ފަރުމަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް 'ކަނޑުފަޅުގެ ނަފާ' ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެސްޑީއެފްސީ އިން ބުނީ މި ލޯނު ޕްރޮގްރާމަކީ ފަރުމަސްވެރިކަން ކުރި އެރުވުމަށް އެސްޑީއެފްސީ އާއި މަސްވެރި ވުޒާރާ ގުޅިގެން ފަރުމަސްވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޫކުރާ ލޯނެއްކަމަށެވެ. މިލޯނުގެ މަގުސަދަކީ ފަރުމަސްވެރި ކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެއުމަށް އެހީތެރިވުން ކަމުގައި އެސްޑީއެފްސީ އިން ވަނީ ބުނެފައެވެ.

މި ލޯނަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭ އިރު މި ލޯނު ސްކީމުގެ ދަށުން 700،000 ރުފިޔާއާއި ހަމައަށް ދޫކުރާނެއެވެ. މި ލޯނު 10 އަހަރަށް ބަހާލައިގެން ދެެއްކޭއިރު ލޯނުގެ ގްރޭސް ޕީރިއަޑަކީ 06 މަސް ދުވަހެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 50 ޕަސެންޓެވެ.

މަސްވެރިކަން ކުރިއެރުވުމަށް މީގެ ކުރިންވެސް ކަނޑުފަޅު ނަފާގެ ދަށުން ވަނީ ލޯނު ދޫކޮށްފައެވެ. މިގޮތުން އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ވަނީ ލޯނު ދޫކޮށްފައެވެ.