނޫނެވެ.
"ސޯ ކީއްކުރަން ހުޅުލެއަށް ދަނީ...." ދައްކާނެ ވާހަކައެއް ނޭނގި ހުރެ ކަޔާން އަހާލިއެވެ.
"މި ދަނީ ހުޅުލެއަކަށް ނޫން... ހުޅުމާލެއަށް.... ހުޅުމާލެއަށް ދާ ބަސް އަންނަނީ 20 މިނެޓް ފަހުން...." އަލީނާ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.
"އޯކޭ... އޯކޭ.. ހުޅުމާލެއަށް ކީއްކުރަން ދަނީ..." ކަޔާން އޭނަ ކުރި ސުވާލު ރަނގަޅު ކޮށްލިއެވެ.
"އައި ލިވް ދެއަރ.... މާލެ އިޒް ބޯރިން... ފުނިޖެހިފަ.... އާދެބަލަ އެއްދުވަހަކުން އެކޮޅަށް.... އެހާ މީހުން އުޅޭ އިރުވެސް ތޮށްޖެހިފަ ހެނެއް ހިޔެއް ނުވޭ.... އަނެއްކޮޅުން ހުރިހާ ޚިދުމަތެއް މިހާރު ލިބެން ހުރޭ.... ސަރުކާރު އޮފީސްތައްވެސް.... ކަޔާންގެ މަންމަމެން ކައިރީވެސް ބުނެބަލަ ތި އުޅޭ ކުޑަ ތަންކޮޅު ދޫކޮށްލާފަ ހުޅުމާލެ ޗޭންޖް ވާށޭ...."
އަލީނާ ވާހަކަ ދައްކަދައްކާ ހުއްޓާ ފެނުނީ ހުޅުމާލެއަށް ދަތުރުކުރާ އެމްޓީ.ސީ.ސީގެ ބަސް ބަސް ސްޓޮޕް ކައިރިއަށް މަޑުކޮށްލި ތަނެވެ. ކަޔާނަށް ޝުކުރު އަދާކުރަމުން އަލީނާ އެދިމާއަށް ދިޔައެވެ. ބަހަށް އަރަމުން ބަހުގައި ހަރުކޮށްފައި ހުރި ކާޑް މެޝިންގައި އަލީނާގެ ދަބަހުން ނެގި ދަތުރުކާޑު ސްކޭން ކޮށްލިއެވެ. ބަހަށް އަރާ ހަމަޖެހިލަމުން ފަސްއެނބުރި ކަޔާނަށް ބަލާލުމަށްފަހު އަތްހަނާ އަޅާލީ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރި ކުރުވަމުންނެވެ. ފަސް ވަރަކަށް މިނިޓު ތެރޭގައި ބަސް މުޅިންހެން ފުރިއްޖެއެވެ.
އޭގެ މިސްރާބު ފެއްޓީ ހުޅުމާލެއަށް ދިއުމަށެވެ. ދެކޮޅަށް ދުއްވަން ވަކިވަކި ލޭންތައް ހަދާފައިވާ އެ ބްރިޖްގެ ވާތްފަރާތުން ބަސް ދުއްވާފައި ދިޔައެވެ. ދެފަރާތުން ކާރާއި ބަސް ފަދަ އެއްގަމު އުޅަނދު ފަހަރު ބާރު ސްޕީޑްގައި ދުއްވަމުން ދިޔައެވެ. ހަވީރު ފިންޏަށާއި ކަސްރަތަށް ބައިސްކަލް ދުއްވަން އުޅޭ މީހުންވެސް އެމީހުންނަށް ހާއްސަ ކުރެވިފައިވާ ލޭނުން ދުއްވަމުން ދާލެއް ވަކި މަދެއް ނޫނެވެ. ކަޔާން ފެނި މާޒީގެ ހަނދާންތައް އާވުމުން އަލީނާ އިނީ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވެފައެވެ.
ބަސް، އޭގެ ދަތުރު ފެއްޓި އިރުވެސް އަލީނާ ދިޔަ ދިމާލަށް ބަލަން އެހުރި ފިޔަވަޅުމަތީ ގެއްލިފައި ކަޔާނަށް ހުރެވުނީއެވެ. އެވަގުތު ކުއްލިއަކަށް ހަނދާނަށް އައި ކަމަކުން ކަޔާން ދެރަވިއެވެ. އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގައި ހިފާލުމަށްފަހު ދަތްކުނޑި ވިކާލެވުނެވެ. އަލީނާގެ މޯބައިލް ނަންބަރު ހޯދަން އަޒުމް ކަނޑައަޅައިގެން ހުރި ކަޔާނަށް އެކަމުގެ މަތިން ހަނދާންވީ އަލީނާ އެ ބަހަށް އަރާ އޭގެ މަންޒިލަށް ދަތުރު ފެއްޓި ފަހުންނެވެ.
ގެއަށް އާދެވުނު އިރު ގޭގައި އެއްވެސް މީހަކު ނޫޅޭކަން ކަޔާނަށް އެނގުނީ ގެއަށް ވަންނަ ދޮރު ކައިރީ އެއްވެސް ފައިވާނެއް ފެންނަން ނެތުމުންނެވެ. ގެއަށް ވަނުމަށްފަހު ޓީވީ ހުޅުވާލީ ބަލާލަން ރަނގަޅު ޕްރޮގްރާމެއް ދައްކާތޯއެވެ. އެކި ޗެނަލްތަކަށް ބަދަލުކޮށްކޮށް ހުރި ކަޔާނަށް ކަމުދާ ޕްރޮގްރާމެއް ނުފެނުމުން އަވަސްވެގަތީ ކޮޓަރިއަށް ދާށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ސީލިންގްގައިވާ ފަންކާއަށް ބަލަން އޮވެވުނީ މިއަދު ހަވީރު ވެދިޔަ ކަންތައްތައް ކަޔާނުގެ ސިކުނޑީގައި އެނބުރެން ފެށުމުންނެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު އަލީނާއާއި ބައްދަލުވުމުން ކަޔާން ވަރަށް އުފާވިއެވެ.
އަލީނާގެ ހިނިތުންވުމާއި، ވާހަކަ ދައްކާއިރު މޫނު މައްޗަށް ޖައްސާ ވައްތަރުތައް ވަރަށް މަޖަލެވެ. އަތުގެ ހަރަކާތްތަކާއި ނިތްކުރި މައްޗަށް ވެއްޓޭ ފަން އިސްތަށިކޮޅު، ދެ ޖުމްލަ ދެމެދުން، ކަންފަތު ބުޑަށް މަހާލާގޮތް އެއީ ކަޔާނަށް ވަރަށް ހިތްގައިމު ކަންތައްތަކެކެވެ. މިޒަމާނުގެ ބައެއް އަންހެން ކުދިންނަކީ ވާހަކަ ދެއްކުމުގައި ފިރިހެން ކުދިން ބޭނުންކޮށް އުޅޭފަދަ 'ކޫލް' ބަސްތައް ބޭނުންކުރާ ކުދިންނެވެ. ނަމަވެސް އަލީނާ ވާހަކަ ދެއްކުމުގައި ވަރަށް އާދައިގެ ގޮތްތަކެއްް ގެންގުޅޭތީ އެކަމާ ކަޔާން ވަރަށް ގަޔާވެއެވެ.
އަލީނާގެ ފުރިހަމަ ސިފަތަކަށް ގެއްލިފައި ކަޔާން އޮތުމަށްފަހު ކުއްލިއަކަށް ތެދުވެ އެނދުގެ ހެޑްބޯޑާއި އެނދުމައްޗަށް ނަޒަރު ހިންގާލެވުނީ އަލީނާގެ ވާހަކަ ފޮތް މަތިން ހަނދާން ވެގެންނެވެ. ވާހަކަ ފޮތް ފެންނަން ނެތުމުން ކަންބޮޑުވިއެވެ. މިއަދު ކަޔާންގެ މަންމަ ކޮޓަރި ސާފުކުރީ ކަން ހަނދާންވުމުން ފޮތް ބަހައްޓާ ޝެލްފަށް ބަލާލިއެވެ. ޝެލްފް މަތިން އެ ވާހަކަފޮތް ނެގުމަށްފަހު ކުރިން ކިޔަން ފަށާފައިވާ ޞަފްހާ ހުޅުވާލިއެވެ.
*** *** *** *** *** *** ***
ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ގަސްތަކުގެ ގޮފިތަކާއި ހިކިފައިހުރި ފަތްތައް މުގުރުމުން ގޮވާ އަޑުއިވެމުން ދިޔައެވެ. ބިރުގެންފައިވާ މަޒީންގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ.
އެ މަގުން ހުރިގޮތަށް ގޮސް ޖެހިގެން ހުރިމަގަށް ލަނބާލަން ދިޔަވަގުތު ލޮލުގެ ކޮޅުން ގަދަ އަލިގަނޑެއް ފާޅުވާން ފެށިއެވެ. އެ އަލިގަނޑާ ދިމާލަށް ބަލަން ހުރެވުނީ ހައިރާންވެ އަންތަރީސް ވެފައެވެ. މަޒީންގެ ހަޔާތުގައި އަދި މިކަހަލަ ކަމަކާއި ކުރިމަތިލާފައި ނުވާތީ އެ ފިޔަވަޅުމަތީ ގަބުއަރާފައި ބަލަން ހުރެވުނީއެވެ.
އެ އަލިގަނޑަށް ބަލަން މަޒީނަށް ހުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެ އަލިގަނޑު މަޒީނާ ދިމާލަށް އަންނަމުން ދިޔަކަން ފާހަގަވުމުން މަޒީން ގަތީ އަމަށަކު ބިރެއްނޫނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާ ފަސް އެނބުރި އައިމަގާ ދިމާލަށް ދުއްވައިގަތެވެ. ގަސްތަކުގެ ގޮފިތަކުން ރެކެމުން ގޮނޑުދޮށަށް ދެވެން އޮތްމަގުން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ހާސްވެ މުޅި މީހާ ހުރީ ދަލުން ތެމި ފޯވެފައެވެ. ގަސްތަކުގެ ތެރެއިން ދުވަމުން ނުކުންނަން މަސައްކަތް ކުރަމުން ދިޔައެވެ. މަޒީންގެ ފަހަތުން އެ އަލިގަނޑު އައީ ވަރަށް ހަލުވި ބާރުމިނެއްގައެވެ. މަންޒިލާ ވަރަށް ގާތްވެއްޖެއެވެ. އޭރު މަޒީނަށް ގަސްތަކުގެ ތެރެއިން ނިކުމެވެނީއެވެ. އަލިގަނޑު ވީ ހިސާބެއް ބެލުމަށް ފަހަތަށް ބަލާލެވުނެވެ. ނަމަވެސް ދެން ކުރިޔަށް އެޅި ފިޔަވަޅު އަޅައިގަތީ ގަހެއްގެ މޫގަނޑުގައެވެ. އަގަވަތަށް ދޮންވެލިގަނޑު މައްޗަށް މަޒީންް ވެއްޓުނެވެ.
ފަސް އެނބުރި ބެލިއިރު އެ އަލިގަނޑު ހުރީ މަޒީނާ ދިހަވަރަކަށް ފޫޓު ދުރުގައެވެ. ވެލިގަނޑުމަތީ އޮވެ ހަތަރު މޮށްގަނޑު ޖަހައިގެން ފިރުކެމުން އެގަސްތަކުގެ ތެރެއިން ގޮނޑުދޮށަށް ނުކުމެވިއްޖެއެވެ. އޭރު ޓެންޓުތަކުގެ ކައިރީގައި ދަތުރުގެ އެހެން ބައިވެރިން އުޅޭތަން ދުރުދުރުން ފެނުނެވެ. މަޒީން ތެދުވަމުން ފަސްއެނބުރި ބަލާލީ އަލިގަނޑު މަތިން ހަނދާންވުމުންނެވެ. އޭރު އެ އަލިގަނޑު މަޑުމަޑުން އަންނަތަން ފެނުނެވެ. ގަސްތަކުން ބޭރަށް އަލިގަނޑު ނުކުތުމުން މަޒީނަށް ލިބުނީ ހައިރާންކަމެކެވެ.
އެއީ އަލިގަނޑެއް ނޫނެވެ. އެއީ ޒީކްއެވެ. އޭނާގެ އަތުގައި އޮތީ މަޒީންގެ ފޯނެވެ. ފޯނުގެ ފްލޭޝް ލައިޓް ދިއްލައިގެން ޒީކް ހުރީ ގަބުއަރާފައި ހުރި ބުދެއް ފަދައިންނެވެ. އޭނާގެ ހަށިގަނޑުގައި ކިލަޔާއި ވެލީގެ އަސަރު ފެންނަން ހުއްޓެވެ. ހާވާލާފައިވާ އިސްތަށިގަނޑުގައި އެއްވެސް ތަރުުތީބެއް ނެތެވެ. މަޒީން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒީކްގެ ގާތަށް ހުއްޓުނެވެ. އަދި ތިހުރީ ކިހިނެއް ވެފައިތޯ ސުވާލުކޮށްލިއެވެ. ޒީކްގެ ދުލުން ބަހެއް ނުބުނެ މަޒީންގެ ލޮލަށް ބަލަންހުރީ އަޖައިބުވެފައެވެ. ޒީކްގެ ފަރާތުން ޖާވާބެއް ނުލިބުމުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާ މަޒީން ތަޅުވާލިއެވެ. "ޒީކް.... ވާހަކަ ދައްކަބަލަ... ކިހިނެއްތަވީ... ކީއްވެ އެކަނި ގަސްތަކުގެ ތެރެއަށް ދިޔައީ.."
އަދިވެސް ޒީކްހުރީ ބަަހެއް ނުބުނެވިފައެވެ. ނަމަވެސް ޒީކްގެ ލޮލުން ފެންނަމުން ދިޔައީ ތަފާތުކަމެކެވެ. އެއީ ކުރިން ޒީކްގެ ލޮލުން ފެންނަމުން ދިޔަ ކަހަލަ ކަންތައްތަކެއް ނޫނެވެ. ލޮލުގެ ތެރެއިން ވިދާ ބަބުޅަމުންދިޔަ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބައިގަތެވެ. އޭރުވެސް ޒީކް ހުރީ މަޒީނާ ހަތަރު ކަޅި ހަމަކޮށްގެންނެވެ. ޒީކްގެ ހާލަތު ފެނި މަޒީންގެ ހިތަށް ވަރަށް އުނދަގޫވިއެވެ. ޒީކްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަދި ގަޔާލާ ބާރުކޮށްލަމުން މަޒީން ފުންނޭވައެއް ދޫކޮށްލިއެވެ.
"ޒީކް.... ކިރިޔާއެއްނުން އަހަރެން މޮޔަ ނުވީ... ކޮންތާކަށް ތި ދިޔައީ..." މަޒީންގެ ދުލުން ބޭރުވަމުން ދިޔަ ޖުމްލަ މެދުކަނޑާލީ ޒީކްގެ ހަށިގަނޑުން ވަރު ދޫވާހެން ހީވުމުންނެވެ. ޒީކްގެ ހެޔެއް ނެތެވެ. މަޒީން ހުޝިޔާރު ކަމާއެކު އަތްދަޑި މައްޗަށް ޒީކް ލާ އުރާލިއެވެ. އަދި ޒީކް ގޮވައިގެން ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ހޭނެތިފައިވާ ޒީކް އުރާލައިގެން ޓެންޓުތަކާއި ދިމާލަށް އަވަސް ފިޔަވަޅުތެކެއްގައި އައި މަޒީން ފެނުމުން ތޫބާމެންނަށް ލިބުނީ ހައިރާން ކަމެކެވެ. މަޒީންގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިޔަސް ކަމުން އަވަސް އަވަހަށް މަޒީނާ ދިމާލަށް އެންމެން ދުއްވައިގަތީ ކަމެއް ގޯސްވެއްޖެކަން ލަފާ ކުރެވުމުންނެވެ. އަލިފާންގަނޑާ އަރާ ހަމަވުމުން ކަކޫޖަހާ ބިންމައްޗަށް ތިރިވެ ވެލިގަނޑު މަތީގައި ޒީކް ބޭއްވިއެވެ. އެންމެން އެއް ފަހަރާ ސުވާލުކުރަމުން ދިޔައީ ޒީކަށް ވީގޮތެއް ބެލުމުގެ ބޭނުމުގައެވެ. އެންމެންގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ.
ވެފައި ހުރި ވަރުބަލިން މަޒީން ބުނެލީ އޭނާ ހޭނެތުނީ ކަމަށެވެ. މިންނާ އެމީހުންގެ ތެރެއަށް ވަދެގެން އައީ ފެންފުޅިއެއް ހިފައިގެންނެވެ. ނަރުސްކަން ކިޔަވަމުން ދާ މިންނާ، ޒީކާއި ކައިރިވެ އަވަސް ފަރުވާ ދިނުމުގައި އަވަސްވެގަތެވެ. ނޭވާލާާތޯ ބަލާލުމަށްފަހު އަތުގެ ކުޑަހުޅާ ދިމާލުގައި ހިފާލުމަށްފަހު ވިންދު ބަލާލިއެވެ. މިންނާ ހިފައިގެން އައި ފެންފުޅިން ފެންފޮދެއް ނަގާ މޫނަށް ބުރުވާލިއެވެ. އަދި މޫނުގެ ދެފަރާތުގައި މަޑުމަޑުން ތަޅަމުން ޒީކަށް ގޮވަމުން ދިޔައެވެ. ޒީކްގެ އަތުގައި ހިފަމުން ތޫބާ ގާތްވެލުމުން މިންނާ ފުންނަޒަރަކުން ތޫބާއަށް ބަލާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.
"ވިޝާލް، ގެނެސްދީބަލަ ރަޖާގަނޑު... ޒީކް ފިނިކަމުން ހީވަނީ ގަނޑުފެން ގަނޑެއްހެން...." ވިޝާލާ ދިމާލާ އަތުން ހަނާ އަޅަމުން ރަޖާ ގެނެސް ދިނުމަށް ތޫބާ އެދުނެވެ.
މިމަންޒަރު ބަލަން މަޒީނަށް ހުރެވުނީ ވެދިޔަ ކަންތައްގަނޑު މަތިން ހިތަށްއަރާފައި އެކަމާ އިންތިހާއަށް ބިރުގެންފައެވެ. ޒީކަށް މި ވީ ކިހިނެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ. މެދުކެނޑުމެއްނެތި މިންނާ އަދިވެސް ޒީކަށް ގޮވަމުން ދިޔައެވެ. ޒީކް މަޑުމަޑުން އޭނާގެ ލޯ ހުޅުވާލިއެވެ. ވަށައިގެން ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އަދި އެންމެންގެ ތެރެއިން ލީވާން ފެނުމުން އޭނާއަށް ބަލަން ހުރީ ބުޅާ މަސްގަނޑާ ދިމާލަށް ބަލަން ހުންނަ ފަދައަކުންނެވެ. ވެލިގަނޑު މަތިން ތެދުވަން މަސައްކަތް ކުރަން ފެށުމުން މަޒީން ހަލުވިކަމާއި އެކީ ޒީކަށް އެހީތެރި ވެދިނުމުގެ ގޮތުން އަތުގައި ހިފާލިއެވެ.
ޒީކް ގޮވައިގެން ޓެންޓުތެރެއަށް ދިޔުމަށް ހިނގައި ގަންނަމުން ޒީކްގެ ކޮނޑުގައި ހިފާ މަޒީންގެ ހަށިގަނޑާ ޒީކް ގާތްކޮށްލިއެވެ. އެ ވަގުތު މަޒީނާ ދިމާލަށް ޒީކް ބަލާލީ ވަރަށް ހާސްވެހުރެއެވެ. ޓެންޓުތެރެއަށް ވަނުމަށްފަހު ޒީކް އޭނާގެ ތަންމަތީގައި އިށީންދެ ފޯނު ނަގާ ފޯނާ ކުޅެންފެށިއެވެ. މަޒީން ހުރީ ޖެހިލުން ވެފައެވެ. ނަމަވެސް ޒީކާ ދާދި ގާތުގައި އިށީނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
"ޒީކް... ކީއްކުރަން ގަސްތަކުގެ ތެރެއަށް ދިޔައީ.... އަހަރެން ހާދަވަރަކަށް ޒީކް ހޯދީމޭ.... މަންމައާ ފޯނުން ވާހަކަ ދައްކާ ނިންމާފަ ބެލި އިރު ޒީކް ފެންނަ ހިސާބުގައެއް ނެތް..." މަޒީން ބޭނުންވީ ޒީކް ގަސްތަކުގެ ތެރެއަށް ދިޔަ ސަބަބު އޮޅުން ފިލުވާށެވެ.
"ކަމެއް ނުވޭ.... ލަވަ އަޑުއަހަން ހުރެ ހިނގަމުން ހިނގަމުން ދެވުނީ.... މަޒީން ފޯނުގައި އެބަހުރި ވަރަށް ހިތްގައިމު ދިވެހިލަވަ.... އަހަރެން ވަރަށް ގިނައިން އަޑުއަހާފަ ހުރި ލަވަތައް އެބަހުރި..... މަގޭ ފޯނަށް އެ ލަވަތައް އަޅައި ދީފާނަންތަ؟"
ޒީކްގެ އެދުމަށް އެއްބަސްވެ ބޯ ޖަހާލަމުން މަޒީން ޒީކްގެ ފޯނުގައި ހިފިއެވެ. އަދި އެބަ އަންނަމޭ ބުނެ ޓެންޓުން ބޭރަށް ނުކުމެގެން ގޮސް މަޒީންގެ ޓެންޓަށް ވަދެ އެ ފޯނު މަޒީންގެ ލެޕްޓޮޕަށް ގުޅާލިއެވެ. މަޒީންގެ ލެޕްޓޮޕްގައިވާ ހުރިހާ މުސްކުޅި ދިވެހި ލަވަތައް އެ ފޯނަށް އަޅައިދިނެވެ. އެ ވަގުތު ކޮޅުގައި މަޒީންގެ ހަނދާނަށް އައީ ދޮންވެލިގަނޑު މަތީގައި ހުރެ ދިވެހި ލަވަ ޖަހަން ފެށުމުން ޒީކް ބުނެލި ބަހެވެ.
{"ކޮން މުސްކުޅި ލަވައެއް ތި ޖަހަނީ... އައި ހޭޓް ދިވެހި ސޯންގްސް... ނިކަން ރޮމޭންޓިކް އިނގިރޭސި ލަވައެއް ޖަހާލަބަލަ...."}
- ނުނިމޭ -